މީހުން ބުނީ ނުހިކި ދަރިއަކު ނުލިބޭނޭ، އެ ކަން ބަދަލުވީ ޒިކުރުކުރުމާއި ދުއާއިން!
އާއިޝަތު ޝިޔާއު ހުސައިން

SHARE
މީހަކު ބުންޏެވެ ‘ތިހާ ފަލަކޮށް ހުރެގެން ދަރިންނެއް ނުލިބޭނެ’

އެހެން މީހަކު ބުންޏެވެ ‘ދަރިއަކު ހޯދަންޏާ ޖެހޭނީ ވަރަށް ބޮޑަށް ހިކެން’
އަހަރެން އެވާހަކަ ގަބޫލު ކުރީމެވެ. އެއީ އެވާހަކަތައް އަހަންނަށް ބުނެދިނީ އެންމެގާތް މީހުން ކަމަށް ވާތީއެވެ. އަހަންނަށް ދަރިޔަކު ހޯދޭނީ ވަރަށް އުނދަގުލުންކަމަށް އަމިއްލަ ނަފްސަށް ވިސްނައިދިނީމެވެ.
ރެއާދުވާލު ގަދައަޅާ މަސައްކަތް ކުރީމެވެ. ޑައިޓުކުރީމެވެ. ޖިމަށް ދިޔައިމެވެ. މީހަކު ބުނިއްޏާ ބުނި އެއްޗެއް ބުއީމެވެ. އެއް ފަހަރު ސައިފަތެކެވެ. އަނެއްފަހަރު ހޫނުފެނަށް އެއްޗެއް އަޅައިގެންނެވެ. ފަތަން ދިޔައިމެވެ. ދުވަން ދިޔައިމެވެ. ކައްޓާއަކީ އަހަރެން ފޯނަށްވުރެން ގިނައިން ބަލާއެއްޗަކަށް ވިއެވެ.
ޑޮކްޓަރަށް ދެއްކީމެވެ. ފާޑުފާޑުގެ ބޭހާއި، ވިޓަމިންތައް ނެގީމެވެ. އެކަކު ކަމުނުގޮސްގެން އަނެކަކަށެވެ. ނަމަވެސް މީން އެއްވެސް ކަމެއް އަހަރެންނަށް އަހަރެންގެ މަގްސަދު ކާމިޔާބުކޮށެއް ނުދިނެވެ. ޕީސީއޯއެސް ހުރުމުގެ ސަބަބުން ހިކުމަކީ އަހަންނަށް ވޭނަކަށް ވިއެވެ. އަބަދުމެ އިވޭ އަޑަކީ ‘ހާދަ ފަލައޭ’ ‘ފަލަ ކަމުން ވަކިވެސް ނުވޭ’ ‘ދެން ހިކެން އުޅޭ’. ނަމަވެސް އެއްވެސް މީހަކަށް ނޭންގޭ ކަމަކީ އަހަރެން ހިކެން ކުރާ މަސައްކަތެވެ. އެންމެ ކިލޯ އެއްވެސް ދަނީ އުޅެއުޅެ ބަލިވެގެންނެވެ. އެކަން އެމީހުނަށް އިޙްސާސްވާނެ ނަމައޭ ހިތަށް އަރައެވެ. ބުނެދޭން އަނގަހުޅުވުމުގެ ކުރިން ހިތަށް އަރައެވެ، މީ ބޭކާރު ކަމެކެވެ. އެހެންވެ ކެތްތެރިކަމާއެކު ހިނިތުން ވުމެއް ހިއްސާކޮށްލަނީ ހިތުގައި އަޅާ ވޭން ފޮރުވާލަމުންނެވެ.
.png&w=3840&q=75)
ކުރި ބުރަ މަސައްކަތާއެކު ކޮންމެސް ވަރަކަށް ބަރުދަން ލުއިވި ނަމަވެސް، ދަރިއަކު ހޯދުމުގެ ހުވަފެނަށް ދިޔައީ ފަސް އެޅެމުންނެވެ. ވާނީވެސް އެހެންތާއެވެ. ދަރިޔަކު ލިބޭނީ ވަރަށް ބޮޑަށް ހިކިގެންނޭ އެމީހުން ބުންޏެވެ. އަދި އަހަރެން އެވަރަށް ނުހިކެނީއޭ ހިތަށް ވިސްނަދިނީމެވެ.
މިހުރިހާ މަސައްކަތެއްގެ ތެރެއިން އަހަންނަށް އިޙްސާސް ވިއެވެ. އާނ އެކެވޭ. އަހަންނަށް މަސައްކަތް ކުރެވިއްޖެއެވެ. ފިޒިކަލް މަސައްކަތެވެ. މީގެތެރެއިން އަހަންނަށް ނުކުރެވޭ މަސައްކަތެއް އެބައޮތެވެ. އެއީ ހެއްދެވިފަރާތާ އޮތް ގުޅުން ރަނގަޅުކުރުމެވެ.
އަހަރެން މަޑުމަޑުން ޒިކުރު ކުރަން ފެށީމެވެ. މިކަމުގެ ސަބަބުން ނަމާދާއި އޮތްގުޅުން ރަނގަޅުވާން ފެށިއެވެ. ޤުރުޢާން ކިޔަވަން ފެށީމެވެ. ދީނީފޮތް ފޮތް ކިޔަން ޝައުގުވެރިކަން އުފެދުނެވެ. އެތަނުން ފޮތަކުން އިސްތިޤްފާރު ކުރުމުގެ މުހިންމުކަން ދަސްވިއެވެ. ގިނަގިނައިން ތަޢުބާވުމަކީ މުދަލާއި ދަރިން ދެއްވާ ކަމެއްކަން އިނގުން ހިސާބުން އެންމެ ދުވަހެއްވެސް ވައްޓާނުލާ މަދުވެގެން ސަތޭކަފަހަރު އިސްތިޤްފާރު ކުރަން ފެށީމެވެ. ދުވަހެއް ދިވަހަކަށް އަހަރެން އަހަރެންގެ ހެއްދެވި ފަރާތާއި ގާތްވާކަން އިޙްސާސްވާން ފެށިއެވެެ.
އަހަންނަށް ފަރުޟުނަމާދުތައް އެކަނި ކޮށްގެން ނިންމައެއް ނުލެވުނެ. މަޑުމަޑުން ސުންނަތް ނަމާދުތައް ކުރަން ފެށުނެވެ. ޟުޙާ ނަމާދު އަދި ދަމު ނަމާދު ކުރަން ފެށީމެވެ. ހޯމަ ބުރާސްފަތީގައި ރޯދައަށް ހުންނަަން ފެށީމެވެ. މާތް اللَّهގެ ނަންފުޅުތައް ދަސްކުރަން ފެށީމެވެ. ދުޢާ އިޖާބަކުރައްވާ ވަގުތުތައް ދަސްކޮށް އެއިން ކޮންމެ ގަޑިއެއްގައި މާތް ކަލާންގެ ހަޟްރަތުގައި އެނަންފުޅުތަކުން ދުޢާ ދެންނެވީމެވެ.

އާނއެކެވެ. އަހަރެން އަހަރެންގެ ނަފްސު އިސްލާޙު ކުރަން ފެށީމެވެ.
އެއާއެކު ކެއުމަށް ބަލާ ސިއްޙަތައް ފައިދާހުރި ކާއެއްޗެތި ކާންފެށީމެވެ. މިފަހަރު ޖިމަކަށް، ފަތާކަށް، ދުވާކަށް ނުދަމެވެ. މަދުމަދުން ހިނގާލަން ދަމެވެ. ޑޮކްޓަރަށް ދައްކައިގެން ބޭސްތަކެއް ނުކަމެވެ. ހުރިހާ ކަމެއް މާތް ކަލާންގެއާ ވަކީލު ކުރީމެވެ. ކޮންމެ ކަމެއްވެސް އެކަމެއް ވާން އޮންނަ އެންމެ ރަނގަޅު ވަގުތުގައި ވާނެކަން ގަބޫލު ކުރީމެވެ. އެއާއެކު އަޅުކަމާ، ދުޢާއިން ހިތްހަމަޖެހުމާއި ވާގި ލިބިގަތީމެވެ.
ކޮންމެ މަހަކު ޓެސްޓް ކިޓުން ޓެސްޓް ކުރުން ހުއްޓާލިީމެވެ. މާބޮޑަށް އެކަމާ ނުވިސްނާން ނިންމީމެވެ. މަޑުމަޑުން ބަރުދަން ލުއިވަމުން ދިޔައެވެ. އެކަމާވެސް މާބޮޑަކަށް އަޅައެއް ނުލަމުއެވެ. ހުރިހާ ކަމެއްވެސް މާތް اللَّهއަށް ދޫކޮށްލީމެވެ. އެއާ އެކު އަޅުކަމުގައި ވަގުތު ހޭދަކޮށް ދުޢާ ކުރުމުގައި ދެމިހުރީމެވެ.
އޭގެ ދެތިން މަސް ފަހުން އަހަރެން ބަލިވެއިނެވެ. ގަބޫލުކުރަން ދަތިވިއެވެ. ދެތިން ކިޓުން ބެލީމެވެ. ހަމަ ޕޮޒިޓިވްއެވެ. ގަބޫލު ކުރަން ދަތިވީ އޭރުވެސް އަހަރެން ހުރީ ފަލަކޮށް ކަމަށްވާތީއެވެ. އެހެނަސް އަހަރެން ކުރި ދުޢާ އެކަލާންގެ އިޖާބަކުރެއްވިކަން އިޙްސާސްވިއެވެ.
ބުނަން މިއުޅެނީ، އަހަރުމުން ކިތެންމެ މަސައްކަތް ކުރިޔަސް އަހަރުމެންގެ ބާރުގައި ނުވާކަންކަން ހުންނާނެއެވެ. އެކަންކަން ޙާޞިލް ކުރެވޭނީ އެންމެ މަތިވެރިި ވަންތަ އިލާހުގެ އިޒްނަފުޅާއެކުއެވެ. ނިޔަތް ގަންނާށެވެ. ދުޢާ ކުރާށެވެ. އަދި މަސައްކަތްކުރާށެވެ. އެއާއެކު މާތް ކަލާންގެ އަށް ހިތްނިޔަތް ޚާލިސްކުރާށެވެ.
ދަރިން ދެއްވަނީ އެކަލާންގެއެވެ. އެއީ ٱلرَّزَّاق އެވެ. ٱلْوَهَّاب އެވެ. އެކަލާންގެ ޙަޟްރަތުގައި އެދޭށެވެ.
އަހަންނަށް ދަރިޔަކު ދެއްވީ މާބޮޑަށް ހިކިގެންނެއް ނޫނެވެ. އެކަމަކު އަހަރެންގެ ނަފްސު އިސްލާޙުކުރުމުންނެވެ.
ސޫރަތުލް ރަޢްދްގެ 11 ވަނަ އާޔަތުގައި اللَّه ވަޙީކުރައްވާފައިވެއެވެ.
“ހަމަކަށަވަރުން، ބަޔަކުމީހުންގެ حالة އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށްދާންދެން، اللَّه، އެ حالة ބަދަލެއް ނުކުރައްވާނެތެވެ.”
ދަރިން ހޯދަން މަސައްކަތްކުރަމުންދާ އެންމެންނަށް މާތް اللَّهގެ ހެޔޮ ރަޙްމަތްފުޅުން ރަނގަަޅު ޞާލިޙް ދަރިން މިންވަރު ކުރައްވާށި. އާމީން يَا رَبَّ العَالَمِينَ.