ސިޔާސީ ފިކުރަކަށް ތާއިދުކުރިޔަސް، ޒާތީ ނުވާން އެބަ ދަސްކުރަންޖެހޭ!
މުހައްމަދު މައިލާން
.jpg&w=3840&q=75)
SHARE
ދެހާސްއަށްވަނަ އަހަރުގެ ފެހި ޤާނޫނު އަސާސީ ވުޖޫދުވުމާއެކު، ރާއްޖޭގެ ސިޔާސީ ނިޒާމަށް އައި ބަދަލުތަކުގެތެރެއިން ސިޔާސީ ޕާޓީ އުފައްދާ ހިންގުމުގެ ހުއްދަ ލިބިގެން ދިޔައެވެ. އެގޮތުން އުފެދުނު ޕާޓީތައް އާރާއި ބާރުގައި އުޅެ އޮއްސުނުތަންވެސް އަޅުގަނޑުމެންނަށް ފެނިއްޖެއެވެ. ނަމަވެސް، ސިޔާސީ ޕާޓީތައް ތަޢާރަފުވީ ދިވެހިން އެއަށް ތައްޔާރަށް ތިއްބައިތޯ އެއީ ކުރަން ރަނގަޅު ސުވާލެކެވެ.

މި ސުވާލާމެދު ވިސްނަން މުހިންމުވަނީ ސިޔާސީ ޕާޓީތަކުގެ ސަބަބުން ދިވެހި މުޖުތަމަޢުގެ އިޖުތިމާޢި ފޭރާމަށް އެންމެ އެކަށީގެންވާ އަސަރުކުރިކަމަށް ޤަބޫލު ނުކުރެވޭތީއެވެ. ދިވެހިން އެއްބައިވަންތަކުރުމުގެ ބަދަލުގައި ސިޔާސީ ޕާޓީތަކުގެ ސަބަބުން ދިވެހިން ބައިބައިވިތަން ފެންނަމުންދިޔަކަން ތާރީހުން ފެންނަން އޮތީމައެވެ. ސިޔާސީ ފިކުރު ހަތިޔާރަކަށް ހަދައި، ގިނަ ރައްޔިތުންތަކެއް ފިކުރީ އަޅުވެތިކަމެއްގެ ތެރެއަށް ގޮސްފައިވާތީއެވެ. މި ބުނާ ފިކުރުގައިޖެހި އެމީހަކު ތާއިދުކުރާ ޕާޓީ ނުވަތަ އެ ޕާޓީގެ ވެރިން ކޮންމެ ކަމެއް ކުރިނަމަވެސް، ބައެއް ފަރާތްތަކަށް އެ ކަން ނުފެނި، އަޑުނީވި ބެހެއް ނުބުނެވޭ ބަޔަކަށް ވަނީ ބަދަލުވެފައެވެ. ސިކުނޑި ދޮވެލެވިފައި ތިބި ބައެއް ފަދައިން އަމިއްލަ ބުއްދިން ވިސްނާ ފިކުރުކޮށްލުމުގެ ފެންވަރުވެސް ބެއެއް މީހުން ކިބައިން ވަނީ ސިޔާސީ ފިކުރުގައިޖެހި ޣަރަގުވުމުގެ ސަބަބުން ގެއްލިފައެވެ.
މިކަމުގެ އެންމެ ބޮޑު ދެރަ ލިބެނީ އަޅުގަނޑުމެންފަދަ ވަކި ޕާޓީއެއް ނުވަތަ ވަކި ފިކުރަކަށް ތަބާނުވެ ތިބޭ މަދު މީސްކޮޅަށެވެ. ކަން އޮތްގޮތަށް ހަޤީގަތަށް ބުނުފިނަމަ ސިޔާސީ ފިކުރުގައި ޖެހިފައި ތިބޭ މީހުންނަށް އެ ކަމެއް ހަޖަމެއް ނުވެއެވެ. އެންމެ އާންމުކޮށް ބުނެލާ އެއް ބަހަކީ "ތިޔައީ އިދިކޮޅު މީހެއް ދޯ!" -- ތެދަށް ވާހަކަ ދެއްކުމުން އަޅުގަނޑުމެން އަބަދުވެސް ނަންވެފައި އޮންނަނީ އިދިކޮޅު މީހަކަށެވެ. ކިތަންމެ ވަރަކަށް ވަކި ފަރާތަކަށް ނުޖެހެމޭ ބުންޏަސް ޤަބޫލުނުކުރެއެވެ. ހިތާމައަކީ އަޅުގަނޑަށް ވެސް ވަނީ ގާތް ރަޙްމަތްތެރިން މިކަމުގެ ސަބަބުން ގެއްލިފައެވެ. ހަމައެހެންމެ، ސިޔާސީ ވާހަކައަަކީ އާޢިލާގެ ބައެއް މީހުންނާ އެއްގޮތަކަށް ކުރަން ހެޔޮނުވާވަރުގެ ސައްލާއެކެވެ. ސިޔާސީ ހިޔާލުތަފާތުވުމުގެ ސަބަބުން އަޅުގަނޑު ދަންނަ އެތައް އާޢިލާއެއް ތެރޭ މައްސަލަޖެހި މައިންބަފައިންނާއި ދަރިންވެސް ގުޅުން ކެނޑިފައި އެބަހުއްޓެވެ. އަދިކިއެއްތަ ދެމަފިރިން މި ދަންމަޅީގައިޖެހި ވަރިވެފައި ވެސް އެބަހުއްޓެވެ.
ސިޔާސީ ކޯޅުމުގެ ސަބަބުން ތަރައްޤީ ނުލިބިފައި ހުރި ކިތަށް ރަށް ރާއްޖޭގައި އެބައޮތްބާއެވެ. ސިޔާސީ ވާދަވެރިކަން ހަތުރުވެރިކަމަށް ބަދަލުވެ މާރާމާރީއަށް ބަދަލުވަނީ ކިތައް ފަހަރުބާއެވެ. އަޅުގަނޑުގެ ވަޒީފާގެގޮތުން ދެވިފައިވާ ބައެއް ރަށްރަށުން ފެނިފައިވާ ހަޤީގަތަކީ ސިޔާސީ ހިޔާލުތަފާތުވުމުގެ ސަބަބުން ބައެއް ތަރައްޤީގެ މަޝްރޫޢުތަށް ހުއްޓުވާ ޖެއްސުން ކުރާތަނެވެ. މިކަމުގެ ސަބަބުން ގެއްލުން ލިބެނީ ހަމަ އެ ރަށެއްގެ އަހުލުވެރިންނަށް ނޫންބާވެއެވެ. ނަމަވެސް އަޅުގަނޑަށް ވަރަށް މަދުން ބެއެއް ރަށްރަށުން ރަށުވަންތަ ފިކުރު އިސްކޮށްފައިވާތަންވެސް ފެނިފައި އެބަހުއްޓެވެ.
އެކަމުގެ ސަބަބުން ވަރަށް ތަރައްޤީ ލިބިފައިވާ ރަށެއް ވެސް އުތުރުގައި މިހާރު އެބައޮތެވެ. ވިސްނާލައިފިނަމަ އެ ރަށް އެނގި ވެސް ދާނެއެވެ. އަޅުގަނޑުމެންނަށް މި ސިޔާސީ ވާދަވެރިކަމާއި، ޒާތީ ހަތުރުވެރިކަން އެއްކިބާކޮށްގެން ޤައުމީ ފިކުރު އިސްކޮށްގެން ނޫނީ ހަޤީގީ ތަރައްޤީ ނުލިބޭނެކަން ކަށަވަރެވެ. ސިޔާސީ ފިކުރު އެއްފަރާތްކޮށް އަޅުގަނޑުމެން ޤައުމީ މަސްލަހަތު އިސްކުރާނީ ކޮންދުވަހަކުން ބާވައޭ އަޅެ ހިތައް ނާރާހެވެ. އަޅުގަނޑުމެން ސިޔާސީވީ ނަމަވެސް އަމިއްލަ ބުއްދި ވެސް އެބަ ބޭނުންކުރަންޖެހެއެވެ. ރަނގަޅު ކަންކަމުގައި ރަނގަޅޭ ބުނެވޭހެން، ގޯސްވީމާ ގޯހޭ ކެރިގެން ބުނާނެ ފެންވަރު އެބަ ހުންނަންޖެހެއެވެ. އަދި، ސިޔާސީވީ ނަމަވެސް އަނެކާގެ ވާހަކަވެސް އަޑުއަހާ އިޙްތިރާމްކުރަން އެބަ ދަންނަންޖެހެއެވެ. ސިޔާސީވީ ނަމަވެސް ޒާތީ ނުވާން އެބަ ދަސްކުރަންޖެހެއެވެ.
.png&w=3840&q=75)