ޒުވާނުންގެ މަގު ގެއްލުވައިލަނީ ބަޔަކު ގަސްތުގައި، ކުރިމަގު އޮތީ ބަނަކޮށް!
ސައިފުﷲ އަލީ

ފޮޓޯ: އަފްރާހް
SHARE
އަހަރެމެން ދިވެހިންނަކީ ހާދަހާ ހެއްވާ މޮޔަ ބައެކޭ ވަރަށް ގިނައިން ހިތަށް އަރައެވެ.ކަމެއް ހިނގާއިރަށް ހަޅޭއް ފަޅޭއް ޖަހާ ބިމު އަޑިން ޒަލްޒަލާ އުފެދޭ ވަރަށް މުޒާހަރާ ކުރާނެއެވެ. ދާދި އަވަހަށް ހަނދާންނެތި ކުކުޅު ހާތަކެއް ހެން އުޅެން ފަށާނެއެވެ.

ދިވެހި ފަސްގަނޑުގައި އިހު ދިވެހިން އުޅުނީހީ އާދައިގެ ދިރިއުޅުމެއް ނޫނެވެ. ވަރަށް ވެސް އަބުރުވެރި، ރީތި ސާދާ ދިރިއުޅުމެކެވެ. ހެޔޮ ކަންކަމަށް އަމުރުކުރުމާއި ނުބައި ކަންކަން ނަހީކުރުމަކީ، އޭރު ދިވެހީންގެ ކަށީގައި ހިފާފައި ހުރި ކަމެކެވެ. އެހެން ނަމަވެސް މަދުމަދުން ނަމަވެސް، ބިންމަތީގައި ފަސާދަކުރުމަކީ މި ބިމުގައި ކޮންމެވެސް ވަރަކަށް ނެތްކަމެކޭ ނުދެންނެވޭނެއެވެ.
ދިވެހިރާއްޖޭގައި މިފަހަކަށް އައިސް އާންމުވެގެން އުޅޭ ފާޙިޝް ކަންކަމާއި ފަސާދަތަކަކީ އިއްޔެ މިއަދަކު ފެންމަތިވެގެން އުޅޭ ކަންކަމެއް ނޫނެވެ. މިއީ ޖީލުތަކަކަށް ދިގުދެމިގެން ގޮސްފައިވާ އިހުމާލުތަކެއްގެ ނަތީޖާއެވެ. ފަރުވާކުޑަކުރުމުގެ ޢަމަލުތަކުގެ ނަތީޖާއެވެ. ގަސްތުގައި ޒުވާނުންގެ ބާރު ކަނޑުވާލުމަށް ކުރެވެމުންދާ މަސައްކަތުގެ ނަތީޖާއެވެ.
ލޮބުވެތި ދިވެހި މައިންނާއި ބަފައިންނޭވެ. ދަރިން ތަރުބިއްޔަތުކުރުމުގައި ކުރެވޭ އިހުމާލީ އަމަލުތައް ގުނައި އަދަދު ނުކުރެވޭނެއެވެ. ހަޔާތުގެ ބައިވެރިޔާ އިޚްތިޔާރުކުރުމާ ހިސާބުން ފެށިގެން ގޮސް، ދަރިންގެ މަދުރަސީ ހަޔާތުން ދެމިގެން ގޮސް އެކުދިންގެ އިޖުތިމާޢީ ދިރިއުޅުމުގެ ބިންގާ އެޅުމާ ހިސާބަށް މައިންބަފައިން މިވަނީ އިހުމާލުވެފައެވެ.
މިއަދު ރޮއެ ހޭރުމުގެ މާބޮޑު ބޭނުމެއް ދެން ނެތެވެ. ދުނިޔެމަތިން ދަރިއަކަށް އެންމެ މުހިއްމީ ވަގުތެވެ. އެވަގުތު އަހަރެމެން ނުދިނީމުއެވެ. ދެން ތި ހޭރުންގަނޑު ހުއްޓާލުމަށްފަހު ލޯ ހުޅުވާ ބަލާށެވެ. ވަށައިގެން ހިނގާ ކަންކަމުގެ ވާނުވާ އެނގޭވަރަށް ހަމަޖެހޭށެވެ. މިއަދު ޒުވާނުންގެ ހާލަތަށް ފުރަތަމަ ޒިންމާވާންޖެހޭ ފަރާތްތަކަކީ ތިޔަ ފަރުވާކުޑަ ބެލެނިވެރިންނެވެ.
.png&w=3840&q=75)
ދެންވެސް އޮތީ ހަޖަމުކުރަން އުނދަގޫ ވާހަކައެވެ. ދިވެހިންގެ ހައްގުތައް ހިމާޔަތްކުރުމަށް ހަދަންޖެހޭ ގާނޫނުތައް ހެދުމުގައި ވިޔަފާރިވެރިންނަށް ފުރުސަތު ދިނުމުގެ ނަތީޖާއަކީ، އާދައިގެ ރައްޔިތުމީހާގެ ހައްގު ހިމާޔަތްކުރުމުގެ ބަދަލުގައި އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމަށް ގިނަ ގާނޫނުތަކެއް ހެދިގެން ދިއުމެވެ.
މިކަމާ ގުޅިގެން އަދުގެ ހާލަތުތޯއެވެ. ނިކަމެތިން އިންސާފު ހޯދަން ސަލާންޖަހަމުން ދާއިރު، މުއްސަނދިން އުޅެނީ "އެބަވް ދަ ލޯ" ގައެވެ. ލޮބުވެތި ދިވެހީންނޭވެ. އަދިވެސް ހޭލާކަށް ނުވޭތޯއެވެ. ކަންކަން ނުދަންނަ މީހުން ކަންކަމަށް އިސްނުކުރާށެވެ. އެހެން ނޫނީ، ދުވަސްތަކެއް ފަހުން އަހަރެމެން ދިވެހިން ލޭގެ ކަރުނައިން ރޯތަން ފެންނާނެއެވެ.
ލޮބުވެތި ދިވެހިންނޭވެ! އަހަރެމެން ހޭވެރިކަންވާނީ ކިހާވަރެއް ވީމަތޯއެވެ؟ ޒުވާނުންނަކީ ގައުމުގެ މުސްތަގުބަލަށް ވީނަމަ، މިއަދު ޒުވާނުންގެ މެދުގައި އާންމުވެފައިވާ ވަބާތަކުގެ ޒިންމާ ނަގާނީ ކާކުތޯއެވެ؟ ޒުވާނުން ވަކިވަރަކަށް ބާރުވެރިވެއްޖެނަމަ، ގައުމުގެ މަތީ ފަންތީގެ މަގާމުތަކަށް ޒުވާނުން ވާދަކުރާނެއެވެ. ޒުވާނުން މޮޅަށް ކިޔަވައިގެން ނިކުމެއްޖެ ނަމަ، ވަކިބައެއްގެ ތައްޕާހުން ގައުމު ސަލާމަތްވެދާނެއެވެ. ޒުވާނުންނަކީ އަޚުލާގީގޮތުން ނަމޫނާ ބަޔަކަށް ވެއްޖެނަމަ، ކޮންމެވެސް ބައެއްގެ ބާރު ކެނޑިގެންދާނެއެވެ. މިހެންކަމުން މިއަދުގެ ޒުވާން ޖީލު ވަކި ދިމާލަކަށް ދީލާލެވިފައި މިއޮތީ އިހުމާލަކުން ނޫނެވެ. ގަސްތުގައެވެ. ބަޔަކު އަޑިގައި ތިބެގެން ޒުވާން ޖީލު ހަލާކު ކުރަނީއެވެ.
ކަން މިހެން އޮތް ނަމަވެސް، ގައުމަށް ދިމާވާ ބޮޑެތި ކަންކަމުގައި ނިކުމެ ހާޖާނު ހަދައި ހަޅޭއްލަވައި މުޒާހަރާ ކުރިއަސް، ގައުމު އިސްލާހެއް ނުވާނެއެވެ. ގައުމު އިސްލާހުވާނީ ފަރުދުން އިސްލާހުވެގެންނެވެ. ގައުމު އިސްލާހުވާނީ ވިސްނުންތައް އިސްލާހުވެގެންނެވެ. ގައުމު އިސްލާހުވާނީ ވޯޓު ވިއްކުން ހުއްޓާލައިގެންނެވެ. ގައުމު އިސްލާހުވާނީ، ދީނީ ދަރުސްތައް މިސްކިތުން ބޭރުވެގެންނެވެ. ގައުމު އިސްލާހުވާނީ، ގޯހަށް ގޯހޭ ބުނަން ކެރިގެންނެވެ. ގައުމު އިސްލާހުވާނީ ވަޒީފާގެ ދަހިވެތިކަމުން ނެއްޓުނު ދުވަހަކުންނެވެ. ގައުމު އިސްލާހުވާނީ ބައިތުލްމާލުން އިސްރާފުކުރުން ހުއްޓުނު ދުވަހަކުންނެވެ. ތެދެކެވެ. ތަހުޒީބަކީ އިންސާނާގެ ވިސްނުމަށް އަންނަ އެއްޗެކެވެ.
