ޝަހީދު ޢަލީ ސުކޫލުގެ 45 ދަރިވަރުން ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ފުރިހަމަކޮށްފި
ފާތިމަތު މިޝްކާ
ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ސެޓިފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕޮލިސް
SHARE
ހުޅުމާލެ ފޭސް 2ގައި ހުންނަ ޝަހީދު ޢަލީ ސުކޫލުގެ 45 ދަރިވަރުން ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ފުރިހަމަކޮށްފިއެވެ.

މި ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމަށް މި އޮގަސްޓު މަހުގެ 8 ވަނަ ދުވަހު އެ ސުކޫލުގައި ބޭއްވި ރަސްމިޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ އެވެ.
މި ރަސްމިއްޔާތުގައި، ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ފުރިހަމަކުރި 45 ދަރިވަރުންނަށް ސެޓްފިކެޓް ދީފައިވެ އެވެ. އެ ދަރިވަރުންނަށް ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި އޮގަސްޓު މަހުގެ 8 އިން 13 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮގްރާމްގެ ތެރެއިން މައުލޫމާތު ދިނުމުގެ ކުލާސްތަކާއި އަމަލީ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިތަކުގެ މައުލޫމާތާއި، ސުކޫލު ސަރަހައްދުގައި ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ހަރަކާތްތެރިވާނެ ގޮތްތަކާއި ދިމާވާ މައްސަލަތައް ހައްލުކުރާނެގޮތްތަކާއި މުއާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދީފައިވެ އެވެ.
ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް ސެޓިފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕޮލިސް
މި ޕްރޮގްރާމް ކުރިއަށް ގެންދިޔަ މުއްދަތުގައި، އެ މަދަރުސާގެ ގްރޭޑް 5 ގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. އެ ސެޝަންތަކުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަމާއި މަގުމަތީގައި އުޅޭއިރު ހާއްސަގޮތެއްގައި ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ބެލެނިވެރިންނަށް މައުލޫމާތު ދީފައިވެ އެވެ.
ޓްރެފިކް މޮނީޓާސް ޕްރޮގާރަމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި ސުކޫލުތައް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރިކުރުވައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ނަގަހައްޓާނެ ޖީލެއް ބިނާކުރުމަށް ހިންގާ ޕްރޮގްރާމެކެވެ.


