ދުރާލާ ބުކްކޮށް، ފައިސާ ދައްކާ، "ދޭދަރު ރުއިން" އަޅުވަން ތައްޔާރުވެފައި އޮއްވާ އޮލިމްޕަސް އަތުލައިފި
މިރާޝް މޫސާ
ފިލްމު، "ދޭދަރު ރުއިން" ގެ ޕޯސްޓަރެއް --
SHARE
އައިފިލްމްސް އާއި، ކަޒްމިކް އިންޓަނޭޝަލްގެ ފިލްމު، "ދޭދަރު ރުއިން" މިމަހުގެ 20ވަނަ ދުވަހު ޕްރިމިއާކުރަން ތައްޔާރުވެފައި ވަނިކޮށް، އޮލިމްޕަސް އެ ތާރީޚަށް ނުލިބޭނެކަން އެންގުމުން އެ ފިލްމުގެ ޓީމުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފިލްމުގެ ޓީީމުގެ ފަރާތުން މިއަދު ނެރު ބަޔާނުގައި ބުނީ އެ ދުވަހަށް އޮލިމްޕަސް ނުލިބޭނެކަން އަންގާފައިވަނީ ޕްރިމިއާއަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެ، ޓިކެޓު ވިއްކާ، ހޯލުގެ ބޮޑުބައި ވެސް ފުރިފައި ވަނިކޮށް ކުއްލިއަކަށް ކަމަށެވެ.
ފިލްމު އެޅުވުމަށް ނެގި މުއްދަތަށް މީގެ އެއް އަހަރުކުރިން ބުކްކޮށް، މީގެ ހަތަރު މަސްކުރިން ފައިސާ ދައްކާފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
"އެންސީއޭއިން މި ބަދަލު ގެނެސްފައިވަނީ އެއްވެސް މަޝްވަރާއެއް ނުވަތަ އިޝާރާތެއް ވެސް ނުދީއެވެ." އެ ފިލްމުގެ ޓީމުން ބުންޏެވެ.
އެ ބަޔާނުގައި ވާ ގޮތުން 20 ވަނަ ދުވަހު އޮލިމްޕަސް ނުލިބޭނެ ކަމަށް އެންގީ މިމަހުގެ 17،18،19ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އޮލިމްޕިއަންސް ޝޯ ފަސް ކުރުމަށެވެ.
.png&w=3840&q=75)
އޮލިމްޕަސް ހިފާފައިވާ މުއްދަތުން، މިމަހުގެ 20ވަނަ ދުވަސް އުނިކުރިކަން އަންގާފައިވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އެގޮތަށް ނިންމުމުން، އެންސީއޭއަށް އެ ދުވަހު ދިޔަ ނަމަވެސް، އެއީ ސަރުކާރު ބަންދު ދުވަހެއް ކަމުން މުވައްޒަފަކާ ދިމާވެފައި ނުވާކަމަށް ވެސް ބުނެފައިވެއެވެ.
"ފިލްމެއް ތައްޔާރުކޮށް، ޕްރިމިއާ ތާރީޚު އިއުލާނުކޮށް، ހުރިހާ ޕޯސްޓަރު އަދި ބިލްބޯޑު ޕްރިންޓުކޮށް، ޕްރިމިއާ ޝޯއަށް ދައުވަތު ފޮނުވާ، ޓިކެޓު ވިއްކަމުން ދަނިކޮށް، މިގޮތަށް ކުއްލިއަކަށް އެންގުމުން ފިލްމު އުފެއްދި ފަރާތަށް ލިބޭނެ ގެއްލުން އެންމެ ރަނގަޅަށް އަންދާޒާ ކުރެވޭނީ ފަންނާނުންގެ ބަލަދުވެރި އެންސީއޭއަށް ކަމަށް އުންމީދުކުރެވުނު ނަމަވެސް" މިފަދަ އަމަލުތަކުގެ ސަބަބުން ދޭހަވަނީ އެހެން ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ފިލްމުގެ ޓީމުން ބުނީ އަދިވެސް މަސައްކަތް ކުރަނީ ކުރިން ރާވާފައިވާ ގޮތަށް މިމަހުގެ 20ވަނަ ދުވަހު ފިލްމު ޕްރިމިއާ ކުރަން ކަމަށެވެ. ހުރި ދަތިތަކާއެކު ވެސް އެ ދުވަހު ފިލްމު ދެއްކުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.