ޒުވާނުން ވަޒީފާގައި ހަރުނުލުންް: މިއީ ޒުވާނުންގެ އެކަނި މައްސަލައެއް ނޫން!

މަރްޔަމް މަޢާޝާ އިލްޔާސް

SHARE
ޒުވާނުންގެ ބޮޑު ކަންބޮޑުވުމެއް މިހާރު އޮތް މައްސަލައެކެވެ. ވަޒީފާގެ މައިދާނުން އެ ޒުވާނުންނަށް ފުރުސަތު ނުލިބޭ ވާހަކައެވެ. ރާއްޖޭގެ ގިނަ ވަޒީފާތަކުގައި ބިދޭސީން ވަކި ހިއްޕައިލައިފައިވާ ވާހަކައެވެ. ނޫނީ, ސިޔާސީ ނުފޫޒަކާ ނުލައި އެއްވެސް ވަޒީފާއެއް ލިބެން ނެތް ވާހަކައެވެ. -- އެކަމަކު މިއަދު ދައްކަން މި އުޅޭ ވާހަކައިގެ ސުރުހީއަކީ އެއީއެއް ނޫނެވެ.

މިއަދު ދިވެހި ޒުވާނުންގެ ހާލަތު ކިޔައިދޭން ފެށި އެޗްއާރު މެނޭޖަރަކު އޭނާގެ ވާހަކަ ހުއްޓައި ވެސް ނުލިއެވެ. ގަޑިއަށް އޮފީހަކަށް ނާދެއެވެ. އޮފީހަށް އައި ނަމަވެސް, އިރުކޮޅެއް ނުވެ ކޮފީއަށް ދާން ޖެހެއެވެ. އޮފީހަށް އަންނަނީ ރަނގަޅަށް ނިދި ހަމަ ނުކޮށެވެ. ހިތްހަމަނުޖެހިގެން ވެެރިއަކު އެއްޗެއް ބުނި ނަމަވެސް އެ ކަން ބަލައިގަންނާކަށް ނޭނގެއެވެ. މާ ގިނަ ދުވަހަކު ވަޒީފާގައި ހަރެއް ވެސް ނުލައެވެ. -- މިހެން ގޮސް ބައިވަރު ވާހަކައެވެ.
ދެން އުފެދޭ ސުވާލަކީ މިއެވެ. ރާއްޖޭގެ ޒުވާނުން ވަޒީފާއަކަށް ނުގޮސް ލާޗާރުބިޗާރަށް އުޅެނީ ކީއްވެގެން ހެއްޔެވެ. ތައުލީމު ހާސިލުކޮށް ޒިންމާދާރު މަސައްކަތެއް ކުރަން ދިވެހި ޒުވާނުން ބޭނުން ނުވަނީ ކީއްވެގެން ހެއްޔެވެ.
ވޭތުވެދިޔަ އަހަރުގެ ޖުލައިމަހު ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން ސްޓެޓިސްޓިކްސް ބިއުރޯ އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އުމުރުން 15 އަހަރާއި 24 އަހަރާ ދެމެދު ޒުވާނުންގެ އަދަދަކީ 53,537އެވެ. އޭގެ ތެރެއިން 10،414 ޒުވާނުން ތައުލީމާއި ތަމްރީން ނުވަތަ އެއްވެސް ވަޒީފާއެއް އަދާނުކުރާކަމަށް އެ ތަފާސްހިސާބުތަކުން ދައްކައެވެ.
މި ކަމުގައި ސަބަބުތަކެއް އެބަހުއްޓެވެ. އެއް ކަމަކީ ވަޒީފާ އަދާކުރާ މާހައުލެެވެ. ސަރުކާރު ވަޒީފާއެއްގައި އުޅޭ ޒުވާނަކު ކިޔައިދިން ގޮތުގައި އެ ތަނުގެ މާހައުލަކީ ވަރަށް "ޓޮކްސިކް" މާހައުލެކެވެ. އަބަދުވެސް އެކަކު އަނެކެއްގެ ނެތިމޮށުމާއި އެކަކު އަނެކަކަށް ޒާތީވުން އޮފީހުގެ ތެރޭގައި އޮންނަ ކަމަށް އޭނާ ކިޔައިދިނެވެ.
.png&w=3840&q=75)
"ބައެއް މީހުން އުޅޭނެ ހަމަ ކަމަކާ ނުލައި ވެސް އަޅުގަނޑާ ޖައްސައިލައިގެން. އަސްލު ތަންކޮޅެއް އުމުރުން ދުވަސްވީ މީހުން ޒުވާނުން ކުރިއަރާކަށް ނޭދޭ. ބޭނުންވަނީ ޒުވާން ކުއްޖަކު އައިސްފިނަމަ އެ ތަނަކުން ފައްސާލަން," އޭނާ ކިޔައިދިނެވެ.

އެ ފަދަ ކަންތައްތަކުގައި އެޗްއާރުން ވެސް ކުރެވޭ މާ ބޮޑު ކަމެއް ނޯވެއެވެ. އޮފީހުގައި ހެދިފައިވާ ގަވާއިދުތަކާ ޚިލާފުވާ ގޮތަކަށް އެއްވެސް މީހަކު އަނެކަކަށް ޖެއްސުމެއް ނުކުރެެއެވެ. ނުވަތަ ސާބިތެއް ނުވެއެވެ. އަބަދުވެސް ސިއްރުސިއްރުން ކުރަނީ "ކުދި އަނިޔާ" އެވެ.
މި ރިޕޯޓަށް ވާހަކަ ދެއްކި އެޗްއާރު މެނޭޖަރަކު ވިދާޅުވި ގޮތުގައި މިހާރުގެ ޒުވާނުންނަށް ވަޒީފާގައި ގިނަ ދުވަހު ނޫޅެވޭ އަނެއް ސަބަބަކީ ކުޅިވަރު ކުޅެން ދާން ބޭނުންވުމެވެ. ފުޓުބޯޅަ މުބާރާތްތަކާއި ހޭންޑްބޯލް މުބާރާތްތަކާއި އެ ނޫން ވެސް މުބާރާތްތަކަށް ދާން ޗުއްޓީ ނެތުމުން ކެނޑިގެން ވެސް އެ މުބާރާތްތަކަށް ދަނީއެވެ.
"އަސްލު ރާއްޖޭގެ ހާލަތު އޮތް ގޮތުން ކަންނޭނގެ މިހެން މި ވަނީ. ފުޓުބޯޅަ ކުޅެން ވަރަށް މޮޅު ކުއްޖަކު ވެސް އެބަޖެހޭ ވަޒީފާއަކަށް ދާން. އޭނާއަކީ ފުރަތަމަ ޑިވިޝަނަށް ކުޅޭ ކުއްޖެއް ވިޔަސް. އެކަމަކު އަސްލު އޭނާއަށް ފުޓުބޯޅަ ކުޅެގެން ފައިސާ ހޯދޭނަމަ އެހެން އެ ކަމެއް ނުވާނެ ދެއްތޯ," އޭނާ ވިދާޅުވިއެވެ.
ކުޅިވަރުގެ ދާއިރާގައި އުޅޭ ގިނަ ޒުވާނުން މިހާރު ވަޒީފާތަކަށް ވަންނަނީ ވެސް ރިލީޒް ލިބޭނެކަން ޔަގީންވާ ތަންތަނަށެވެ. އެކަމަކު, އެ ތަންތަނުން ވެސް އެ ފުރުސަތު ނޯންނަނަމަ, އެ ކުދިން ވަޒީފާއިން ވަކިވަނީއެވެ.
އިތުރަށް އޭނާ ވިދާޅުވީ ވަރަށް ގިނައިން ޒުވާނުން ވެސް ދައްކާ ސަބަބެކެވެ. ތަންތަނުގެ ވެރިންގެ ނާގާބިލުކަމުގެ ސަބަބުން ވެސް ޒުވާނުން ވަޒީފާތަކުގައި ހަރުލާވަރު މަދުވެއެވެ. އެންމެ ފުރަތަަމަ ސްކޫލް ނިންމައިފައި ވަޒީފާގެ މާހައުލަށް ޒުވާނަކު ނުކުންނައިރު އޭނާއަށް ގޯސް ތަޖުރިބާއެއް ކުރެވިއްޖެނަމަ, ދެން އެ ދާއިރާއިން އެ ޒުވާނަކު އެއްކޮށްހެން ފޫހި ވަނީއެވެ.
"ދެން އެ ކުއްޖަކަށް ވިސްނިދާނެ މިސާލަކަށް ދެން އެހެން ވަޒީފާއަކަށް ތިމަންނާ ދިޔަޔަސް މި ގޮތަށޭ ކަންތައް ކުރާނީ. އެހެންވީމަ ދާން ބޭނުންނުވާ ކުދިން ވެސް ތިބޭނެ. ނަފްސާނީ ގޮތުން ކުދިންނަށް އަސަރު ކުރާ ވަރަށް ބައެއް ވެރިން އެބަ އެއްޗެހި ކިޔާ. އެކަމަކު, މީހުން މެނޭޖްކުރާނެ މާ ރަނގަޅު ސްޓްރެޓަޖީތައް ހުންނާނެ," އޭނާ ވިދާޅުވިއެވެ.
މުވައްޒަފުންގެ މެދުގައި ގުޅުން ރަނގަޅުކޮށް, މުވައްޒަފުން އުފާކޮށްދީގެން ގެންގުޅެން އެނގޭ ވެރިން ރާއްޖޭގައި މަދުކަމަށް އޭނާ ވިދާޅުވިއެވެ. ރަނގަޅު ވަޒީފާގެ މާހައުލެއް އެ ތަނެއްގައި ގާއިމުކުރެވިއްޖެނަމަ އެ ޒުވާނަކު އެ ތަނެއްގައި މަޑުކުރާނެކަމަށް ވެސް ވިދާޅުވިއެވެ.
މި ރިޕޯޓަށް ވާހަކަ ދެއްކި ތައުލީމީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ ރާއްޖޭގައި ކެރިއާ ގައިޑެންސްގެ ޕްރޮގްރާމްތައް ރަނގަޅަށް ކުރިއަށް ގެންދެވޭނަމަ ޒުވާނުން ވަޒީފާގައި ގިނަ ދުވަހު ހަރުލާނެއެވެ. އަދި ޒުވާނުންނަށް އެ ޒުވާނަކު ހަގީގަތުގައި ކުރިއަށް ދާން ބޭނުންވާ ދާއިރާ އެނގޭނެއެވެ.
"އެކްސްޕްލޯ ކުރަން ވީ ކޮން ދާއިރާއެއްކަން. އަސްލު މި ދާއިރާގައި މި ވަނީ ކިހިނެއްކަން އެނގޭނީ ކެރިއާ ގައިޑެންސް ޕްރޮގްރާމްތަކުން. ވަން ޓު ވަން ކެރިއާ ގައިޑެންސް ސެޝަންތައް ވެސް ރާއްޖޭގައި ބާއްވަންވީ," އޭނާ ވިދާޅުވިއެވެ.
މިހާރު ސްކޫލް ނިންމައިފައި ނުކުންނަ ގިނަ ޒުވާނުންނަށް އެ ޒުވާނަކު ކުރިއަށް ދާން ބޭނުންވާ ދާއިރާއެއް ނޭނގެއެވެ. މި ރިޕޯޓަށް ވާހަކަ ދެއްކި ގިނަ ކުދިން ވެސް އެ ކަމަށް އެއްބަސްވެއެވެ. މިދިޔަ އަހަރު އޯލެވެލް ނިންމި ގިނަ ކުދިން ބުނާ ގޮތުންނަމަ, ކުރިއަށް ދާންވީ ދިމާލެއް އެ ކުދިންނަށް އެ ތިބީ ނޭނގިފައެވެ.
"ސްކޫލުގައި ކިޔަވައެއް ނުދޭ ކިހިނެއްތޯ ކުރިއަށް ދާނެ ދާއިރާއެއް ޗޫޒް ކުރާނީ. 10 އަހަރު ދުވަހު ސްކޫލްގައި އުޅެފައި ނުކުންނައިރު ނޭނގެ ދެން ވާންވީ ކިހިނެއްކަމެއް," އެއް ދަރިވަރަކު ބުންޏެވެ.
އޭގެ ނަތީޖާއަކަށް ވަނީ އާއިލާގެ ޕްރެޝަރުން ކޮންމެވެސް ދާއިރާއަކުން އެ ކުއްޖަކަށް ކުރިއަށް ދާން ޖެހުމެވެ. އެކަމަކު, އޭރުން އެ ކުއްޖަކަށް އެ ކުރިއަށް ދެވެނީ އެ ކުއްޖެއްގެ މައިންބަފައިން ކުރިއަށް ދާން ބޭނުންވާ ދާއިރާއިންނެވެ. މައިންބަފައިން ނަރުހަކަށް ހަދަން ބޭނުންނަމަ ނަރުސްކަމެވެ. ޑޮކްޓަރަކަށް ހަދަން ބޭނުންނަމަ ޑޮކްޓަރުކަމެެވެ. -- މިހެން ގޮސް ބެލެނިވެރިން ބޭނުންވާ ދާއިރާއެކެވެ.
ތައުލީމީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި ގޮތުގައި އެ ކުއްޖަކު ބޭނުންނުވާ ދާއިރާއަކުން އެ ކުއްޖަކު ކުރިއަށް ދާން ބާރު އެޅުމުގެ ސަބަބުން އެ ކުއްޖާއަށް ނަފްސާނީ ގޮތުން ވެސް އުނދަގޫތައް ކުރިމަތިވާނެއެވެ. ކިޔެވުމާއި ވަޒީފާގައި ހޭދަކުރަން ޖެހޭ ވަގުތަކީ އެއީ "އެ ކުއްޖަކު ކުރާ ހިތުން" ކުރާ ކަމެއް ނޫންނަމަ ގިނަ ފަހަރަށް އޮންނާނީ އެ ފަދަ މައްސަލަތައް ކުރިމަތިވެފައެވެ.
"ދެން މީހާ އެއްކޮށް މެންޓަލީ ސަކަރާތް ވާ ހިސާބަށް ދިޔައީމަ މި ގިވްއަޕް ކުރަނީ. އޭރުން ވެސް ގިނަ މައިންބަފައިން ހަމަ ޕްރެޝާ ކުރާނީ. އެ މީހުންނަކަށް ނޭނގެ އެ ކުއްޖާ އަސްލު ކުރަން ބޭނުންވާ ކަމެއް ނޫންކަމެއް މި ކުރުވަނީ," އޭނާ ވިދާޅުވިއެވެ.
ބައެއް ދާއިރާތަކުން ކުރިއަށް ދާން މައިންބަފައިން ނުރުހުމަކީ ވެސް ޒުވާނުން ވަޒީފާގެ މާހައުލުގައި ފޫހިވާ ކަމެކެވެ. ގާނޫނީވަކީލަކަށް ވާން ބޭނުންވާ ވަރަށް ގިނަ ކުދިންގެ މައިންބަފައިން އެ ކަމަށް ދެކޮޅު ހަދައެވެ. ނޫސްވެރިކަމަށް ވަންނަން ބޭނުންވާ އެތައް ކުދިންނެއްގެ މައިންބަފައިން އެ ކަމަށް ދެކޮޅު ހަދައެވެ. -- އެ ކަމުގެ ސަބަބުން އެ ކުދިން ވަޒީފާގެ މާހައުލުން މުޅިން ފޫހިވަނީއެވެ.
"އަސްލު މައިންބަފައިން ވެސް މިއަށްވުރެ ހޭލުންތެރި ވާންވެއްޖެ. ނޫންނަމަ ވަރަށް ގިނަ ހުނަރުތަކެއް އެ މަރައިލެވެނީ," ތައުލީމީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވިއެވެ.
ޒުވާނުން ވަޒީފާގައި ހަރުނުލާ ސަބަބުތަކުގެ ތެރޭގައި ޒުވާނުންގެ މައްސަލަ ވެސް އިންތިހާއަށް އެބައޮތެވެ. އެ މީހުންގެ މައްސަލަތަކުގެ ވާހަކަ ނުދައްކައި ނިންމައިލާކަށް ނޫނެވެ. ގަޑިއަށް ފަރުވާތެރި ނުވުމާއި މަސައްކަތުގެ އެތިކްސް ފޮލޯނުކުރުން މީގެ ތެރޭގައި ހިމެނެއެވެ. -- އެކަމަކު އެ ހިސާބުން ވެސް އުފެދޭ ސުވާލެއް އެބައޮތެވެ.
ސްކޫލް ދައުރުގައި އެ ކުދިން ވަޒީފާގެ މާހައުލަށް ތަމްރީން ކޮށްދޭން ރާއްޖޭގައި ކުރެވެނީ ކޮންކަމެއް ހެެއްޔެވެ. އެ ކުދިންނަށް ވަޒީފާގެ މާހައުލުގައި އުޅުން ބައްޓަން ކުރަންވީ ގޮތް ސްކޫލްތަކުގައި ކިޔަވައި ނުދެވެނީ ކީއްވެގެން ހެއްޔެވެ.
އެޗްއާރު ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުނު ބޭފުޅަކު ވިދާޅުވި ގޮތުގައި ޒުވާނުން ވަޒީފާގެ މާހައުލަށް ތަމްރީން ކުރެވޭ ގޮތަށް ތައުލީމީ ނިޒާމު ބަދަލުކުރަން ޖެހެއެވެ. ރާއްޖޭގެ ކޮލެޖު ޔުނިވާސިޓީތަކުން ނުކުންނަ ގިނަ ކުދިން ވެސް ވަޒީފާގެ މާހައުލަށް ހާނުވަން އެބަޖެހެއެވެ.
ރާއްޖޭގެ ޒުވާނުންގެ އާބާދީއަށް ބަލާއިރު, މަސައްކަތެއް ނުކޮށް އެތައް ޒުވާނުންނެއް އެބައުޅެއެވެ. އެއީ ވެސް މިހާރު "ކޫލް" ކަމަކަށް ވާން ފަށައިފިއެެވެ. އެކަމަކު, މިއީ ކަންބޮޑުވުން ބޮޑު މައްސަލައެކެވެ. އެކަމުގެ ސަބަބުން ޒުވާން ޖީލަށް ނޭދެވޭ އެތައް އަސަރުތަކެއް ކުރާނެ ކަމެކެވެ.
އެކަމަކު, ރާއްޖޭގެ ސިޔާސީ ވެރިން އަބަދުވެސް ޒުވާނުން ބާރުވެރިކުރުވަން ވާހަކަ ދައްކާއިރު, އެ ދައްކާ ވާހަކައާއި އަމަލު ދިމާނުވުމަކީ މި ކަމުގެ ސަބަބަކަށް ވެދާނެއެވެ. ގިނަ ޒުވާނުން ބުނާ ގޮތުގައި ކިތަންމެ ރަނގަޅަށް ކިޔެވި ނަމަވެސް, ވަޒީފާ ދޭނީ ބާރުގަދަ މީހަކަށެވެ. އިންޓަވިއުއަށް ކުދިންނަށް ކިޔުމުގެ ކުރިން ވަޒީފާ ދޭނެ މީހަކު އޮންނަނީ ނިންމައިފައެވެ.
"އަޑިއަޑިން ރާއްޖޭގައި ހުރިހާ ކަމެއް ނިންމަނީ. އެތައް ސަތޭކަ ތަނަކަށް ވަޒީފާއަށް ލިޔަސް ނުފޫޒެއް ނެތިއްޔަކާ ނުލިބޭ ވަޒީފާއެއް. ފެޑްއަޕް ވެއްޖެ މި ކަމާ މިހާރު," މި ރިޕޯޓަށް ވާހަކަ ދެއްކި ޒުވާނަކު ބުންޏެވެ.
މިއީ ޒުވާނުންގެ ހަގީގީ ކަންބޮޑުވުމެވެ. އެކަމަކު, ރާއްޖޭގެ މިއަދުގެ ނިޒާމުތައް ބައްޓަންވެފައި ހުރި ގޮތުން މި ކަންކަމަށް އަވަހަކަށް ހައްލެއް ލިބޭތަނެއް ނުފެނެއެވެ.
ހަރުދަނާ ޒުވާނުންތަކެއް ބިނާކުރަން ބޭނުންނަމަ އެ ޒުވާނުންނަށް މުޖުތަމައު ވެސް އަޅާލަން އެބަޖެެހެއެވެ. މި ކަން ހައްލުވާނީ އެންމެން ގުޅިގެންނެެވެ.