logo
World Cup 2026

ފުލުހުންގެ އެންމެ ބޮޑު ހަތިޔާރަކީ ބެޓަނާއި ޕެޕަރ ސްޕްރޭއެއް ނޫން، ނަޒާހަތްތެރިކަމާއި ހިތްތިރިކަން: އިހްސާން

ފާތިމަތު މިޝްކާ

4 ޖުލައި 2026 - 06:38
ފުލުހުންގެ އެންމެ ބޮޑު ހަތިޔާރަކީ ބެޓަނާއި ޕެޕަރ ސްޕްރޭއެއް ނޫން، ނަޒާހަތްތެރިކަމާއި ހިތްތިރިކަން: އިހްސާން

ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ވަޒީރު އަލީ އިހްސާން / ފޮޓޯ: ޕޮލިސް މީޑިޔާ

SHARE

ފުލުހުންގެ އެންމެ ބޮޑު ހަތިޔާރަކީ ބެޓަނާއި ޕެޕަރ ސްޕްރޭ ނޫންކަމަށާއި ފުލުހުން މަސައްކަތް ކުރަން ޖެހޭނީ ނަޒާހަތްތެރިކަމާއި ހިތްތިރިކަމާއެކު ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ބޭއްވި ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވެ ހިނގާލުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އިހްސާން ވިދާޅުވީ ރައްޔިތުން ކުރާ އިތުބާރާއި ޔަގީންކަން ދެމެހެއްޓުމަށްޓަކައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ހިތްތިރިކަމާއެކު ހިދުމަތް ކުރަންޖެހޭނެ ކަމަށެވެ.

އޮފިސަރުންގެ އިންޓެގްރިޓީ ނުވަތަ ނަޒާހަތްތެރިކަން "ކޮމްޕްރޮމައިޒްކޮށްލާ" ނުވަތަ ގެއްލުވާލައި ދުވަހަކީ ފުލުހުންގެ ޔުނިފޯމް އެޅުމުގެ ހައްގު ގެއްލޭނެ ދުވަސްކަން ހަނދާންކޮށް ދެއްވިއެވެ.

އިހްސާންގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ދާޚިލީ ސަލާމަތާއި ހަމަޖެހުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މަސްތުވާތަކެތީގެ ވަބާކަން ފާހަގަކުރެއްވި އެވެ. މި ވަބާއިން ގައުމު ސަލާމަތްކުރުމަށް ފުލުހުންނާ ހަވާލުކޮށްފައިވާ މަސައްކަތަކީ އެންމެ މުހިންމު ގައުމީ މިޝަންކަމަށާއި އެކަން ކާމިޔާބުކަމާއެކު ނިންމުމަށް ވަޒީރު އިލްތިމާސްކުރެއްވި އެވެ.

އިހްސާން ވިދާޅުވީ މަސްތުވާތަކެތީގެ ސަބަބުން ވަކިވަކި ފަރުދުންގެ މުޅި ހަޔާތް ބަރުބާދުވެ، އާއިލާތަކުގެ ތެރޭގައި ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ. އަދި މުޅި މުޖުތަމައުގައި ހިންގާ އޮގަނައިޒްޑް ކްރައިމް ނުވަތަ ރާވައިގެން ހިންގާ ބޮޑެތި ކުށްތަކަށް ބޭނުންވާ ފަންޑުވެސް ހޯދަނީ މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއިންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މިއީ އުނދަގޫ ކަމެއް ނަމަވެސް، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި ދިވެހި ފުލުހުން ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރި މަސައްކަތުން ފަޚުރުވެރިވާފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އަދި އަލަށް ސަފުތަކާ ގުޅުނު ފުލުހުންނާއެކު ކުރެވޭ ބުރަ މަސައްކަތުން، މި ހިނގާ ރިޔާސީ ދައުރުގެ ބާކީއޮތް ދެ އަހަރާއި ބައިގެ ތެރޭގައި މި މައްސަލައަށް ދިވެހި ރައްޔިތުން އެދޭފަދަ ދާއިމީ ހައްލެއް ހޯދައިގަނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ މާދަމާއިން ފެށިގެން ޚިދުމަތަށް ނިކުންނައިރު ކުރިމަތިލާންޖެހޭ ކުށުގެ ވެށި ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. ހާއްސަކޮށް ޑްރަގް ޓްރެފިކް ކުރާ މީހުން ފައިސާގެ މުއާމަލާތް ކުރުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމާއި، ސައިބަރ ސްޕޭސް އަދި އޮންލައިން ފްރޯޑުގެ އިތުރުން، ޑިޖިޓަލް ކަރަންސީ ބޭނުންކޮށްގެން ހިންގާ މަނީ ލޯންޑްރިންގ ފަދަ ކުށްތައް އިތުރުވެފައިވާތީ، ފުލުހުން ޒަމާނީ ތައުލީމާއި ހާއްސަ ތަމްރީނުތަކުގެ އެހީގައި މިކަންކަމަށް ތައްޔާރުވާންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d