
SHARE
ދުންފަތުގެ އިސްތިއުމާލުކޮށްގެން ނުޖެހޭ ބައްޔެއްނެތެވެ. ބޮލުން ފެށިގެން ފައިގެ ކުޑަވައި އިނގިއްޔާ ހަމައަށް، ހަށިގަނޑުގެ ބޭރުގަޔާއި، އެތެރޭގައި ހުރި ހުރިހާ ގުނަވަނަކަށް އެއީ ނުރައްކާތެރި ވިހައެކެވެ.

އެކަމަކު، އެއީ މީހުންގެ ތެރޭގައި ޒަމާނުއްސުރެ މަގުބޫލު އެއްޗެކެވެ. ހަފައިގެން ދުފަންވިޔަސް، ސިލުނބަށް އަޅައިގެން ގުޑުގުޑާއިން ދަމަން ވިޔަސް ނުވަތަ ބިޑިި އޮޅައިގެން ބޯންވިޔަސް ބައެއް މީހުންނަށް އެވަރެއް ނެތެވެ.
ސިނގިރެޓް ރޯކޮށްގެން ދެމިދެމިހެން ކުރުވަނީ ސިނގިރެޓް އެކަންޏެއްނޫނެވެ. އުމުރުވެސް ކުރުވެއެވެ. ލިބޭ އާމްދަނީން ބޮޑުބައެއް އުނިވެ އަޅިއަށްވެއެވެ. ބަލި މަޑުކަން ބޮޑުވެ ބޭސްފަރުވާއަށް ކުރަންޖެހޭ ހޭދަ ބޮޑުވެއެވެ. އެހެނެއް ކަމަކު ދުންފަތުގެ އިސްތިއުމާލު ކުރާ ނިސްބަތް ދަށެއްނުވެއެވެ.
އެންމެ ބޮޑު އެއް ސަބަބަކީ ދުންފަތުގައި ހިމެނޭ ދެވިހިފާ މާއްދާ، ނިކޮޓިންއެވެ. ދުންފަތުގެ އިސްތިއުމާލުު ކުރާ މީހާ، ނިކޮޓިންގެ ބޭނުމުގައި ހަށިގަނޑަށް އެ އެތެރެ ކުރަނީ އެއާއެކު އެހެނިހެން އެތައް ވިހަ މާއްދާއެކެވެ. ސިނގިރޭޓު ފޮށީގެ ބޭރުން އެފެންނަ އިންޒާރުގައި ޖަހާފައި އޮންނަ މޭގަނޑުގެ ފޮޓޮއިން އެ ފެންނަނީ ސިނގިރޭޓުގައި ހުންނަ ތާރުގެ ސަބަބުން ކަޅުވެފައިވާ ފުއްޕާމެއެކެވެ. މި ނޫނަސް، ދުންފަތުގެ ދުމުގައި ޖުމްލަ 250އަށް ވުރެ ގިނަ ވިހަ މާއްދާ ހުރެއެވެ.
ދުންފަތުގެ އިސްތިއުމާލާ ދުރުކުރުމުގެ ނަމުގައި ދުންފަތުގެ ބާވަތްތަކުން ނަގާ އިންޕޯޓް ޑިއުޓީ އިންތިހާއަށް ބޮޑެވެ. ކިތަންމެ ޑިއުޓީ ބޮޑަސް، އަދި ބާާޒާރުގައި އަގު ބޮޑުވިޔަސް އެ ބާވާތްތަކުގެ އަގު ހެވެއް ނުވެއެވެ. އިންޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް އެންމެ ގިނައިން ފައިސާ ލިބެނީ ސިނގިރެޓާއި ދުންފަތާ ގުޅުން ހުރި ބާވަތްތަކުންނެވެ.
.png&w=3840&q=75)
މިފަހުން ސަރުކާރަށް އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތައް އާންމުކުރިއިރު އޭގެ ތެރޭގައި އަނެއްކާ ވެސް ދުންފަތުގެ ބާވްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. ސުވާލަކީ ޑިއުޓީ ބޮޑުކޮށްގެން ކުރިން ނުވި އާ ކަމަކަށް ވާންއޮތީ ކޮން ކަމެއްތޯއެވެ.
ތެދެކެވެ. ސިދާކޮށް ސިނގިރެޓް އިސްތިހާރެއް ނުކުރެއެވެ. އިސްތިހާރު ކުރާކަށް ނުވެސްޖެހެއެވެ. ސިނގިރެޓަށްވުރެ ގެއްލުން ކުޑަ ސިނގިރެޓާއި ވާދަކޮށްފާނެ އެއްޗަކަށް ބާޒާރު ލިބުނަ ނުދިނުމަކީ ކުޑަ އިސްތިހާރެއް ނޫނެވެ. ޒަމާނަށް އަންނަ ބަދަލާއެކު ދުންފަތުގެ ބޭނުންނުކޮށް، ހަށިގަނޑަށް ނިކޮޓިން ލިއްބައިދޭ އުފެއްދުންތައް ވެފައިވަނީ އެއަށް ދެވި ހިފާފައި ތިބި ގިނަ ބަޔަކު ދުންފަތާ ދުރަށް ދިއުމަށް އެހީއަކަށެވެ.
ފަހަކަށް އައިސް ދުންފަތުގެ ބާވަތްތަކުގެ ނުރައްކަލުގެ ވާހަކަ ދެއްކުން މަދުވެ، ޕަބްލިކުގެ މުޅި ފޯކަސް ނިކޮޓިން ހުންނަ އެހެން އުފެއްދުންތަކަށް އެނބުރިއްޖެއެވެ. ނިކޮޓިން އަކީ އޭގެ ޒާތުގައި ވެސް ނުރައްކާތެރި، ކެންސަރު ފަދަ ބޮޑެތި ބަލިތަކަށް މަގުފަހި ކުރާ މާއްދާއެކެވެ. އެހެންކަމުން، ދުންފަތުގެ ބާވަތްތަކާ އެއްފަދަައިން އެ އުފެއްދުންތަކުން ވެސް ބޮޑު ޑިއުޓީއެއް ނަގައެވެ.
ވޭޕާއި، އީ ސިނގިރޭޓުގެ ބާވަތްތަކާއި، ނިކޮޓިން ހުންނަ އެހެން އުފެއްދުންތައް އާންމުވަމުން ދިޔަ ނަމަވެސް، އަދި އެކަމާ ދެކޮޅަށް އަޑުއުފުލި ނަމަވެސް، ސިނގިރޭޓާއި، ގުޑުގުޑާ އަދި ދުންފަތުގެ ބާވާތްތަކުގެ ނުރައްކާތެރިކަން އަދި ހަނދާންނައްތާލާކަށް ނުވެއެވެ.

ހަގީގަތުގައި އާބާދީގެ ބޮޑުބައެއް ނިކޮޓިން އެޑިކްޓުންނަށްވީ ދުންފަތުގެ ސަބަބުންނެވެ. އޭގެ ގެއްލުމުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުގެ އެންމެ ކުރިއަށް ނެރެންވީ ވެސް ދުންފަތެވެ.