ދިވެހި ޒުވާނުންނާއި ދީނީ ޢިލްމުވެރިންނާ އޮތް ދުރުމިން!

ކައުޘަރު އަހްމަދު ލަތީފް

ޒުވާނުންނާއި، ދީނީ އިލްމުވެރިން--
SHARE
މީގެ ދުވަސްކޮޅެއް ކުރިން ޒުވާނަކު އަހަރެން ގާތު ބުނި ވާހަކައެއް ކުއްލިއަކަށް ހަނދާނަށް އައެވެ.ދިރިއުޅުމުގެ ކަމަކާ ގުޅިގެން ގޮތެއް ނިންމުމުގައި އުނދަގޫވެގެން އުޅެ އުޅެ ދީނީ ޢިލްމުވެރިއަކާ ދިމާވާ ގޮތެއް ނުވި ވާހަކައެވެ. ގުޅޭނެ ގޮތެެއް ނުވި ކަމާއި ސޯޝަލް މީޑިއާގެ މަންސައަކުން ވެސް ގާތްގަނޑަކަށް ނުފެނު ވާހަކައެވެ. އަދި ވަކިން ބޮޑަށް އުނދަގޫވީ، މައުޟޫއާ ގުޅުން ހުރި، އެކަމުގެ ސްޕްޝަލިސްޓަކާ ދިމާުކުރުމަށް ކުރިމަތިވި ގޮންޖެހުންތަކެވެ.

މައުޟޫގެ ބޭނުމަށްޓަކައި ވިސްނަވާށެވެ. ދިވެހި ދީނީ ޢިލްމުވެރިން ދިވެހި ޒުވާނުންނާ ހުރި ދުރުމިނުގެ ބޮޑުމިނަކީ، ދިރިއުޅުމުގެ ކަމަކާ ސުވާލު އުފެދި، ހާސްވެ ކަންބޮޑުވެގެން ގުޅަންވީ ކާކަށް ކަމެއް ނޭނގުމަކީ ކުޑަކަމެއް ނޫނެވެ. އަދި ނުވިތާކަށް ޒުވާނަކު ގުޅައިގެން ފޯނަށް ޖަވާބުދޭ މަދު ޢިލްމުވެރިއަކު ނޫނީ ނެތެވެ.
ނަތީޖާއަކަށް ވެގެން މިދަނީ ދިރިއުޅުމުގެ މުހިއްމު ނިންމުންތައް ނިންމުމާއި ދިރިއުޅުމުގެ ޚާއްސަ ހާލަތްތަކުގައި ދީނީ ޢިލްމުވެރިންގެ ބޭނުން ކެނޑިގެން ދިއުމެވެ. ލޮބުވެތި ދިވެހި ދީނީ ޢިލްމުވެރިންނޭވެ. އެބަޔަކާ ހަމައަށް ފޯރުމަށް އުނދަގޫ ބަޔަކަށް މުޖުތަމަޢު އިސްލާހެއް ނުކުރެވޭނެއެވެ. ޒުވާނުންނަކީ މުޖުތަމަޢުގެ މޫނު ބަލާ ލޯގަނޑު ކަމަށްވާނަމަ، އެ ލޯގަނޑު ފޮހެ ސާފުކުރުމަށް މިއަދު ތިޔަ ޢިލްމުވެރިންނަށް ތިވަނީ ވަރަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައެވެ. ނަމަ ނަމަ ޒުވާނުންގެ ގޮވުންތަކަށް ބީރު ކަންފަތެއް ނުދޭށެވެ.
ދިވެހި ޒުވާނުންނާއި ދިވެހި ދީނީ ޢިލްމުވެރިންނާ އޮތް ދުރުމިން ދެން އެންމެ ރަނގަޅަށް ފެނިގެންދާނީ، ކޮފީ މޭޒުތަކުންނެވެ. ވަރަށް ގިނަ ސުރުޚީތަކުންނާއި އެއްވުންތަކުގައި ދިވެހި ޒުވާނުން ކޮފީ މޭޒުތަކުގައި ހޭދަކުރާ ވަގުތުތަކުގެ ވާހަކަ ދެކެވެއެވެ. ނަމަވެސް ޒުވާނުންނާ ގުޅުން ހުރި ކަންކަމުގައި ޒުވާނުންނާ އެއްކޮށް ކޮފީ މޭޒުތަކަށް އެރުންވެފައި އޮންނަނީ ތުރާ ކަމަކަށެވެ. ވަކިން ޚާއްސަކޮށް ދީނީ ކަންކަމަށް ޒުވާނުން ހޭލުންތެރިކުރުމާއި ޒުވާނުންނާ ގުޅުންހުރި މުހިއްމު މައްސަލަތަކުގެ ހައްލު ހޯދުމަށް ޒުވާނުންނާ އެއްކޮށް ކޮފީ މޭޒުތަކަށް އެރުމަކީ ދިވެހި ދީނީ ޢިލްމުވެރިންނަށް "ޙަރާމް" ކަމެއް ފަދައެވެ. ނަމަވެސް ޒުވާނުންނާ ގުޅޭ ޒުވާނުންނާ ގާތުން މަސައްކަތްކުރާ ދެތިން ޢިލްމުވެރިންނަށް މި ފުރުސަތުގައި ޝުކުރުވެރިވަމެވެ.
ލޮބުވެތި ދިވެހި ދީނީ ޢިލްމުވެރިންނޭވެ. ތިޔަ ބޭފުޅުންނާމެދު ޒުވާނުންގެ ހިތްތަކުގައި އޮތީ ފައްސި ތަސައްވުރެއް ނޫނެވެ. ގިނަ ޒުވާނުން ދެކޭ ގޮތުގައި ދީނީ ޢިލްމުވެރިންގެ ޖަމާޢަތަކަށް ނުވަތަ ބައްދަލުވުމަކަށް ހާޒިރުވެއްޖެނަމަ، ޒުވާނުން ކާފަރުކުރުމާއި ޒުވާނުންނަށް ބެވުމާއި ޒުވާނުން ކުށްވެރިކުރުމަކީ އާންމުކަމެކެވެ. އެހެންވެ އެފަދަ ބައްދަލުވުންތަކަށް ދިއުމަކީ ޒުވާނުން ގަޔާވާ ކަމެއް ނޫނެވެ.
.png&w=3840&q=75)
މީގެ މާނައަކީ ޒުވާނުން އެދޭހާ ގޮތަކަށް ޢިލްމުވެރިންގެ އުޅުން ބައްޓަންކުރުމެއް ނޫނެވެ. ނަމަވެސް ޒުވާނުންގެ ހިތްތަކުގައި ދީނީ ޢިލްމުވެރިންނާ މެދު އޮތް ހުތުރު ތަސައްވުރު ބަދަލުކުރަން ޖެހޭ ވާހަކައެވެ. އެފަދަ ތަސައްވުރެއް އޮތްހާ ހިނދަކު، ގައުމީ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި ތިޔަ ލޮބުވެތި ޢިލްމުވެރިންނަށް ތިޔަ ލޮބުވެތި ޢިލްމުވެރިން ފޭލި ވާނެ ވާހަކައެވެ.
މީގެ އިތުރަށް މި ދާއިރާގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ދީނީ ޢިލްމުވެރިންގެ ތެރޭގައި ކަމުގެ ސްޕެޝަލިސްޓުން ނެތުމުގެ ދަތިކަމެވެ. ދާއިރާތަކަށް ޚާއްސަ މީހުން މަދުވުމުގެ ނަތީޖާއަކީ ދީނީ ޢިލްމުވެރިންގެ މެދުގައި ވެސް ހުރިހާ ކަމަކާ ގުޅޭގޮތުން ހުރިހާ މީހުން ވާހަކަދެއްކުމުގެ ސަގާފަތް އޮތުމެވެ. ނަމަވެސް ބޭސްވެރިކަމުގެ ދާއިރާއަށް ބަލާއިރު، ކަމުގެ ސްޕެޝަލިސްޓުން ތިބުމުގެ ސަބަބުން، ބަލިތަކަށް ފަރުވާކުރުމުގައި އަވަސްވެފައި ނަތީޖާއާ މެދު ޔަގީންކަން ބޮޑުވެއެވެ.
މިއާ ޚިލާފަށް ދީނީ ކަމަކާ ގުޅޭގޮތުން ދާންވީ ދިމާލެއް ނޭނގި، ގުޅަންވީ ކާކަށް ކަމެއް ނޭނގި އިތުބާރުކުރަންވީ ކާކަށްކަމެއް އަހަރެމެންނަކަށް ނޭނގެއެވެ. އަޅުގަނޑު ޔަގީންކުރާ ހިތްއޮތީ، ދީނީ ޢިލްމުވެރިންގެ މެދުގައި ވެސް އިޖުތިމާޢީ އަދި ދީނީ ދާއިރާތަކަށް ޚާއްސާ ޢިލްމު އުނގެނިގެން ތިއްބެވި މޮޅެތި ޢިލްމުވެރިން ތިއްބަވާނެކަމެވެ. ނަމަވެސް އެފަދަ ދަފްތަރެއް ނެތުމުގެ ހިތި ނަތީޖާ، އަދުގެ ޒުވާން ޖީލުން ފެންނަމުން ދިއުމަކީ ހިތާމައިގެ ކޮޅެއްނެތް ކަމެކެވެ.
ލޮބުވެތި ދިވެހި ދީނީ ޢިލްމުވެރިންނޭވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދީނީ ޢިލްމުވެރިއެއްގެ ހުންނަންޖެހޭ އެންމެ މުހިއްމު ދެ ސިފައަކީ، ޢިލްމީ ދިރާސާތައް ކުރުމާއި އެފަދަ ދިރާސާތަކުގެ އަލީގައި ޢިލްމު ފެތުރުމަށް މަސައްކަތްކުރުމެވެ. ލިޔުންތެރިކަމާއި ފޮތްތެރިކަމުގެ މަތިވެރި ސިފަތަކުގެ އަލީގައި މުޖުތަމަޢުގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމެވެ. ފޮތް ލިޔުމާއި، މަޒުމޫނުތަކާއި ކޮލަމްތައް ލިޔުމެވެ. ބްލޮގްތަކާއި ސޯޝަލް މީޑިއާގެ މަންސަތަކުގައި ޢިލްމީ މަޝްވަރާތައް ކުރިއަށްގެންދިއުމެވެ. ޢިލްމީ ބަހުސްތަކާއި ޢިލްމީ މަޝްވަރާތައް ކުރިއަށްގެންދިއުމެވެ.

އެހެންނަމަވެސް ހިތާމައަކީ، އަދުގެ ދިވެހި މުޖުތަމަޢުގައި ދީނީ ކަންކަން ހަނިވެގެން ގޮސް މިސްކިތްތަކުގެ ހަރިއްމައިގެ ތެރެއަށް ދީން ވަދެއްޖެކަމެވެ. މިސްކިތަށް ނާންނަ ޒުވާނުންނަށް މިސްކިތަށް އަންނާށޭ ކިޔާފައި ގޮވަނީ ވެސް މިސްކިތުގައި ކަމެވެ. މިފަދަ އެޕްރޯޗްތަކުން ޒުވާނުންނާ ހަމައަށް ޢިލްމެއް ނުފޯރާނެއެވެ. އޭގެ އަސަރެއް ވެސް ނުކުރާނެެއެވެ. ރާހަތެއް ވެސް ނުކުރާނެއެވެ. ވަގުތު ފާއިތުވުމުގެ ކުރިން މި ކަންކަމާމެދު ފުންކޮށް ވިސްނަވާށެވެ. މިއީ އަޅުގަނޑުގެ ޚިޔާލެވެ.
ކޮފީ ސަޕޯޓް
ތިޔަ ބޭފުޅުންގެ އަޑު އިއްވައިދިނުމަށް އެހީތެރިކަން ބޭނުންވޭތޯ؟ ކޮފީ ކޯވަރެއް ބޯލުމަށްފަހު އަޅުގަނޑުމެންނާ ކޮންމެ ވަގުތަކު ވެސް ކޮންޓެކްޓް ކޮށްލައްވާ!




