ހަރު ހިތްތައް ވެސް މަޑުކޮށްލި "ޖަންނަތު" : މި ދެނީ ހާސް އިބުރަތް
ހުސައިން އާހިލް ވަހީދު

SHARE
ޑާކް ރެއިން އެންޓަޓެއިންމަންޓުގެ އެންމެ ފަހުގެ ފީޗާ ފިލްމު "ޖަންނަތު" މިމަހުގެ ތިންވަނަ ދުވަހު ސިނަމާތަކުގައި ދައްކަން ފެށީ ހައުސްފުލް ޝޯތަކަކާ އެކުގައެވެ. ފިލްމު އެޅުވިތާ ދެ ހަފުތާ ވެފައިވާއިރު ވެސް، ސިނަމާގެ ހޯލުތައް ފުރިބާރުވެގެންދަނީ ހަމަ ފުރަތަމަ ދުވަހެކޭ އެއްފަދަ ފޯރިއެއްގައެވެ.

ފިލްމު ޕްރިމިއާ ކުރި ރޭ ފެނުނު ތަރުހީބު ރެޔަކަށް ފަހު ރެޔަކު ދަނީ ގަދަވަމުންނެވެ. ޝޯތައް ފުލުފުލުގައި ދަނީ ފުލްވަމުންނެވެ. ބެލުންތެރިންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބާއި ޑިމާންޑަށް ބަލައި ފިލްމުގެ ޝޯތައް އިތުރުކޮށްފައިވާއިރު، މި ފިލްމުގެ ވާހަކަ މުޅި މުޖުތަމައުގައި ދަނީ ދެކެވެމުންނެވެ. ވަކިން ހާއްސަކޮށް ސޯޝަލް މީޑިއާގައި މީހުން މި ފިލްމާ ގުޅޭގޮތުން ދޭ ޕޮޒިޓިވް ރިވިއުތަކާއި އެކި ޝުއޫރުތަަކަށް ވެސް ހުއްޓުމެއް ނާދެއެވެ.
ލޯބިން ފުރިގެންވާ އަސަރުގަދަ ވާހަކައެއް
އަލީ ޝިފާއު (ޗިއްޕެ) ގެ ޑައިރެކްޝަނުގެ ދަށުން، މުހައްމަދު ޢަލީ (މޮގާ)، ޢާއިޝަތު ފުއާދު ތައުފީގު އަދި ކައިލީން މުހައްމަދު އަލީ ޕްރޮޑިއުސްކޮށް ގެނެސްދީފައިވާ ފިލްމު "ޖަންނަތު" ބިނާވެފައިވަނީ، ލޯތްބާއި ބަފާވަންތަކަމުގެ ބުރަ ޒިންމާތަކުގެ އިތުރުން، އަމިއްލަ ނަފްސު ފުރިހަމައަށް ދެނެގަންނަން ނޭނގޭ ދުނިޔޭގައި ޒުވާނަކު ކުރިމަތިލާ ގޮންޖެހުންތަކާއި އޭނާގެ ދިރިއުޅުމުގެ ދަތުރުގެ މައްޗަށެވެ. ފިލްމުގެ ޝައުގުވެރިކަން ގެއްލިދާނެ ފަދަ ވާހަކަތަކަށް ނުގޮސް ބުނާނަމަ، މިއީ އާއިލީ ގުޅުންތަކާއި، ލިބޭ ހިތާމަތަކާއި، ދިރިއުޅުމުގެ އެކި އިމްތިހާނުތަކުގެ ތެރެއިން މަޑުމަޑުން ބަދަހިވަމުން އަންނަ މާތް ގުޅުމެއްގެ ވާހަކައެވެ. އަދި މުޅި މި ފިލްމުގެ މައިބަދައަކީ ބައްޕައަކާއި ދަރިއެއްގެ ދެމެދުގައި އޮންނަ ވަރުގަދަ ލޯތްބާއި ގުޅުމެވެ.
މިފަދަ ވާހަކައެއް މާބޮޑަށް ޑްރާމާކޮށް ގެނެސްދިނުމަކީ ފަސޭހަކަމެކެވެ. ނަމަވެސް "ޖަންނަތު" އިން ފެނިގެންދަނީ ވަރަށް ތަފާތު މަންޒަރެކެވެ. އެ ފިލްމު ގެނެސްދީފައިވަނީ ހެޔޮވަރު މިނެއްގައި، ކެރެކްޓާތަކުގެ ހަގީގީ އަސަރުތަކަށް ބިނާކޮށް، ދިރިއުޅުމުގެ ކުދިކުދި އިހުސާސްތައް ދައްކުވައިދެމުންނެވެ. ހަމައެކަނި ބަލައިލުމަކުން، ނުވަތަ ހިމޭންކަމަކުން ނުވަތަ ކުޑަކުޑަ އިޝާރާތަކުން ވެސް ފުން އަސަރުތަކެއް ގެނެސްދެއެވެ. މިގޮތަށް ދަމުން ގޮސް، ފިލްމުގެ ފަހުކޮޅު ބެލުންތެރިޔާ ގެންދަނީ ކޯޓުރޫމުގެ މަންޒަރުތަކަށެވެ. އެ ހިސާބަށް ދާއިރު ބެލުންތެރިން ތިބެނީ ފިލްމުގެ އަސަރުގައި ޣަރަގުވެފައެވެ. ފިލްމު ނިމިގެންދާއިރު މުޅި ސިނަމާ ކަރުނައިން ފުރާލާކަން ބެލުންތެރިން ފާހަގަކުރެއެވެ.
މި ފިލްމުގެ މައިގަނޑު އަމާޒަކީ އޯޓިޒަމަށް މުޖުތަމަޢު ހޭލުންތެރިކުރުވުން ކަމުގައި ވިޔަސް، އެ މެސެޖު ގެނެސްދީފައިވަނީ ނުހަނު ޖަޒުބާތީ އަދި އަސަރުގަދަ ގޮތަކަށެވެ. ސީދާ ނަސޭހަތެއްގެ ސިފައިގައި ވާހަކަ ދެއްކުމުގެ ބަދަލުގައި، މަންޒަރުތަކާއި ހާދިސާތަކުގެ ޒަރީއާއިން ބެލުންތެރިންގެ އަމިއްލަ ވިސްނުމާއި އިހުސާސްތަކަށް ދޫކޮށްލައެވެ. މި ފިލްމު ގިނަ ބައެއްގެ ހިތްތަކާ ކުޅެލި މައިގަނޑު ސަބަބަކީ ވެސް މިއީއެވެ.
ބަލާލަން ސާބަސްދޭފަދަ މޮޅު އެކްޓިންއެއް
މި ފިލްމުގެ އެންމެ ވަރުގަދަ ބިންގަލަކީ ލީޑް އެކްޓަރު ޝަރަފް ޢަބްދުﷲގެ ފުރިހަމަ އެކްޓިންއެވެ. މިހާރު މި ފިލްމާ ގުޅޭގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ވެސް އޭނާގެ މި މޮޅު ހުނަރެވެ. މާ ބޮޑަށް ދެއްކުންތެރިކަމެއް ނެތި، ވާހަކަދެއްކުމުގެ ބަދަލުގައި ހަށިގަނޑުގެ ނާޒުކު ހަރަކާތްތަކާއި މޫނުމަތީގެ ކުދިކުދި ޝުޢޫރުތަކުން އޭނާ ދައްކުވައިދޭ ފުން މާނަތަކުން ކެރެކްޓަރަށް ފުރިހަމައަށް ގެނެސްދީފައިވާ ދިރުން ފެނިގެންދެއެވެ. ފިލްމުގެ އަސަރުގަދަ މަންޒަރުތައް ބެލުންތެރިންގެ ހިތްތަކާ ސީދާ ގުޅުވައިދޭ މައިގަނޑު ސަބަބަކީ ވެސް މިއެވެ. މީގެއިތުރުން، އޭނާއާއެކު ދަރިފުޅުގެ ރޯލު ކުޅެފައިވާ ކުޑަކުއްޖާގެ ހުނަރުވެރިކަމާއި، މޮޅު އެކްޓިންއަކީ ވެސް ވަކިން ހާއްސަކޮށް ފާހަގަކޮށްލަންޖެހޭ ކަމެކެވެ.
މި ފިލްމު ބަލާލަން ވަގުތު ހުސްކުރަންޖެހޭ ސަބަބު
ފަންނުވެރި އެކްޓިންގެ އިތުރުން "ޖަންނަތު" ބެލުންތެރިންގެ ހިތްތަކާ ގުޅުވައިދިނީ، މުޖުތަމައުގެ ހަގީގަތްތަކާ ގުޅޭގޮތަށް އެ ފިލްމު ގެނެސްދީފައިވާ ފުރިހަމަކަމުންނެވެ. މިއީ ހަމައެކަނި ފިލްމީ ވާހަކައެއް ނޫނެވެ. މިއީ އޯޓިޒަމް ހުންނަ ކުދިންނާއި މީހުންނާ މެދު މުޖުތަމައު ދެކޭގޮތާއި، މުއާމަލާތްކުރާ ގޮތް އަދި އެފަދަ ފަރާތްތަކުގެ އިހުސާސްތައް ދެނެގަތުމާ ގުޅޭގޮތުން އެތައް އާއިލާއަކުން އެދިއެދި ތިބި މުހިންމު ބަހުސަކަށް ހުޅުވައިދިން ދޮރެކެވެ. ބައެއް ބެލުންތެރިންނަށް މިއީ އަމިއްލަ ދިރިއުޅުމުގެ ސިފަތައް ދައްކުވައިދިން ލޯގަނޑަކަށް ވީއިރު، އަނެއްބަޔަކަށް މިއީ މީގެ ކުރިން ފުންކޮށް އެނގިފައިނުވާ ދުނިޔެއެއްގެ ހަގީގަތް ހާމަކޮށްދިން ފުރުސަތެކެވެ. ކޮންމެއަކަސް، މި ފިލްމު ބަލާފައި ނުކުންނަ ކޮންމެ މީހެއްގެ ވިސްނުމަށް ވެސް ހެޔޮ ބަދަލުތަކެއް މި ފިލްމުގެ ސަަބަބުން ގެނުވާނެކަން ޔަގީނެވެ.
ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން "ޕީޖީ" ރޭޓިން ދީފައިވާ މި ފިލްމުގައި، އަނިޔާވެރިކަމާއި މަސްތުވާތަކެތީގެ މަންޒަރުތައް ހިމެނިފައި ނުވާތީ، މިއީ ކާފައާއި މާމައިން ފެށިގެން ޅަކުދިންނާ ހަމައަށް މުޅި އާއިލާ އެކުގައި ބަލައިލަން ވަރަށް ވެސް އެކަށޭނަ ފިލްމެކެވެ. ރާއްޖޭގެ ސިނަމާތަކަށް އައި މި ތަފާތު އަދި މާނަފުން ފިލްމަކީ، މި ހަފުތާ ބަންދުގައި އާއިލާއާއެކު ސިނަމާއަށް ގޮސް ބަލައިލުމަށް އެންމެ އެކަށީގެންވާ އެއް ފިލްމެވެ. ފުރިބާރުވެފައިވާ ހައުސްފުލް ޝޯތަކާއެކު ދެވަނަ ހަފުތާއަށް ދަތުރުކުރަމުންދާއިރު، "ޖަންނަތު" އަކީ މުޅި އާއިލާއެކީ ސިނަމާއަށް ގޮސް ބަލައިލަން ނުހަނު ކަމުދާ، ތައުރީފު ހައްގު ފިލްމެކެވެ.
ފިލްމު ބެލި ބެލުންތެރިންގެ ޚިޔާލު:
"ޖިބްރާންގެ ރޯލުން ޝަރަފް ދައްކުވައިދިން އެކްޓިން ވަރަށް ފުރިހަމަ."
"މިއީ ފެށުނީއްސުރެ ނިމެންދެން ބެލުންތެރިޔާ ޝައުޤުވެރިކުރުވާ، ނުހަނު ފުރިހަމައަށް ތައްޔާރުކޮށްފައިވާ އަސަރުގަދަ ފިލްމެއް."
"މި ފިލްމުން ކުރި އަސަރު ހީކުރި މިންވަރަށްވުރެވެސް މާ ބޮޑު."
"މި ފިލްމު ހިތުގެ އެންމެ ފުންމިނާ ހަމައަށް ވާޞިލުވެއްޖެ." — އޮޓިސްޓިކް ކުއްޖެއްގެ ބެލެނިވެރިއެއް
"މިއީ ހަމަ އަޅުގަނޑުގެ ދަރިފުޅުގެ ދިރިއުޅުން." — އޮޓިސްޓިކް ކުއްޖެއްގެ ބެލެނިވެރިއެއް


