އާ މޫނުތަކެއް ފެންނަ ޑާކްރެއިންގެ "ކީއް ނުވަނީ؟" ބަލައިފިންތަ؟
ފާތިމަތު މިޝްކާ

SHARE
ޒުވާން، އާ މޫނުތަކެއް ފެންނަ ކުރު ފިލްމެއް ޑާކްރެއިން އިން ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.

"ކީއް ނުވަނީ" ކިޔާ މި ކުރު ފިލްމު މިހާރު ޔޫޓިޔުބް މެދުވެރިކޮށް ބެލުންތެރިންނަށް ފެންނާނެ އެވެ. ފަސް ދުވަހުގެ ތެރޭގައި 7،000އަށްވުރެ ގިނަ މީހުން މި ފިލްމު ވަނީ ބަލާފަ އެވެ.
މި ފިލްމު ލިޔެ ޕްރޮޑިޔުސްކޮށްފައިވަނީ ފިލްމުގެ ލީޑް އަންހެން ރޯލުން ފެނިގެންދާ ކައިލީން މުހައްމަދު އަލީ އެވެ. ފިލްމު ޑައިރެކްޓްކޮށްފައިވަނީ މަޝްހޫރު ޑައިރެކްޓަރު އަދި އެކްޓަރު ރަވީ ފާރޫގް އެވެ.
ކައިލީންގެ އިތުރުން ދެން ލީޑް ރޯލުން ފެނިގެންދަނީ މުހައްމަދު މަޒީނެވެ. މި ދެ ފަންނާނުންގެ އިތުރުން ދެން ފިލްމުން ފެނިގެންދާ ހުރިހާ ތަރިންނަކީ ވެސް ޒުވާން، ދާއިރާއަށް އާ މޫނުތަކެކެވެ.
28 މިނެޓުގެ މި ފިލްމުގައި ދައްކުވައިދެނީ ޒުވާން ޅަ އުމުރުގައި ލޯބީގެ ގޮތުން ގުޅޭ ދެ މީހުންގެ މެދުގައި ޖެހޭނެ ފަދަ މައްސަލަތަކާއި އެ ދެ މީހުންނަށް ދިމާވެދާނެ ހާލަތްތަކާއި އެ ހާލަތްތަކުގައި ބައެއް ފަހަރު ކަންކަން ކުރާނެ ގޮތްތަކެވެ. އެހެންކަމުން މިއީ ހާއްސަކޮށް ޒުވާން އޯޑިއަންސްއަކަށް ވަރަށް ކަމުދާނެ ކުރު ފިލްމެއް ކަމަށް ބެލެވެ އެވެ.
ވާހަކަ ތައްޔާރުކޮށްފައިވަނީ މިހާރުގެ ޒުވާނުންނަށް ވަރަށް ކަމުދާނެ ގޮތަކަށެވެ. އެއީ މިއީ ހުރިހާ އެންމެންނަށްވެސް އެ އުމުރުފުރާގައި ދިމާވެދާނެ ކަންކަން ކަމަށް ފިލްމު ތައްޔާރުކުރުމުގައި ހަރަކާތްތެރިވި ފަންނާނުން ފާހަގަކޮށްފައިވެ އެވެ.
މި ކުރު ފިލްމު ޔޫޓިޔުބް މެދުވެރިކޮށް ހުރިހާ އެންމެންނަށް ވެސް ބަލާލެވޭނެ އެވެ.


