އައު ސީންތަކަކާއި އެކު "ލިލީ" މިރޭ އަނބުރާ އޮލިމްޕަހަށް!

އަޙްމަދު ސަދޫފް މޫސާ

ލިލީގެ ސީންއެއް
SHARE
މިފަހުން އޮލިންޕަހުގައި އެޅުވި ކާމިޔާބު ފިލްމު "ލިލީ" އަލުން އަނބުރާ އޮލިންޕަހަށް އައިސް މިރޭ ފުރަތަމަ ޝޯ އަޅުވާނެ ކަމަށް އެ ޓީމުން ބުނެފިއެވެ.

ހައުސްފުލް ޝޯތަކާއެކު އޮލިންޕަހަށް އަލްވަދާއުކީ "ލިލީ"ގެ ޓިކެޓު މިހާރު ދަނީ ވިކެމުންނެވެ. 21 އިން ފެށިިގެން 24އަށް ޓިކެޓު ވިއްކަމުންދާއިރު، ލިލީގެ ވެބްސައިޓު، އަދި ހޮޓްލައިން 7505079 އިން ޓިކެޓް ލިބޭނެއެވެ.
އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކޮށްފައިވާ ދިވެހި ފިލްމު "ލިލީ" އަކީ މައިވަންތަކަމުގެ ލޯބިން މަހުރޫމުވެ ހެދިބޮޑުވަމުން އައި ކުއްޖެއްގެ ދިރިއުޅުން ބަދަލުވެގެން ދާގޮތް ދައްކައިދޭ އަސަރުގަދަ ފިލްމެކެވެ. މި ފިލްމުގައި ރާއްޖޭގައި ހިނގާ އެކި ކުށްތަކަށް ތަފާތު ނަޒަރަކުން ވަނީ އަލިއަޅުވާލައިފަ އެވެ.
ފިލްމު ބަލާފައި ނިކުންނަ ގިނަ މީހުން ބުނަނީ މިއީ މިއަހަރުގެ އެންމެ ރީތި ފިލްމު ކަމަށެވެ. އަދި ވާހަކައިގެ އަސަރުގަދަ ކަމާއި ފިލްމު ގެނެސްދީފައިވާ ހިތްގައިމުކަން ބެލުންތެރިން ފާހަގަކުރި އެވެ.
"ފިލްމު ނިމެންދެން އިންނަން ޖެހުނީ ނޭވާ ހިފަހައްޓާލައިގެން. ހިތް ފަޅައިގެން ހިނގައްޖެ" ބެލުންތެރިޔަކު ބުންޏެވެ.

ފިލްމުގެ މައި ތަރިންގެ ތެރޭގައި ހިމެނެނީ އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާން، މަރިޔަމް ޝިމާ، އަހުމަދު ނިމާލް، މަރިޔަމް ހަލީމްގެ އިތުރުން އަލީ ފާރޫޤު އެވެ. މީގެ އިތުރުންވެސް ގިނަ އެކްޓަރުން މިފިލްމުން ފެނެ އެވެ.
އެގޮތުން ޅ. ހިންނަވަރުގެ ގިނަ ބަޔަކުވެސް މި ފިލްމުގެ އެކި ރޯލުތަކުން ފެނެ އެވެ. ބޮޑު ރޯލަކުން އެލީޝާ ސަނީމް އަދި ހަދީޖާ އަބޫބަކުރު މުޅިން އަލަށް ވަނީ ތައާރަފުވެސް ކޮށްފަ އެވެ.




