logo

ޅެންވެރިން ފެންނަންވީ ކެމްޕޭނު ލަވަ ހަދަން އެކަންޏެއް ނޫން!

ޢާލިމް އަބްދުއްލަތީފް

ޢާލިމް އަބްދުއްލަތީފް

16 ޖެނުއަރީ 2025 - 05:30
ޅެންވެރިން ފެންނަންވީ ކެމްޕޭނު ލަވަ ހަދަން އެކަންޏެއް ނޫން!

2022ވަނަ އަހަރުގެ މާދަރީ ބަހުގެ ދުވަހުގެ ޖަލްސާގެ ތެރެއިން ޅެންތެރިންތަކެއް އައިޓަމެއް ހުށަހަަޅައިދެނީ --

SHARE

ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި މި ވީހާ ދުވަހެއްގައި ހިނގި ހުރިހާ ކަމެއް ހަނދާން ހުންނާނީ މަދު ދިވެއްސެކެވެ. އިންތިހާބުތަކުގެ ކެމްޕޭނުތަކުގައި ވީ ކަންތައްތަކާއި ހިނގި ހަމަނުޖެހުންތައް ވެސް މީހުން ހަނދާނުން ނެތިދާނެއެވެ. އެހެން ނަމަވެސް, އަދިވެސް ގިނަ ބައެއްގެ ހަނދާނުން ނުފޮހެވި, އެ ދުވަސްވަރުތަކާ ގުޅޭ އެއްޗެއް އެބައޮތެވެ.

https://www.facebook.com/share/16DS9XEpfy/?mibextid=wwXIfr

"ތިޔައީ ޒައީމޭ އަދު ލޮބުވެތި މި ދިވެހި ގައުމު ފަހުރުވެރިވާ,"

"ވަތަން އެދޭ ގޮތަށް ދަމާހެ ހެޔޮހިތުން މި ޖާނު ދޭން,"

އެންމެ ކުރީއްސުރެ ކެމްޕޭނުތަކުގައި ދިވެހިރާއްޖޭގެ މައި ޕާޓީތަކުން ބޭނުންކުރި މި ފަދަ ޅެންތަކުގެ ހަނދާން ދިވެހީން އަދިވެސް ހުރެއެެވެ. އެއިން ޅެމެއް އަޑު އިވިއްޖެނަމަ އަދިވެސް އެ ހަނދާންތައް ދިވެހީންނަށް އާވެއެވެ.

މި ރިޕޯޓުގެ މައިގަނޑު ވާހަކައަކީ ކެމްޕޭނު ލަވައެއް ނޫނެވެ. ނުވަތަ ކެމްޕޭނު ލަވަތައް ހަދާންވީމާ އެކަނި ޅެންވެރިންގެ ހަނދާންވާ ވާހަކައެއް ވެސް ނޫނެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

undefined2022ވަނަ އަހަރުގެ މާދަރީ ބަހުގެ ދުވަހުގެ ޖަލްސާގެ ތެރެއިން ޅެންތެރިންތަކެއް އައިޓަމެއް ހުށަހަަޅައިދެނީ --

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނަޒަރު ހިންގާލާއިރު, ޅެންވެރިންނަކީ ގިނަ ގައުމުތަކުގައި ވަރަށް ގަދަރުވެރި ބައެކެވެ. އެ މީހުންނަކީ އިހްތިރާމް ލިބިގެންވާ ބައެކެވެ. އެހެން ނަމަވެސް, ފަހުގެ ތާރީހެއްގައި ދިވެހި ޅެންވެރިންނަށް މި މުޖުތަމައުގައި ދެވިފައިވާ ގަދަރު ބޮޑުތަނުން ކުޑަވެއްޖެއެވެ. ޅެންވެރިންނަކީ މާ މުހިންމު ބައެއް ކަމަކަށް އަދުގެ ޒުވާން ޖީލު ދެކޭހެންނެއް ހިޔެއް ނުވެއެވެ.

ނޫންނަމަ, ޅެންވެރިންނަކީ ގައުމަށް ކިހާ މުހިންމު ބައެއްކަން ހަގީގަތުގައި އެ ކުދިންނަށް ވިސްނައިދެވިފައި ނެތީއެވެ.

/
އިހްތިރާމްކުރަން ދަސްކޮށްދޭން ޖެހޭ!

ދިވެހި އަދަބިއްޔާތުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި ރާއްޖޭގައި އަދަބީ މަސައްކަތްތަކަށް މީހުން އިހްތިރާމް ނުކުރަނީ ތައުލީމީ ނިޒާމުގެ ތެރެއިން އެ ކަން ދަސްކޮށްދެވިފައި ނެތުމުންނެވެ. އިންޑިއާ, ތުރުކީ އަދި މިސްރު ފަދަ ގައުމުތަކުގެ މިސާލު ނަންގަވަމުން އޭނާ ވިދާޅުވީ އެ ގައުމުތަކުގައި ތައުލީމު ދެނީ ގައުމީ ބަހުން ކަމަށެވެ.

"އޭގެ އެންމެ މުހިންމު އެއްބައި އެއީ ޅެންވެރިކަން ނުވަތަ އަދަބިއްޔާތު. އަދަބިއްޔާތުން މި ކޮށްދޭ ކަމަކީ އަދި ޅެމުން މި ކޮށްދޭ ކަމަކީ ގިނަ ވިސްނުންތައް ހިޔާލަށް ގެންނަން މި ދަސްކޮށްދެނީ, ގިނަ މާނަ ހިޔާލަށް ގެންނަން ދަސްކޮށްދެނީ," އޭނާ ވިިދާޅުވިއެވެ.

ޅެންވެރިކަމަށް އިހްތިރާމްކުރާން އަދުގެ ޖީލަށް ނޭނގެނީ ޅެމަކީ ކޯއްޗެއްކަން ނޭނގޭތީކަމަށް އޭނާ ގަބޫލުކުރައްވައެެވެ. އަދި އަދަބިއްޔާތު އޭގެ ފުރިހަމަ ގޮތުގައި ކިޔަވައިދެވުމުން އަދަބިއްޔާތުގެ ބަހާތަކުގެ ފެންވަރު ކަނޑައަޅަން އެ ކުދިންނަށް އެނގޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޅެންވެރިކަމުގެ ފުރިހަމަކަމާއި އަދި އޭގެ އައިބުތައް ވެސް އެ ކުދިންނަށް ފަހުމުވުމުން, ދެން ފެންވަރު ރަނގަޅު ޅެންވެރިކަމަށް ގަދަރުކުރާން އެ ކުދިންނަށް ދަސްވާނެކަމަށް ވެސް ވިދާޅުވިއެވެ.

ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ރައީސް އަޝްރަފް އަލީ ގަބޫލުކުރައްވާ ގޮތުގައި ދިވެހި ޅެންވެރީންގެ އަގުވަޒަންކުރުން އޮތީ ވަރަށް ކުޑަކޮށްނެެވެ. މިއަށްވުރެ ފުރިހަމަ ގޮތެއްގައި ޅެންވެރިންގެ އަގުވަޒަންކުރެވެން ޖެހޭ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

އޭނާ ވިދާޅުވީ މިހާރު ރާއްޖޭގައި ޅެންވެރިންގެ އަގުވަޒަންކުރުމަށް މި ދެވެނީ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހިތްވަރުދިނުމުގެ އެވޯޑާއި ޝަރަފްވެރިިކަމުގެ އެވޯޑް އެކަނި ކަމަށެވެ. އެކެޑަމީގެ ރައީސަކަށް އޭނާ ހުންނެވި ދުވަސްވަރު އެކެޑަމީ އެވޯޑްގެ ނަމުގައި އެވޯޑެއް ދޭން ވެސް ވަނީ ފައްޓަވައިފައެވެ. އޭގެ ތެރޭގައި ނައިބުތުއްތު އެވޯޑުގެ ނަމުގައި ޅެންވެރިކަމަށް ޚާއްސަ އެވޯޑެއް ވެސް އޮވެއެވެ.

"ޅެންވެރިންގެ އަގުވަޒަންކުރަން އެވޯޑުތައް ވެސް ދޭންވީ. މުޖުތަމައަށް އަންގައިދޭންވީ ކިހާ ޝަރަފުވެރި ބައެއްކަން ޅެންވެރިންނަކީ," އަޝްރަފް ވިދާޅުވިއެވެ.

undefinedދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ރައީސް އަޝްރަފް އަލީ --

އަޝްރަފް އިތުރަށް ފާހަގަކުރެއްވީ މި އަހަރުގެ ޅެންވެރިންގެ ދުވަސް ތަހުސީސްކުރެވިފައިވާ އަބްދުالله ސޯދިގު (ސޯދު)ގެ ހިދުމަތުގެ ވާހަކައެވެ. ދިވެހި އަދަބަށް ސޯދުގެ ހޮދުމަތްތައް އަގު ނުކުރެވޭހާ ގިނައެވެ. ދައުލަތުން ވަނީ އޭނާއަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު ވެސް އަރުވައިފައެވެ. އެހެން ނަމަވެސް އަޝްރަފް އުފެއްދެވީ މުހިންމު ސުވާލެކެވެ.

"އެ ކަން ދަންނަނީ ކާކު؟" އޭނާ ސުވާލުކުރެއްވިއެވެެ.

"ގައުމީ ނިސްބަތުގައި އޭނާ ޑޮކްޓަރަށް ދެއްކުމާއި އެކަހަލަ ކަންކަން އޮތް ގޮތަކީ ކޮބާ؟ ސޯދިގަކީ މިއަދު ގައުމުގައި ހުރި ޝާއިރެއް، ބޮޑު މުދައްރިސެއް. އެތައް ޖީލެއް ވަންދެން ކިޔަވައިދެއްވެވި އުސްތާޒެއް އެއީ. މިއަދު އެ އޮތީ ތަންމަތީގައި އެކަނިމާއެކަނި، ގޮވައިލަން ވެސް މި ދަނީ ދުރުހިލޭ މީހުންގެ ތެރޭގައި ކިޔަވައިދީފައި ހުރި ކުއްޖެއް، ދެން ރައްޓެއްސެއް،"

އަޝްރަފް ވިދާޅުވީ ސޯދަށް މިއަދު ބޭނުންވަނީ އޭނާގެ ވެލްފެއާކަމަށެވެ. ސޯދުފަދަ އެތައް އަދީބުންނެއް އެފަދަ އެވޯޑުތައް އަލަމާރީގައި ބެހެއްޓެވުމަށްފަހު ދުނިޔެ ދޫކުރައްވައިފިކަމަށާއި އެ ފަދަ ބޭބޭފުޅުންގެ އަގުވަޒަންކޮށް، އެ ބޭބޭފުޅުންގެ ނަމާއި ހިދުމަތްތައް ޖީލުތަކަކާ ހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ކޮށްފައި ނެތްކަން ފާހަގަކުރެއްވިއެވެ.

މި ރިޕޯޓަށް ވާހަކަ ދައްކަވަމުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފަށައިފައިވާ ގައުމިއްޔަތު އިޔާދަކުރުމުގެ ގައުމީ ނިޒާމުގައި ހިމެނޭ މައިގަނޑު އަސާސީ ބައިތައް ފޯރުކޮށްދެވޭން ފެށުމުން މި ކަންކަމުން ބަދަލު ފެންނާނެ ކަމަށެވެ.

undefinedދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް

"ގައުމެއްގެ ނިސްބަތުގައި އެކަންކަން އޮންނަ ގޮތް އަޅުގަނޑުމެންގެ ސިފަތަކަށް ވަންނަން ފެށީމާ މިކަންކަމަށް ބަދަލު އަންނަމުން ދާނެ،" އޭނާ ވިދާޅުވިއެވެ.

ޅެންވެރިކަމާއި އަދަބަަށް ހިދުމަތްކުރާ ގިނަ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި މައްސަލައަކީ އަދަބިއްޔާތުގެ ބަހާތަކާއި އޭގެ މުއްސަނދިކަން ދިވެހީންނަށް ނޭނގުމެވެ. ޅެންވެރީން އެ ކުރާ މަސައްކަތުގެ އަގުވަޒަން ކުރަން ވެސް އެނގޭނީ ތައުލީމީ ނިޒާމުގެ ތެރެއިން އެ ފަދަ ކަންކަން ދަސްކޮށްދެވިގެން ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވައެވެ.

ޅެންވެރިންގެ ޚިދުމަތްތައް ފެންނަން އެބަޖެހޭ!

މޮޅު ޅެންވެރިއެކެވެ. ބައިވަރު ޅެންތައް އޭނާ ހަދައެވެ. އެކަމަކު, އެ ޅެންވެރިޔާއަށް އޮތީ ބޮޑު ގޮންޖެހުމެކެވެ. އެއީ އޭނާގެ އެ ޅެންތައް ފޮތެއްގެ ގޮތުގައި ނެރުމަށް ޓަކައި ކުރާން ޖެހޭ ޚަރަދުގެ ބޮޑުކަމުން އެ ކަން ކުރާން އޮތް ގޮންޖެހުމެވެ. އެ ހިސާބުން އޭނާ އެ ހެދި "ޖަވާހިރެއްފަދަ" ޅެން ޖެހެނީ ފޭސްބުކްގައި ލިޔެލައިފައި ދޫކޮށްލާށެވެ.

އަޝްރަފް މި ކަމުގައި ވިދާޅުވީ ދިވެހި އަދީބުންނަށް ގައުމުގައި ހުރީ ކޮންކަހަަލަ ފުރުސަތުތަކެއްތޯ ސުވާލުކޮށްލަން ޖެހޭ ކަމަށެވެ. އަދި ޅެމެއް ހަދާ މީހަކު ޅެމެއް ހަދައިފައި ދޫކޮށްލުމުން ނިމުނީތޯއާއި، ވާހަކަ ލިޔާ މީހަކު ވާހަކައެއް ލިޔެފައި ދޫކޮށްލުމުން ނިމުނީތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

"ވަރަށް ގިނަ ވާހަކަލިޔުންތެރިން އެބަހުރި ވާހަކަ ލިޔެފައި އެ ޗާޕް ކުރެވޭނެ ގޮތެއް ނެތިފައި. އެއީ އާމްދަނީގެ ގޮތުން ތަންކޮޅެއް ދަށް ފަންތީގެ ބަޔަކަށް ވާތީ," އަޝްރަފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަދަބީ މަސައްކަތްތައް ކުރާ މީހުންނަށް ފައިނޭންޝަލް ސަޕޯޓެއް ދޭން ޖެހޭ ކަމަށެވެ. އެ ފަދަ އަދަބީ އުފެއްދުންތައް އުފައްދާ ބޭފުޅުންނަށް ހާއްސަކޮށްގެން ލޯން ސްކީމެއް ތައާރަފްކުރުމަކީ ރަނގަޅުކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

"އަދަބީ އުފެއްދުންތައް މިހާރަށްވުރެ ހަރުދަނާކޮށް ކުރިއެރުވުމަށް ލޯން ސްކީމެއްގެ އެހީގައި ވަކި މިންވަރަކަށް ދޫކުރެވޭނެ ލޯންތަކެއްގެ ގޮތުގައި ތައާރަފްކުރަންވީ," އަޝްރަފް ވިދާޅުވިއެވެ.

undefined2022ވަނަ އަހަރުގެ މާދަރީ ބަހުގެ ދުވަހުގެ ޖަލްސާގެ ތެރެއިން ޅެންތެރިންތަކެއް އައިޓަމެއް ހުށަހަަޅައިދެނީ --

މިހާރު ވެސް އާއްމުކޮށް އެންމެންނަށް ވެސް ކުރިމަތިލެވޭ ލޯންތައް އެބަހުއްޓެވެ. އެހެން ނަމަވެސް, އަޝްރަފް ވިދާޅުވީ މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ ސިނާއަތްތަކަށް ހާއްސަ ލޯނު ހުންނަނަމަ, އަދަބީ މަސައްކަތްތަކަށް ވެސް ހާއްސަ ލޯނު ސްކީމެއް ނޯންނާންވީ ސަބަބެއް ނެތް ކަމަށެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މި ޒަމާނަކީ ކޮންމެ ކަމެއް ކޮށްގެން ވެސް އާމްދަނީ ހޯދުމުގެ މަގު ތަނަވަސްވެފައި އޮންނަން ޖެހޭ ޒަމާނެކެވެ.

"ރާއްޖޭގައި އޮންނަ ފަލްސަފާއަކީ, ޅެމެއް ނޫންހޭ ދެން (އެއްޗެއް ނުދިނަސް) މައްސަލައެއް ނޫނެއް ނޫންހޭ. އެކަމަކު މިއުޒިކް ހަދަންވީމާ ހަތްހާސް ވެސް ދޭނެ. އަދި ލަވަ ކިޔަންވެއްޖިއްޔާ ލަވަކިޔުންތެރިޔާއަށް ވެސް މިވެނި ވަރެއް ދޭނެ. އެކަމަކު ޅެން ނުވާނެ އެއްޗަކަށް. ހަގީގަތުގައި ޅެމުންނެއްނު މި ހުރިހާ ކަމެއް މި ކުރަނީ," އަޝްރަފް ވިދާޅުވިއެެވެ.

އޭނާ ވިދާޅުވީ ކެމްޕޭން ދުވަސްވަރުގައި ޅެންވެރިންނަށް ވަރަށް ބާރު ބޮޑުވާ ކަމަށެވެ. ކެމްޕޭން ލަވަތައް ހެދުމަށް ޅެންވެރިންގެ ބޭނުން ޖެހޭ ކަމަށެވެ. އޭގެން އެނގެނީ, މުޖުތަމައު އެއްބައިވަންތަކޮށްދީ މީހުންގެ ހިތުގައި ޖޯޝާއި ފޯރި އުފައްދައިދޭން ޅެމަކީ ކިހާ މުހިންމު އެއްޗެއްކަން ކަމަށް ވެސް ވިދާޅުވިއެވެ.

"ކޮންމެ ރައީސަކު ވެސް މި އަންނަނީ ޅެން ކިޔުއްވައިގެން ލަވަ ކިޔުއްވައިގެން, ނުލާހިކު ރީތި ސިޔާސީ ލަވަ ޖަހައިގެން. ރައްޔިތުންގެ މަޖިލީހަށް އަންނަ ކޮންމެ މެންބަރަކު ވެސް އެ ގޮތަށް މި އަންނަނީ. އެ ދަނޑިވަޅުގައި ޅެންވެރިންނަށް ވަރަށް ބޮޑު މޫސުމަކަށް ވެސް ވޭ,"

އަޝްރަފް ވިދާޅުވީ ރާއްޖޭގައި ޅެންވެރިންގެ އަދަދު މިހާރު ވަރަށް ގިނަ ކަމަށެވެ. އަދި ޅެންވެރިންގެ އުފެއްދުންތައް ވެސް ދުވަހަކަށްވުރެ ދުވަހެއް ރަނގަޅުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް, އެ ޅެންވެރިންނަށް ވެސް އޮތް ދަތިކަމަކީ އުފެއްދުންތައް ވުޖޫދުކުރުމުގައި އޮތް ދަތިކަން ކަމަށް ވިދާޅުވިއެވެެ.

undefined

މި ކަމާ ގުޅިގެން މިނިސްޓަރު ނަސީރު ވިދާޅުވީ ގަބޫލުކުރާ ވަކި މިންގަނޑަކަށް ފެތޭނަމަ ދިވެހިބަހުގެ އެކެޑަމީއިން ފޮތް ޅެމުގެ ފޮތްތައް ޗާޕުކޮށްދިނުމަށް އުސޫލެއް ކަނޑައަޅައިފައި އޮންނަ ކަމަށެވެ. އަދި ގައުމީ ޔުނިވާސިޓީގައި ވެސް އަދަބީ ކަންތައްތަކަށް ހާއްސަ ފަންޑު ހުންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ބައެއް ގައުމުތަކަށް ނަޒަރު ހިންގާއިރު, ޅެންވެރިންނަކީ އެ ގައުމުތަކުގެ ފިލްމު އިންޑަސްޓްރީގައި ވެސް ވަރަށް ޝަރަފުވެރި ބައެކެވެ. އެހެން ނަމަަވެސް, ރާއްޖޭގައި މި ކަން އޮންނަނީ މި ގޮތަކަށް ނޫނެވެ. ފިލްމު ޑައިރެކްޓަރުންނަކީ ވަކިބައެކެވެ. ޅެންވެރިންނަކީ ވަކި ބައެކެވެ. ލަވަ ކިޔާ މީހުންނަކީ ވަކި ބައެކެވެ. މި ފަދަ ގޮތަކަށް އޮތީ ބައިބައިވެފައެވެ.

އެހެން ނަމަވެސް, ޅެންވެރިންނަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި ބޮޑު ރޯލެއް އަދާކުރެވިދާނެ ބައެކެވެ. ޅެންވެރިކަމުގައި މަސައްކަތްކުރައްވާ ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި ފިލްމީ ދާއިރާއިން ޅެންވެރިންގެ އަގުވަަޒަން ކުރަން ޖެހެއެވެ. ފިލްމު އެވޯޑުގެ ތެރޭގައި އަހަރުގެ އެންމެ މޮޅު ޅެން ހޮވުމަކީ މުހިންމު ކަމެކެވެ. އެންމެ ރީތި ޅެމެއް އޮތް ފިލްމަކަށް އެވޯޑު ދިނުމަކީ މުހިންމު ކަމެކެވެ.

އޭރުން, ކޮންމެވެސް ގޮތަކުން އަނެއްކާ ވެސް ޅެންވެރިންގެ އަގުވަަޒަން ކުރެވުނީއެވެ.

ޅެންވެރިންގެ ދުވަސް އިއްޔެ މި ނިމުނީއެވެ. އެކަމަކު, ދިވެހި ޅެންވެރިންގެ ގަލަން ހުއްޓައެއް ނުލައެވެ. ޅެންވެރިންގެ ރީތި ޅެންތައް ކޮންމެ ދުވަހަކުމެ އެ ޅެންވެރިންގެ ގަލަމުން އެބަ ހަދައެވެ. -- ދެރައީ އެ ކަން އަގުވަަޒަންކޮށް އެ ކަން ދަންނާނެ ބަޔަކަށް ދިވެހީން ނުވާތީއެވެެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/