
އެޗްޑީސީގެ ޑިރެކްޓަރު އިސޫ / ފޮޓޯ: އިޔާން (އަދަދު)
SHARE
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޑިރެކްޓަރުގެ މަގާމުގައި ހުރި އިސްމާއިލް އަބްދުއްރަހީމް (އިސޫ)އަށް ހަމަލާ ދިން މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ.

މިކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފަ އެވެ.
މި މާރާމާރީގައި ހައްޔަރުކުރީ އުމުރުން 21 އަހަރުގެ މީހެކެވެ. އޭނާގެ ވަނަވަރު ހާމަކޮށްފައެއް ނުވެ އެވެ. އޭނާ ހައްޔަރު ކުރީ އޭނާއަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމުންނެވެ. އިސޫއަށް ލިބުނު އަނިޔާތަކަށް ވެސް ހޮސްޕިޓަލުން ފަރުވާ ހޯދާފައިވެ އެވެ.
މި މާރާމާރީ ހިނގާފައިވަނީ ހުޅުމާލެ ފޭސް ދޭއްގެ ފަރުކޮޅުފުށި ހިއްކި ބިމުގައި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެ އެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިރޭ އިރުއޮއްސި 6:37 ހާއިރު އެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭ ތަފްސީލުތައް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އިސޫއަކީ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވުނު މީހެކެވެ. އެހެންނަމަވެސް ޓެރަރިޒަމްގެ އަމަލެއް ހިންގަން އެހީވިކަމަށް ކުރި ދައުވާތައް އަނބުރާ ގެންދިޔައީ އެކަށީގެންވާ މިންވަރަށް ހެކި ނެތުމުންނެވެ.
އެއަށްފަހު އެޗްޑީސީގެ ޑިރެކްޓަރުގެ މަގާމަށް އޭނާ އައްޔަނު ކުރީ މި ވެރިކަމުގަ އެވެ.




