އެމެރިކާއިން ރާއްޖެއަށް "ކްރައިމް ސީން"ގައި ޑްރަގު ޓެސްޓުކުރެވޭނެ ކިޓުތަކެއް ހަދިޔާކޮށްފި
ސައިފުﷲ އަލީ

އެމެރިކާއިން ހަދިޔާކުރި ޑްރަގު ކިޓުތައް / ފޮޓޯ: ފުލުހުން
SHARE
އެމެރިކާއިން ރާއްޖެއަށް މަސްތުވާތަކެތި ތަހުލީލުކުރުމަށް ބޭނުންކުރާ 150 "ފީލްޑް ޓެސްޓިން ކިޓް" ހަދިޔާކޮށްފި އެވެ.

މިއީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ބިއުރޯ އޮފް އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްގެ އެހީގައި، ޔޫއެންއޯޑީސީ މެދުވެރިކޮށް ފޯރުކޮށްދީފައިވާ، ގާތްގަނޑަކަށް 24,000 އެމެރިކާ ޑޮލަރުގެ އަގުހުރި ކިޓުތަކެއް ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
މިއީ ވީހާވެސް އަވަހަށް ޑްރަގް ޓެސްޓުކުރުމަށް ބޭނުންކުރެވޭނެ ކިޓުތަކެކެވެ. އެހެންކަމުން "ކްރައިމް ސީން"ގައި ވެސް މި ކިޓުތައް ބޭނުންކޮށް ތަހުގީގުގެ މަސައްކަތްތައް އަވަސްވެ، މައްސަލައިގެ ކުރީކޮޅު ހެކިތަކެއް ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ. މި ކިޓުތަކުގެ އެހީގައި، އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުންނަށް، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބާވަތްތަކާއި ކެމިކަލްތައް އެ ވަގުތުން ވަގުތަށް ދެނެގަނެވޭނެ ކަމަށް ފުލުހުން ބުނެ އެވެ.
އެމެރިކާއިން ހަދިޔާކުރި ޑްރަގު ކިޓުތައް ފުލުހުންނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ފުލުހުން
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއަކީ މި ގައުމަށް ފާއިތުވި އަހަރުތަކުގައި ކުރިމަތިވި އެންމެ ބޮޑު ވަބާ ކަމަށެވެ. މީގެ ނަތީޖާ ޖީލުތަކަކަށް ދެމިގެންގޮސް އެތައް ޒުވާނުންނެއްގެ ގާބިލުކަން ގެއްލިފައިވާކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.
"މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމާއި އެތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމަކީ ފުލުހުންގެ މުއައްސަސާގެ އެންމެ އިސް އެއް އަމާޒު،" ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.
"ފީލްޑް ޓެސްޓިންގ ކިޓް"ތަކުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވައި ކޮމިޝަނަރު ވިދާޅުވީ މަސްތުވާތަކެތީގެ ވިއުގަތައް ރޫޅާލުމަށްޓަކައި ބައިނަލްއަގުވާމީ ގުޅުންތަކާއި، އެކަމަށް ތަމްރީނުވެފައިވާ އޮފިސަރުންގެ އިތުރުން ޒަމާނީ ވަސީލަތްތައް މުހިންމު ކަމަށެވެ.
"މިއީ ހަމައެކަނި ފޯރުކޮށްދެވުނު އާލާތްތަކެއް ނޫން. މިއީ އަޅުގަނޑުމެންގެ މެދުގައި އޮތް އިތުބާރާއި، ގުޅިގެން މަސައްކަތްކުރުމާއި، މަސްތުވާތަކެތި ނައްތާލުމަށް ގުޅީގެން ކުރާ މަސައްކަތުގެ ރަމްޒެއް،" ކޮމިޝަނަރ ވިދާޅުވިއެވެ.
މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓީޖިކް ޕްލޭން 2024-2028 އާ ސީދާ ގުޅުންހުރި ކަމެއްކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ތަހުގީގުގެ ދާއިރާ ހަރުދަނާކުރުމާއި، ފުލުހުންގެ މަސައްކަތްތަކުގައި ސައިންސާއި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ އިތުރުން، ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކޮށްގެން ބޯޑަރު ހުރަސްކޮށް ކުރާ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް މީގެ ސަބަބުން އެހީއަކަށްވެގެންދާނެކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.



