logo

ބަންގްލަދޭޝްގައި ހަމަނުޖެހުންތައް ވަރުގަދަވެ، ދިވެހީން ސަމާލުވާން އެދެފި

މިރާޝް މޫސާ

4 އޯގަސްޓު 2024 - 12:30
ބަންގްލަދޭޝްގައި ހަމަނުޖެހުންތައް ވަރުގަދަވެ، ދިވެހީން ސަމާލުވާން އެދެފި

ފޮރިން މިނިސްޓްރީ

SHARE

ބަންގްލަދޭޝްގައި މިހާރު ހިނގަމުންދާ އެއްވުންތަކާ ގުޅިގެން، އެ ޤައުމުގައި ދިރިއުޅޭ އަދި ދަތުރުކުރާ ދިވެހިންނަށް އިތުރަށް ސަމާލުވުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

ބަންގްލަދޭޝްގައި ސިވިލް ސާވިސް ވަޒީފާތަކަށް މީހުން ނެގުމުގައި ހާއްސަ ކޯޓާއެއް ކަނޑައެޅުމަށް ނިންމުމާ ގުޅިގެން އެކަމާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތައް މަޑުޖެހުމަށްފަހު، އަނެއްކާ ވެސް ވަނީ ވަރުގަދަކޮށްފައެެވެ. އެ މުޒާހަރާތައް ހަމަނުޖެހުން ތަކަކަށް ބަދަލުވެ، ގިނަ ބަޔަކު މަރުވެފައިވެއެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އެ ގައުމުގައި ތިބި ދިވެހިންގެ ހާލު ވަރަށް ގާތުން ބަލަމުންދެއެވެ.

އެގޮތުން، ޗިޓަގޮންގްގައި ތިބި 83 ދަރިވަރުންނާއި، ޑާކާގައި ތިބި ހަތް ދަރިވަރުންނާއި ކޮމިލާގައި ހުރި ދަރިވަރަށް ހައިކޮމިޝަނުން ގަވާއިދުން ގުޅައި ހާލު ބަލަމުންދާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. ޖުމްލަ 119 ދިވެހިން މިވަގުތު ބަންގްލަދޭޝްގައި ތިބިކަމަށް ހައިކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި، އެ ފަރާތްތަކުގެ ހާލު ރަނގަޅުކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"ބަންގްލަދޭޝްގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކުރާ ދިވެހީން މިދުވަސްވަރު އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރަމެވެ." އެ ބަޔާނުގައި ވެއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

މީގެއިތުރުން، ބަންގްލަދޭޝްގެ ބައެއް ސަރަހައްދުތަކުގައި ކާފިއު އިޢުލާންކޮށްފައިވާތީ، އެކަމަށް ސަމާލުވުމަށް ވެސް ފޮރިން މިނިސްޓްރީން އިލްތިމާސް ކޮށްފައިވެއެވެ.

"ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދެއްވާފައިވާ ގޮތަށް ބޭރަށް ނުކުމެނޫޅުމަށާއި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް މިމިނިސްޓްރީއިން އިލްތިމާސް ކުރަމެވެ." އެ ބަޔާނުގައި ވެއެވެ.

އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ. އަދި ހައިކޮމިޝަނާ ގުޅޭނެ މަޢުލޫމާތުވެސް ބަޔާނުގައި ހިމަނާފައިވެއެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/