ދަރިމައިވުމާއި މާބަނޑު ދުވަސްވަރު: ފޮލިކް އެސިޑް ބޭނުންކުރުމުގެ މުހިންމުކަން!

ޢަލީ އަލްވިން

ފޮލިކް އެސިޑަކީ މުހިންމު އެއްޗެއް --
SHARE
ފޮލިކް އެސިޑަކީ ދަރިމައިވުމުގެ މަރުހަލާތަކުގައި އަޖައިބުކުރަނިވި ދައުރެއް އަދާކުރާ މުހިންމު މާއްދާއެކެވެ. އަވަހަށް ބަލިވެ އިނުމަށް ގަސްތުކުރާނަމަ އަދި ދަރިމައިވުމުގެ ޚާއްޞަ ޑޮކްޓަރެއްގެ ލަފާ ހޯދާފައިވާނަމަ، މާބަނޑު ދުވަސްވަރު ފޮލިކްއެސިޑްގެ މުހިންމު ދައުރު މިހާރު ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.

ފޮލޭޓަކީ (ފޮލިކް އެސިޑް) ވިޓަމިން ބީ ގްރޫޕަށް ނިސްބަތްވާ ބާވަތެކެވެ. ޑީއެންއޭއާއި ލޭގެ ރަތް ސެލްތައް އުފެއްދުމާއި ތަރައްގީވުމުގެ އިތުރުން ސެލްތައް ބައިބައިވުމަށް އެހީތެރިވެދޭ އެއްޗެކެވެ. ފޮލިކް އެސިޑް ނުވަތަ ފޮލެޓްގެ ފައިދާ ފިރިހެނުންނާއި އަންހެނުންގެ ދަރިމައިވުމުގައި މުހިންމު ދައުރެއް އަދާކޮށްދެއެވެ.
ފިރިހެނުންގެ ދަރިމައިވުމުގައި ފޮލިކް އެސިޑްގެ ދައުރު
ދަރިމައިވުމަށް ޓަކައި ފޮލިކް އެސިޑް ކެއުން އިތުރުކުރަންވީ ހަމައެކަނި އަންހެނުންނެއް ނޫނެވެ. އަދި ފިރިހެނުންނަށް ވެސް ނަސްލީ ޕްރޮސެސްގެ މުހިންމު ބައެއްގެ ގޮތުގައި އެކަށީގެންވާ މިންވަރަކަށް ފޮލިކް އެސިޑް ބޭނުންވެ އެވެ. އެވްރެޖްކޮށް ފިރިހެނުންގެ ހަށިގަނޑުން ދުވާލަކު އެތައް ހާސް ދަރިފަންޔެއް (ސްޕާރމް ސެލް) އުފައްދައެވެ. (ހަގީގަތުގައި ކޮންމެ ސިކުންތަކު ގާތްގަނޑަކަށް 1،500 ސެލް)އެވެ. ޖާމްލައިން ސްޓެމް ސެލްތައް ފުރިހަމައަށް އުފެދި ސްޕަރމް ސެލްތަކަށް ވާން ގާތްގަނޑަކަށް 60 ދުވަސް ނަގައެވެ. މި ޕްރޮސެސްގެ ތެރޭގައި ފޮލޭޓް، ސެލް ބައިބައިވުމާއި ޑީއެންއޭ ސިންތެސިސް އަށް އެހީތެރިވެދެއެވެ. ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުގައި ހަށިގަނޑުގައި އެކަށީގެންވާ މިންވަރަށް ފޮލެޓް ލެވެލް ހުރުމާއި ސްޕަރމްގެ ސިއްހަތާއި ސްޓެބިލިޓީ އަދި ކައުންޓް ރަނގަޅުވުމާ ދެމެދު ވަރުގަދަ ގުޅުމެއް ވެއެވެ.
އަންހެނުންގެ ދަރިމައިވުމުގައި ފޮލިކް އެސިޑްގެ ދައުރު
.png&w=3840&q=75)
ކުޑަދަރިފުޅުގެ ހެދިބޮޑުވުމާއި ތަރައްޤީގައި ފޮލިކް އެސިޑް ވަރަށް މުހިއްމު ދައުރެއް އަދާކުރެއެވެ. ކޮންމެއަކަސް ކުޑަކުއްޖަކު އަންހެނާގެ ރަހިމުތެރޭގައި ގަރުބަގަންނަން ފެށެނީ ކުޑަކުޑަ ސެލްއެއްގެ ގޮތުގައެވެ. އަދި އެ ސެލް ހެދިބޮޑުވެ ތަރައްގީގެ ހުރިހާ މަރުހަލާއެއްގައި ވެސް ބައިބައިވެގެން ދާ ކަމާއި، ފޮލިކް އެސިޑަކީ ސެލް ބައިބައިވުމަށް އެހީތެރިވެދޭ އެއްޗަކަށް ވާތީ، އެނެންސެފަލީ، ސްޕައިނާ ބިފިޑާ، އަދި އެންސެފަލޯސެލް ފަދަ ނިއުރަލް ޓިއުބް ޑިފެކްޓްސް ފަދަ އުފަންވުމުގައި ވަކި އުނިކަންތައްތައް ވެސް ހުއްޓުވާ ގޮތުގެ ގުޅުން ފެނިގެންދެއެވެ. ނިއުރަލް ޓިއުބް ޑިފެކްޓްސް ތަފާތު ގޮތްގޮތަށް ހުންނަ ޑިފެކްޓްތަކަކީ ސިކުނޑިއާއި ބުރަކަށީގެ (މައިބަދައިގެ) ތެރެއަށް ނޭދެވޭ އަސަރުކޮށް، އާދަޔާހިލާފަށް ތަރައްޤީވާ ޑިފެކްޓްތަކެކެވެ.
އާއިލީ ގޮތުން ނިއުރަލް ޓިއުބް ޑިފެކްޓްސް ހުންނަ މީހުންނަށް އެ ޖީން ގަރުބަގަންނަމުން އަންނަ ދަރިންނަށް ފޯރުކޮށްދިނުމުގެ ނުރައްކާ ބޮޑުވެ އެވެ. ފޮލިކް އެސިޑުން މި ބާވަތުގެ އުފަންވުމުގައި އުނިކަން އުފެދުމުގެ ފުރުސަތު މުޅިން ނައްތާލެވިފައި ނުވި ނަމަވެސް ބަލިވެ އިނުމުގެ ގާތްގަނޑަކަށް 2 މަހާއި 3 މަސް ދުވަހުގެ ކުރިންނާއި ފުރަތަމަ ޓްރައިމަސްޓާ މެދުވެރިކޮށް ބަލިވެ އިނުމަށް ރާވާފައިވާ އަންހެނުން ސަޕްލިމެންޓް ނަގަން ފަށައިފިނަމަ ގާތްގަނޑަކަށް %60 ދަށްކޮށްދެއެވެ.
މާބަނޑު ދުވަސްވަރު ފޮލިކް އެސިޑް އެހީތެރިވެދެނީ ކިހިނެއް؟
މުޅި މާބަނޑު ދުވަސްވަރު ދަރިފުޅުގެ ހެދިބޮޑުވުމާއި ދުޅަހެޔޮކަން އަދި ތަރައްޤީއަށް ފޮލިކް އެސިޑަކީ މުހިންމު އެއްޗެކެވެ. ފޯލިކް އެސިޑްގެ ސަޕްލިމެންޓް ދިނުމަށް ބޭނުންވާ މުއްދަތާއި ޑޯޒް ވަކިވަކިން ތަފާތުވެއެވެ. މިހާރު ހަށިގަނޑުގައި ހުރި ފޮލެޓްގެ މިންވަރަށް ބަލާއިރު، ޑައިޓޭރިއަން ފޮލެޓް އަބަދުވެސް މާބަނޑު ދުވަސްވަރު ފުދޭވަރަކަށް ނުވާތީ، ސަޕްލިމެންޓް މެދުވެރިކޮށް ފޯލިކް އެސިޑް ކެއުން އިތުރުކުރުމަށް ޑޮކްޓަރު ލަފާދެއްވާފާނެއެވެ. ބަލިވެ އިނުމުގެ ކުރިންނާއި މުޅި ފުރަތަމަ ޓްރައިމަސްޓާގައި އަންހެނުންނަށް ފޮލިކް އެސިޑް ސަޕްލިމެންޓް ނަގަން ފެށުމަށް ލަފާދޭ ސަބަބަކީ ފޮލިކް އެސިޑް ނިއުރަލް ޓިއުބް ތަރައްގީވުމަށް އެހީތެރިވެދޭތީ އެވެ. އަދި ނިއުރަލް ޓިއުބަލްގެ ސަބަބުން ދިމާވާ ނުކުޅެދުންތެރިކަމުން ރަޙިމުގައި އުފެދެމުން އަންނަ ދަރިފުޅު ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދޭތީއެވެ.

ފޮލިކް އެސިޑް ކެއުމަށް ރަނގަޅީ ކޮން ވަގުތަކު؟
އަމާޒަކީ ބަލިވެ އިނުން ނަމަ، އެންމެ ރަނގަޅީ ބަލިވެ އިނުމުގެ ގާތްގަނޑަކަށް 2 މަހާއި 3 މަސް ކުރިންނާއި މާބަނޑު ދުވަސްވަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދުވާލަކު މަލްޓިވިޓަމިން، ޕްރީނެޓަލް ވިޓަމިން، ނުވަތަ ފޮލިކް އެސިޑް ސަޕްލިމެންޓް ނަގަން ފެށުމެވެ. އަދި ޕްލޭން ނުކޮށް ބަލިވެ އިނދެއްޖެ ހާލަތުގައި އާއި ބަލިވެއިނދެ ބަނޑަށް ވީ ދުވަސް ނޭންގިއްޖެ ހާލަތެއްގައި ފޯލިކް އެސިޑް ބޭނުން ކުރަންވާނީ ސިއްޙީ ހިދުމަތްދޭ ފަރާތަކަށް ދައްކައި ފުރިހަމަ ކުރަންޖެހޭ ޓެސްޓްތަށް ފުރިހަމަ ކުރުމަށްފަހު އެފަރާތްތަކުން އިރުޝާދު ދެއްވާ ގޮތެއްގެ މަތިންނެވެ.
މާބަނޑު އަންހެނުންނަށް ފޮލިކް އެސިޑްގެ ފައިދާ!
ނިއުރަލް ޓިއުބް ޑިފެކްޓް ފަދަ އުފަންވުމުގައި ބޮޑެތި އުނިކަންތައްތަކުން ރައްކާތެރިވުމުގެ އިތުރުން މާބަނޑު އަންހެނުންނަށް ފޯލިކް އެސިޑްގެ މުހިންމު އެހެން ގިނަ ފައިދާތަކެއް ލިބިގެންދާއިރު، އޭގެ ތެރޭގައި ހިމެނެނީ؛
· އާދަޔާ ހިލާފަށް ބިސް އުފެދުމުގެ ނުރައްކާ ކުޑަކުރުން.
· ޕްރޮޖެސްޓަރޯންގެ މިންވަރު އިތުރުވުމުން ސަބަބުން ބަލިވެ އިނުމުގެ ފުރުސަތު އިތުރުވުން.
· ދަރިފުޅު އުފަންވުމުން ހިތުގެ އުނިކަންތައްތައް އުފެދުމުގެ ނުރައްކާ ކުޑަވުން.
· ދުވަސް ނުފުރާ (ޕްރީޓާމް) ވިހެއުމުގެ ނުރައްކާ ކުޑަވުން.
· ތުއްތު ކުދިންނަށް އުފަންވާއިރު ބަރުދަން ދަށްވުމުގެ ނުރައްކާ ކުޑަވުން.
އެހެންކަމުން ބަލިވެއިނުމަށް ގަސްދުކުރާނަމަ ސިއްހީ ހިދުމަތްތެރިއެއްގެ ލަފާހޯދުމަކީ މުހިންމުކަމެކެވެ. އަދި ގަވާއިދުން ފޮލިކްއެސިޑް ބޭނުންކުރުމުގެ ސަބަބުން ބަލިވެއިންނައިރު ދިމާވާ ނިއުރަލް ޓިއުބަލް މައްސަލަތަށް ކުޑަކުރެވި މުޅި މާބަނޑުވުމުގެ ދަތުރު އިތުރަށް ފުރިހަމަކޮށްދިނުމަށް އެހީތެރިވެދެއެވެ.