ފްރާންސްގެ އާއިލާއަށް ދިޔާނާ އާއި އާޒިމާ ގާނޫނީ ގޮތުން އެހީވަނީ

މަރްޔަމް މަޢާޝާ އިލްޔާސް

ކުރީގެ ދެ ބަންޑާރަ ނާއިބުން ކަމަށްވާ އާއިޝަތު އާޒިމާ ޝަކޫރާއި، ދިޔާނާ ސައީދު
SHARE
އަމިއްލަ ގައުމުގައި ދިރިއުޅެއް އުނދަގޫކަމަށް ބުނެ، ވިސާއާ ނުލައި ރާއްޖޭގައި ދިރިއުޅެމުންދާ ފްރާންސްގެ މުސްލިމް އާއިލާއަށް އެހީވުމަށް ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ ދިޔާނާ ސައީދާއި އާއިޝަތު އާޒިމާ ޝުކޫރު ނިންމަވައިފިއެވެ.

ފޭސްބުކްގައި އާޒިމާ އާއި ދިޔާނާ ވެސް ވަނީ އެ އާއިލާއަށް ގުޅޭނެ ގޮތެއް ހޯދައި ދިނުމަށް އެދިފައެވެ. އާޒިމާ ކުރެއްވި ޕޯސްޓެއްގައި ވަނީ މިހާރު އެ އާއިލާއާ ގުޅިފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.
ތ. ވޭމަންޑޫގައި މިވަގުތު ދިރިއުޅެމުން އަންނަ ފްރާންސްގެ މި އާއިލާގައި ހިމެނެނީ ދެމަފިރިންނާއި އެމީހުންގެ ފަސް ދަރިންނެވެ. އެއީ 18 އަހަރު ނުފުރޭ ތިން ފިރިހެން ކުދިންނާއި އަންހެން ކުދިންނެވެ.
މީގެތެރެއިން ދެ ކުދިން ވިހާފައިވަނީ ރާއްޖެއަށް ދިރިއުޅުން ބަދަލުކުރި ފަހުންނެވެ. އެމީހުން ރާއްޖޭގައި ދިރިއުޅެން ފަށާފައިވަނީ، އިސްލާމްވުމަށްފަހު އަމިއްލަ ޤައުމުގައި އުޅެން ދަތިތަކެއް ހުރުމުން ކަމަށް ބުނެވެ.
މި ކަމާ ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މީހުންގެ ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތީ، އެ އާއިލާގެ މީހުން ރާއްޖެއިން ފުރުވާލުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ފޮރިން އެފެއާޒާ ގުޅިގެން ކުރަމުންދާ ކަމުގައިއެވެ.

މި މީހުންގެ ޓްރެވަލް ޑޮކިއުމަންޓް ލިބުނުހާ އަވަހަކަށް ފުރުވާލުމަށް ވަނީ ހަމަޖެހިފައި ކަމަށް ވެސް އެ ޕޯސްޓުގައި ވެއެވެ. އިމިގްރޭޝަން ޤާނޫނާ ޚިލާފަށް ދިވެހިރާއްޖޭގައި އުޅުމަށް އެއްވެސް ފަރާތަކަށް ފުރުސަތެއް ނުދެވޭނެކަމަށް ވެސް ޝައްމާން ވިދާޅުވިއެވެ.





