
މިއަދުގެ ގޫގުލް ޑޫޑްލްގައި ށ. އެރިޔަދޫ
SHARE
ދުނިޔޭގެ އެއްވަނަ ސާޗް އިންޖީނު، ގޫގުލްގެ މިއަދުގެ ޚާއްސަ "ޑޫޑްލް"ގައި ރާއްޖޭގެ ރަށެއްގެ ފޮޓޯ ހިމަނައިފިއެވެ.

ޚާއްސަ މުނާސަބަތުތައް ފާހަގަކުރުމަށް ގޫގްލްގެ ވެބްސައިޓުން އެ ކުންފުނީގެ ލޯގޯ ފެންނަ ގޮތް ތަފާތުކޮށްލުމަކީ ގޫގުލްއިން އަަބަދުވެސް ކުރާ ކަމެެކެވެ. މިގޮތަށް، މުނާސަބަތުތަކަށް ޚާއްސަކޮށް ތައްޔާރުކުރާ ލޯގޯތަކަށް "ގޫގްލް ޑޫޑްލް"އޭ ކިޔައެވެ.
މިއަދު ފާހަގަކުރާ "އާތު ޑޭ" (ދުނިޔޭގެ ދުވަސް)ގެ މުނާސަބަތުގައި އެ ކުންފުނިން ޑޫޑްލް ފަރުމާކޮށްފައިވަނީ ދުނިޔޭގެ އެކި ހިސާބުތަކުން ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން ގޫގުލްގެ ނަން ރަމްޒުވާ ގޮތަށެވެ. އެގޮތުން އެ ނަމުގައި ހިމެނޭ އިނގެރޭސި ކޮންމެ އަކުރަކަށް ފޮޓޯއެއް ވަނީ ހިމަނާފައެވެ.
ގޫގުލްގެ ނަން ފެށޭ "ޖީ" އަކުރު ރަމްޒުކޮށް ދިނުމަށް ބޭނުންކޮށްފައިވަނީ ރާއްޖޭގެ ފަޅުރަށެއް ކަމަށްވާ ށ. އެރިޔަދޫގެ ފޮޓޯއެކެވެ. މީގެ އިތުރުން ފްރާންސް، އާޖެންޓީނާ، ކެނެޑާ، ޔޫއެސްއޭ، އަދި އޮސްޓްރޭލިއާގެ ސަރަހައްދުތަކުގެ ފޮޓޯތައް މި ޑޫޑްލްގައި ވަނީ ހިމަނާފައެވެ. ގޫގުލް އިން ބުނީ މި ފޮޓޯތައް ޑޫޑުލްގައި ހިމެނުމަށް އިޚްތިޔާރުކޮށްފައިވަނީ ދުނިޔޭގެ ބިމުގެ ތަފާތު މަންޒަރުތައް ދައްކައިދިނުމަށް ކަމަށެވެ.
ށ. އެރިޔަދޫ އަކީ ބިމާއި ފަޅުގެ ޖާގައިގެ ގޮތުން ބޮޑު ރަށެކެވެ. ގުދުރަތީ ގޮތުން އެ ރަށުގައި އަމާން ފަޅެއް އުފެދިފައިވެއެވެ. ރަށުގެ ފުއްޓަރު ފަރާތުގައި ރީތި ކުޅިއެއް ވެސް އޮވެއެވެ. އެ ރަށާ އެންމެ ކައިރީގައި އޮންނަ މީހުން ދިރިއުޅޭ ރަށަކީ އަތޮޅުވެރިކަން ކުރާ ފުނަދޫއެވެ.
.png&w=3840&q=75)
އެރިޔަދޫ މިހާރު ސަރުކާރުން ދޫކޮށްފައިވަނީ ސޫފިލަނޑާ އާލާކުރުމުގެ މަސައްކަތަށެވެ. ކޮންމެވެސް ވަރަކަށް އެ ރަށުގައި ދަނޑުވެރިކަމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.