logo

ކަނބުލޮ ކިޔައިދެނީ މުޖުތަމައު ފޮރުވާ ހަގީގަތް, ދެނީ ހާސް އިބުރަތް!

ޢާލިމް އަބްދުއްލަތީފް

ޢާލިމް އަބްދުއްލަތީފް

6 ސެޕްޓެމްބަރު 2025 - 06:30
ކަނބުލޮ ކިޔައިދެނީ މުޖުތަމައު ފޮރުވާ ހަގީގަތް, ދެނީ ހާސް އިބުރަތް!

SHARE

މިއީ ކޮންމެހެން ފިލްމު ރިވިއުއެއްކަމަށް ވިސްނާނެ ކަމެއް ނެތެވެ. މިއީ ފިލްމެއް ބަލަން ދިޔަ މީހަކު އެ ފިލްމު މާ ރީތިވެގެން ލިޔާ ލިޔުމެއް ކަމަށް ބެއްޔަސް ވަރިހަމައެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

އޮލިމްޕަހުގެ އިސްކިރީނުގައި އެޅުވި ހުރިހާ ފިލްމެއްހެން ފާއިތުވެދިޔަ ހަތަރުވަރަކަށް އަހަރު އަހަރެން ބެލީމެވެ. އެ ފިލްމުތަކުގެ ތެރެއިން އެއްވަނަ ފިލްމަކީ ކޮބާހޭ މީހަކު އަހައިފިނަމަ މިހާރު އެ ޖަވާބު ދިނުމަކީ އަހަންނަށް އުނދަގޫ ކަމަކަށް ނުވާނެއެވެ.

އެ ޖަވާބު އަހަންނަށް ދިނީ މީގެ ދެ ރޭ ކުރިން ސެޓާން ސްޓޫޑިއޯގެ "ކަނބުލޮ"އެވެ. މި ފިލްމު ބެލުމަށްފަހު ރިވިއުއެއް ލިޔަން އަހަރެން ވެސް ހުރީ ބޭނުންވެފައެވެ. އެކަމަކު ދެ ދުވަހެއް ރިވިއު ނުލިޔެވި ލަސް މިވީ ސަބަބެއް ނެތިއެއް ނޫނެވެ. -- މި ފިލްމަށް ތައުރީފްކުރާނެ ގޮތް ނޭނގިގެންނެވެ. އެހާ ވެސް ރީއްޗެވެ.

ކަނބުލޮގެ ހަޔާތުގައި އެ ކުރިމަތިވާ ގިލަންތަކުގެ ވާހަކައިން ހިތް ރޮއްވައިލައެވެ. ކަނބުލޮއަށް ދެން ވާނެ ގޮތެއް ނޭނގި ހިތްބިރުގަންނަ ފަހަރު ވެސް އާދެއެވެ. މުޅި ފިލްމު ނިމެންދެން ވެސް އުޅުނީ ކަނބުލޮއަށް ވާނެ ގޮތެއް ވިސްނާށެވެ.

އޮލިމްޕަހުގެ އެންމެ ފަހަތު ގޮނޑިބަރީގައި އަހަރެން ފިލްމު ބަލަން ޖައްސާލީ ވަރަށް ހަމަޖެހިގެންނެވެ. އެކަމަކު, ހަމަ ދެވަނަ ސިކުންތުގައި ފިލްމު ފަށައިގެން އެ ފެނުނު މަންޒަރުތަކުން ފުރަތަމަ ވެސް ހިތުގެ އެންމެ ހިމަ ނާރާ ކުލެލިއެވެ. ހިތުގެ ތެޅުން އަވަސްވިއެވެ. -- އެއީ އިންތިހާ އަނިޔާ މީހަކަށް ލިބޭ މަންޒަރު ފެނުމުންނެވެ. އެެއީ ވެސް ހަމަ މި ރާއްޖޭގައި މީހުން އުޅޭ ހާލޭ ހިތަށް އަރާ ބޮލުގައި ރިއްސައިލިއެވެ.

https://www.facebook.com/share/i6RNuxGJPMSa3aS3/?mibextid=LQQJ4d

ކަނބުލޮ ފިލްމުގައި ދައްކުވައިދެނީ މުޖުތަމައު ހޭލަން ޖެހޭ އެތައް ވާހަކައެކެވެެ. އެ ދައްކުވައިދެނީ ވާހަކަތައް ސިއްރުކުރުމާއި އަޅައިނުލާ ދޫކޮށްލުމުގެ ހިތި ނަތީޖާއެވެ. ހިތްވަރުކޮށް ކެރިގެން ކުރިމަތިލާން ޖެހޭ ކަމެވެ. -- ވާހަކައިގެ ކުރި މަރައިނުލުމަށް ކޮންކަމަކަށް ކަން ކިޔައިދެވޭކަށް ނެތެވެ.

ފިލްމުގެ ކާސްޓުންގެ އެކްޓިންގެ ތެރެއިން އަހަރެން އެއްވަނަ ދޭނީ ފިލްމުގެ ބަޠަލާ މަރިޔަމް އައްޒައަށެވެ. ކީއްވެކަން ވެސް ބުނެފާނަމެވެ. މި ފިލްމުގެ އެންމެ ފަހު ސީންތަކާ ހަމައަށް ދަންދެން މިއީ އަހަރެންގެ އެންމެ ފޭވަރިޓް ފިލްމަކަށް ނުވެއެވެ. އެކަމަކު, މި ފިލްމުގެ އެންމެ އަސަރުގަަދަ ސީންގައި އައްޒަގެ އެކްޓިން ފެނި ހަމަ ހަގީގަތުގައި ވެސް އާޝޯހުވިއެވެ. އެއީ މި ފިލްމު އަހަރެންގެ ފޭވަރިޓަށް ވީ ހިސާބެވެ. އައްޒަގެ މޫނުމަތިން އެ ސީންގައި އެ ފެނުނު ކުލަވަރުން ހީވަނީ މިއީ ހަގީގަތުގައި ވެސް އޭނާއަށް ކުރިމަތިވި ކަމެއް ހެންނެވެ. ޑައިލޮގް ޑެލިވަރީ އެއަށްވުރެ މާ މޮޅެވެ.-- ފިލްމު ބެލި މީހަކަށް ވިއްޔާ މި ބުނާ ސީނެއް އެނގޭނެއެވެ.

ދެން ފާހަގަކުރެވުނީ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)ގެ އެކްޓިންއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ރޯލު އޭނާ ގެނެސްދިނީ ވަރަށް ވެސް ފުރިހަމައަށެވެ. އޭނާގެ އެ އެކްޓިން ފެނި ބައެއް ސީންތަކުގައި މޭގައި އަތްއަޅާލަން ޖެހެނީ ކުރާ އަސަރުންނެވެ. އިއްސެގެ އެކްޓިންއަށް މި ފިލްމު ބެލި ކޮންމެ މީހަކުމެ ތައުރީފްކުރާނެއެވެ.

މަޝްހޫރު ތަރި, ޝީލާ ނަޖީބްގެ އެކްޓިންއަކީ އަބަދުވެސް މީހުންގެ ހިތާ ކުޅެލާ އެކްޓިންއެކެވެ. މި ފިލްމުގައި ވެސް އޭނާއަށް ލިބިފައިވާ ރޯލު ވަރަށް ފުރިހަމައަށް ވަނީ ގެނެސްދީފައެވެ. ފިލްމުގެ އެހެން ކާސްޓުންކަމަށްވާ, ވާޝިޔާ މުހައްމަދު, އަހްމަދު އީސާ (އާނަންދު) އަދި އަހްމަދު ނިމާލް ނިމާލް ވެސް މި ފިލްމުގައި އެކްޓިން ވަރަށް މޮޅެވެ.

/

ފިލްމުގެ ސްޓޯރީ ޓެލިން ވަރަށް ފުރިހަމައެވެ. ސަސްޕެންސް ހިފަހައްޓާން ފިލްމުގެ ޑައިރެކްޓަރު ހުސައިން މުނައްވަރު ކޮށްފައިވާ މަސައްކަތް ކާމިޔާބެވެ. ކޮންމެ ސީނަކަށްފަހު ދެންވާނެ ގޮތެއް ހޯދަން މާ ބޮޑަށް ބޭނުންވެއެވެ. ޑައިލޮގްތައް ގެނެސްދީފައިވާ ގޮތާއި ފިލްމުގެ މަންޒަރުތައް ފެންނަ ގޮތް ވަރަށް ނެޗުރަލްއެވެ. ސްޓޯރީ ޓެލިންގައި އަހަންނަށް ފާހަގަވީ އެންމެ ކަމެކެވެ. ބައެއް ސީންތައް ތަންކޮޅެއް ދިގުވިއޭ އަހަރެންގެ ހިތަށް އެރިއެވެ. އެ ކަމުގެ ސަބަބުން ބައެއް ފަހަރަށް އެ ސީންތަކުގެ އަސަރު ގެއްލުނެވެ.

މި ފިލްމަކީ 2009 ވަނަ އަހަރު ގައުމީ ދިގުވާހަކަ ލިޔުމުގެ މުބާރާތުން އެއްވަނައަށް ހޮވުނު "ޔުކްތާ" ވާހަކަ އަސްލަކަށް ބަލައިގެން އުފެއްދި ފިލްމެކެވެ. ފިލްމުގެ އަސްލަކީ ޔަޝްފާ އަބްދުލްޣަނީގެ މި ވާހަކައެވެ. ޔަޝްފާއަށް މި ވާހަކައަށް އައްސަރިބަހާއި ސާބަހެވެ.

މި ފިލްމަކީ ބަލަން އެހާ ފަސޭހަ ފިލްމަކަށް ނުވެދާނެއެވެެ. އެކަމަކު, ދިވެހި ކޮންމެ އާއިލާއެއް ބަލަން މިއީ ކޮންމެހެން ބޭނުން ފިލްމެކެވެ. މި ފިލްމުގައި އެތައް ހާސް މެސެޖެއް މުޖުތަމައަށް ދޫކުރިއެވެ. އެތައް ހާސް އިބުރަތެއް ދިނެވެ.

ބައެއް ދިވެހީން ބުނެއެވެ. ދިވެހި ފިލްމު ބަލާވަރެއް ނުވެއެވެ. -- އެހެން ބުނާ މީހުންނަށް މި ފިލްމު ބަލާލަން ދާން އަހަރެން ދައުވަތު ދެމެެވެ. ގައިމު ކަނބުލޮއަކީ އޮލިމްޕަހަށް ވަންނަން މަޖުބޫރު ސަބަބެކެވެ.

ތެދުހަގީގަތުގެ މައްޗަށް ބިންދާ ރާޅުތަކުގެ މައްޗަށް ގަދަވެ މި ފިލްމުން މި ސާބިތުކޮށްދިނީ މުޖުތަމައުގައި ފޮރުވާ ހިތި ހަގީގަތްތައް ރާއްޖޭގެ ފިލްމު އިސްކިރީނުން ހާމަކޮށްދެވޭވަރުގެ ގާބިިލުކަން ހުރިކަމެވެ.

https://www.facebook.com/share/1FDC3AzLV4/?mibextid=wwXIfr
ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d/