ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރިޔާސީ އިންތިޚާބުގެ އެއްބުރު ބާއްވާގޮތަށް ބަދަލުކުރަން!
ފާތިމަތު މިޝްކާ

ރައީސް މުއިއްޒު ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުންނާއެކު --- ފޮޓޯ: މަޖިލިސް
SHARE
ރިޔާސީ އިންތިޚާބުގެ އެއްބުރު ބާއްވަން ތާއީދުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް މެމްބަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު އެކަމަށް އެދިވަޑައިގަތީ ބުދަ ދުވަހު މުލީއާގޭގައި މަޖިލިސް މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި ބައެއް މަޖިލިސް މެންބަރުން "ނުކުތާ"އަށް ވިދާޅުވިގޮތުގައި ރައީސް މުއިއްޒު އެދިވަޑައިގަތީ ރިޔާސީ އިންތިޚާބުގެ އެއްބުރު ބާއްވަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހުން ފާސްކުރަން ތާއީދުކޮށްދިނުމަށެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ އެއްބުރު ބާއްވަން ޖެހޭގޮތަށް ހެދުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުމަށްޓަކައި ރައްޔިތުން އެކަމުގައި ދެކޭގޮތެއް ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން އެބަޖެހެއޭ. އެ ވޯޓް ނެގުމަށް މަޖިލީހުން ފާސްކުރަންޖެހޭތީ އެކަމަށް މެންބަރުންގެ ތާއީދު ތިމަން މަނިކުފާނު ބޭނުންފުޅުވެޔޭ
މީގެއިތުރުން ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނު އިސްލާހުކުރަން ބޭނުންފުޅުވާ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
.png&w=3840&q=75)
އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ހުވާކުރާ ދުވަހަކީ ޖުމްހޫރީ ދުވަސް ކަމުގައި ހަމަޖެއްސުމަށް ވެސް ރައީސް މުއިއްޒު ބޭނުންފުޅުވެއެވެ.
ގާނޫނުއަސާސީގެ 111 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް މީހަކު އިންތިޚާބު ވާނީ ވޯޓުދިން މީހުންގެ 50 ޕަސެންޓަށްވުރެ ގިނަ ވޯޓް އެ މީހަކަށް ލިބިގެން ކަމަށެވެ. އަދި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށްވުރެ ގިނަ ވޯޓު ނުލިބިއްޖެނަމަ، އެ އިންތިޚާބު ބޭއްވިތާ 21 ދުވަހުގެ ތެރޭގައި ދެވަނަ ބުރެއް ބާއްވަންޖެހޭނެ ކަމަށް ވެސް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
ގާނޫނުއަސާސީއަށް އަމަލުކުރަން ފެށި ފަހުން ބޭއްވި އެއްވެސް ރިޔާސީ އިންތިޚާބެއްގައި ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށްވުރެ މަތިން ވޯޓު ލިބިފައެއްނުވެއެވެ.
އާ ގާނޫނު އަސާސީގެ ދަށުން އިންތިޚާބުވި ފުރަތަމަ ރައީސް މުހައްމަދު ނަޝީދު ހުވާކުރެއްވީ ނޮވެމްބަރު 11 ވަނަ ދުވަހުއެވެ. އޭގެފަހުން އިންތިޚާބީ ރައީސުން ހުވާކުރަމުން އަންނަނީ ނޮވެމްބަރު 17 ވަނަ ދުވަހުއެވެ. އެފަދައިން އަމަލުކުރަން ޖެހުނީ 2013ގެ ރިޔާސީ އިންތިޚާބު ސުޕްރީމް ކޯޓުން ބާތިލްކުރުމުން އަލުން އިންތިޚާބު ބާއްވަން ޖެހުމުންނެވެ.
