
ޒުވާނުންތަކެއް އަތިރިމަތީ ކުޅިވަރު ކުޅުމުގައި
SHARE
އޭ ދިވެހި މުޖުތަމަޢުއެވެ. އަހަރެން މިކުރަނީ ޝަކުވާއެކެވެ. އެންމެ ޝަކުވާއެއް ނޫނެވެ. އަހަރެންގެ ހިތުގެ ޝަކުވާއެވެ. އަހަރެންފަދަ ވަރަށްގިނަ ޒުވާނުންގެ އަދުގެ ހާލުގެ ޝަކުވާއެވެ.

އަހަރެން ވެސް މިދުނިޔެއަށް އުފަންވީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. ވަރަށްގިނަ އުންމީދުތަކެއް ކުރާ ހާލުގައެވެ. ބޮޑުވެ ، އަހަރެންގެ އަމިއްލަ އަމަލުތަކާމެދު އަމިއްލައަށް ޒިންމާވާންޖެހޭ އުމުރަށް އެރިއިރު އަދިވެސް އަހަރެންނަށް ނޭނގޭ އެތައް ކަމެއް އަހަރެންގެ ވަށައިގެން އެނބުރޭކަމީ ދުނިޔަވީ ހަގީގަތެކެވެ. އެފަދަ ކަންކަމާމެދު އަހަރެން ފިކުރުބޮޑުނުވާ ދުވަހެއް ނުދެއެވެ.
އެހެން ކުދިންނެކޭ އެއްފަދައިން އަހަރެން ވެސް ސްކޫލަށް ދިޔައީމެވެ. ކިޔަވަން ވެސް ކިޔެވީމެވެ. ސްކޫލުން މަތީވަނަތައް ވެސް ލިބުނެވެ. އެހެން ނަމަވެސް އަހަރެންގެ ދިރިއުޅުން މިވަނީ ގާތްގަނޑަކަށް ބާކީވެފައެވެ. ސްކޫލުގައި އަހަރެން ވެސް ދިވެހިބަހާއި އިސްލާމްދީނުގެ ޢިލްމު އުނގެނުނީމެވެ. އެހެންނަމަވެސް އަހަރެންނަކަށް އަމިއްލަ ބަހުން އަމިއްލަ މުހުތާދުތައް ފުއްދާކަށް ނޭނގެއެވެ. އަމިއްލަ ޒަރޫރީ ކަންކަމުގައި މީސްމީހުންނާ ހަމައަށް ގޮސް ދެންއިތުރަށް ކުރިއަށް ގެންދާކަށް ނޭނގެއެވެ. ހަމަ ކޮށިއަރަނީއެވެ. ބޭއިޚްތިޔާރުގައެވެ. ބައެއްފަހަރު ލަދުވެސް ގަންނަ ހާލުގައެވެ.
ދީނީ ކަންކަމޭތޯއެވެ. ގާތްގަނޑަކަށް ބާރަ އަހަރު ވަންދެން ސްކޫލުގައި ދީން ކިޔެވީމެވެ. އެހެންނަމަވެސް ނަމާދުކުރާ ހިތެއް ނުވެއެވެ. ބައެއްފަހަރު ކުރަމެވެ. ގިނަ ފަހަރު ނުކުރަމެވެ. އަމިއްލަ ނަފުސުގެ ތާހިރުކަން ވެސް ބޮޑުބައި ނޭނގެއެވެ. އަހަރެން ދީންވެރި ދީނަށް އުޅޭ މީހުންނަށް ފުރައްސާރައެއް ނުކުރަމެވެ. ނަމަވެސް އެމީހުން ދެކެ ލޯތްބެއް ވެސް ނުވަމެވެ. އަހަރެންގެ ހިތުގެ ޝަކުވާގެ ސުވާލުތައް ގޮސް ހުއްޓެނީ އަހަރެންގެ މައިންބަފައިންނާ އެދުރުންނަށެވެ. މިހުރިހާ ދުވަހު އަހަރެން ގޮވައިގެން ތިކުރީ ކީއްހެއްޔެވެ؟ އަހަރެންނަށް ދަސްކޮށްދެވުނީ ކޯއްޗެއް ހެއްޔެވެ؟ އަހަރެންގެ މިފަދަ ސުވާލުތަކަށް ބައެއް މީހުން ބުނެއުޅެއެވެ. ތިއީ ކަލޭގެ މައްސަލައެކެވެ. ކަލޭ ނޫނަސް އެހެން މީހުންގެ ކުދިންވެސް ކިޔަވައިގެން މޮޅު ކުދިންނަށް ވިއެވެ. އަހަރެންގެ ހިތުގައި ދެންވެސް އުފެދެނީ ވިޔާނުދާ ސުވާލެކެވެ. އެމީހުންނާ އަހަރެންނާ ހުރީ ކޮން ތަފާތެއް ހެއްޔެވެ؟
އޭ ދިވެހި މުޖުތަމަޢެވެ. އަހަރެން ވެސް އަމިއްލަ މަސައްކަތުން ދިރިއުޅުމެއް އުޅެން ބޭނުންވެއެވެ. އަހަރެންނަށް ކޮންމެ ގޮތަކަށް އުޅެވުނަސް އަޚުލާޤު ރަނގަޅު ގެވެހި އަނތްބަކު ބޭނުމެވެ. ހެޔޮގޮތުގައި އުޅޭށެވެ. ދިރިއުޅުމެއް ބިނާކުރާށެވެ. އެހެން ނަމަވެސް ލަނޑަޔާ ވާނީ ލަނޑަޔާކަން އެންމެން ވެސް ދަނެއެވެ. އަހަރެން އެކަމާ މާބޮޑު ފިކުރެއް މިހާރު ނުހުންނަނީ އެކަމަށް ބޭނުން ނުވާތީއެއް ނޫނެވެ. ބައެއް މީހުން އަހަރެންނާ ދިމާއަށް ބުނާކަހަލައެވެ. ކަލޭމެން މީހުނާ އިންނަން ކޯޓަށް ދަނީ ކީއްކުރަން ހެއްޔެވެ؟ ކޯޓަށް ނުދިޔަޔަށް ކަލޭމެން ތިއުޅެނީ 'އިނދެގެން' ނެވެ. އެއީ ވެސް މުޅިއަކުން ދޮގެއް ވެސް ނޫނެވެ. މަދުކަމެއް ފިޔަވައި ހުރިހާކަމެއް ހެން ކުރެވެއެވެ.
.png&w=3840&q=75)
އޭ ވަޒީފާގެ ބާޒާރެވެ! އަހަރެން މިކުރަނީ ޝަކުވާއެކެވެ. އިސްކޫލުން މަތީވަނަތައް ހޯދައިގެން ލައްކަ މޮޅު ވަޒީފާއެއްގައި އުޅޭނަމޭ ހިތާ އަހަރެން ވެސް ޚިޔާލީ މޯހިރެއްގައި ދުވަސްކޮޅަކު އުޅުނީމެވެ. ތިބާޒާރުގައި ކިއްސަރު ހެޔޮ ބާރަށްދުވާ ކަނބަލުންނަށް އޮންނަ 'ޑިމާންޑު' ހިތައް އަރައި އަހަރެން ހަމަ ކޮސް ވެއްޖެއެވެ. ހާޑުވެއަރ ފިހާރަތަކަށް ވެސް އެކުދިންނެވެ. ބަރުހަތިޔާރު ގެންގުޅެން ވެސް ހަމަ އެކުދިންނެވެ. ފުޅިމެދު އުނގުރިއެކޭ އެކުދިންނެކޭ ތަފާތެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެހާ ފާޅުކަން ބޮޑުކޮށެވެ. 'ޓާންއޯވާރ' މަތިވެގެން ދެން ވާހަކަ ދެއްކުމުގެ މާބޮޑު ބޭނުމެއް ނެތެވެ. އަހަރެން ދެން ތިބާޒާރަކަށް ނުދާނަމެވެ. އަހަރެމެން މިހާރު އުޅެނީ އަމިއްލަ ބާޒާރެއް ހަދައިގެންނެވެ. ލިބޭ ފައިސާ ވެސް އެތައް ގުނައެއް ބޮޑެވެ. ބޭނުން ގަޑިއަކު މަސައްކަތްކުރަންވީއެވެ. 'އަންޑަގުރަންޑު' ވެގެން ކުރަނިކޮށް ހެވެއެވެ.
އޭ ގާނޫނުތަކާއެވެ! އަހަރެން މިކުރަނީ ޝަކުވާއެކެވެ. މީހުން ބުނާތީ އަޑުއަހަމެވެ. މިދެކުނު އޭޝިއާގައި ވެސް މިއަށްވުރެ ގާނޫނު ގިނަ ގައުމެއް މަދުވާނެއެވެ. ނުވަދިހަ ހަވަނަ އަހަރު ލައްކަގިނަ ވިޔަފާރި ގާނޫނުތައް ހެދިއްޖެއެވެ. އަދި އަދާޖެހެންދެން ވެސް ގިނައިން ހެދިފައިހުރީ ވިޔަފާރިވެރިންގެ ހައްގުތައް ހިމާޔަތްކުރަން ހެދިފައިވާ ގާނޫނުތަކެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ފުދުންތެރިކަން ކުޑަ މީހުންނަށް އެތިކޮޅެއް ދީގެން ގޮނޑިތައް ގަތީމާ ވާނީ މިކަހަލަ ގޮތެކެވެ. ދެން ވެސް ވާން އޮތީ ހަމަ މިހެންނެވެ. ކުލަކުލައިގެ ޕާޓީތައް ހަދައިގެން ރައްޔިތުމީހާ ދެބޯގެރި ދުއްވާކަން އެނގޭއިރު ވެސް އަހަރެމެން މިތިބީ ކަންނެތްކަމުގެ ރަޖާލައިގެން ނިދާށެވެ. އެލީޓުން ބުނި ހަނދާން އަދިވެސް އެބަހުއްޓެވެ. "އައްޔަކަސް އަނދިރިއަކަސް ވެރިކަމެއް ވާނީ ވެރިކަމަކަށެވެ." ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ކުޑަކުދިން ކުށްކުރުމުން ދުރުކުރުމަށް ފިޔަވަޅުތަކެއް އެޅެއެވެ. އަހަރެމެންތޯއެވެ. އަށާރަ ނުވަންޏާ ދުވަހަކުވެސް މިތިބަ މީހުން ބޮޑެއްޗެއް ނުވާނެއެވެ. "ހަސްބުނަﷲ ވަނިޢުމަލް ވަކީލް".
އޭ މަދަރުސާތަކާއެވެ! އަހަރެން މިކުރަނީ ޝަކުވާއެކެވެ. އަހަރެން ދީން ކިޔެވީ މާކުސް ހޯދާށެވެ. އަހަރެން ބަސްކިޔެވީ ވެސް މާކުސް ހޯދާށެވެ. ބާކީ ހުރި މާއްދާތައް ވެސް ކިޔެވީ އެބޭނުމުގައެވެ. އެހެން ނަމަވެސް އުފެދޭ ސުވާލެއް އެބައޮތެވެ. މުދައްރިސުންނަށް ނޮހޮރޮއްޕާން ކޮށްގެން ތިތަނުން ބޭރުކޮށްލި ގުރޫޕު މިއަދު މުޖުތަމަޢުގައި މާ ކާމިޔާބެވެ. ހުރިހާ ގޮތަކުންނެވެ. ކީއްވެގެން ހެއްޔެވެ؟ ދުނިޔޭގެ ނިސްބަތުން މަތީ ދަރަޖަތައް ހޯދި ދޮންފުތު ކޮށްގެން އުޅުނު ކުދިން މިހާރު އުޅެނީ އަޅެފަހެ ކޮންތާކު ބާވައެވެ؟ މުޖުތަމަޢުގައި ގިނައިން ދައްކަނީ ބޭރުކޮށްލި ގުރޫޕުގެ ވާހަކައެވެ. އޮޅުކޮށްގެން ގެންގުޅުނު ބައިގަނޑުގެ ހިލަމެއް ނުވެއެވެ. މިއީ އަޅެފަހެ އަޖައިބެއް ހެއްޔެވެ؟ އަހަރެން މިހާރު ވެސް ހިތައް އަރައެވެ. އަހަރެން ދިރިއުޅުމަށް ތައްޔާރު ނުކުރީ ކީއްވެގެން ހެއްޔެވެ؟ ވަޒީފާގެ ބާޒާރަށް ތައްޔާރުނުކުރީ ކީއްވެގެން ހެއްޔެވެ؟ މީހަކާ އިނދެގެން ރަނގަޅު ޖީލެއް ބިނާކުރަން އަހަރެންނަށް ދަސްކޮށް ނުދިނީ ކީއްވެގެން ހެއްޔެވެ؟
މި ޝަކުވާތަކުގެ ނަތީޖާއަކީ ތޯއެވެ! އަހަރެން މިއަދު މިވަނީ މުޖުތަމަޢުގައި ބާކީވެފައެވެ. ދީނަށް އުޅުމަކީ އަހަރެން މަބޮޑަށް ދަންނަކަމެއް ނޫނެވެ. އިނދެ ވަރިކުރެވުނު އަދަދެއް ވެސް ނޭނގެއެވެ. މުޅިންވެސް އުޅެވެނީ އަމިއްލަ ދުނިޔެއެއްގައެވެ. އަހަރެން ޗުއްޓީ ހޭދަކުރަން ދަނީ ކުދިކުދި ގޮޅިތަކަށެވެ. ގުރޫޕުހަދާލާފައެވެ. އެކަނިވާ ވަގުތުތަކުގައި ވަރަށް ގިނައިން ހިތައް އަރައެވެ. އަހަރެންގެ ކުދިންނާއި ކުރީގެ އަނބިން އަހަރެންނަށް މަޢާފެއްނުކުރާނެއެވެ.
