އަހަރުގެ މިހާތަނަށް ސްކޫލުތައް މަރާމާތުކުރަން 70 މިލިޔަން ރުފިޔާ ހަރަދުކޮށްފި

ފާޠިމަތު ހިބާ

ރެހެންދި ސްކޫލް--
SHARE
ސްކޫލުތަކުގެ މަރާމަތަށް މިއަހަރުގެ މިހާތަނަށް 70 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ތައުލީމީ ވަޒީރު ޑރ.އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސްކޫލްތަކުގެ އާބާތުރަފިލުވުމަށްޓަކައި މަސައްކަތް ކުރި ވަރަކަށް ކުރީ ސަރުކާރުތަކުން ކޮށްފައިނުވާ ކަމަށެވެ. މިކަމަށް އިޝާރަތްކޮށް ވަޒީރު ވިދާޅުވީ ސަރުކާރުގެ ފުރަތަމަ އަހަރުގައިވެސް ސްކޫލްތަކުގެ އާބާތުރަ ފިލުވުމަށް 30 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށެވެ.
އަދި މިއަހަރުގެ މިހާތަނަށް 70 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާކަން ވަޒީރު ފާހަގަ ކުރިއެވެ.
އަންނަ އަަހަރުގެ ދިރާސީ އައު އަހަރަށް ތައްޔާރުވުމުގެ ގޮތުންނާއި ކޫލް ސްކޫލް ކުރިއަށް ގެންދިޔުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތަކަށް 20 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން އަންނަ ދިރާސީ އަހަރު ބޭނުންކުރެވޭ ވަރަށް 30 އިމާރާތެއްގެ މަސައްކަތް ނިންމާ ބޭނުންކުރަން ފެށޭނެކަން ވެސް ވަޒީރު ފާހަގަކުރައްވާފައިވެއެވެ.

އާބާދީ އިތުރުވަމުން އަންނަ ހުޅުމާލެއަށްވެސް އިތުރު ސްކޫލްތައް ގެނައުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ހުޅުމާލެއަށް މަދުވެގެން ހަތަރު ސްކޫލެއް ގެނައުމަށް ޕްލޭންކޮށްފައިވާ ކަމަށެވެ.
އަދި އެމަޝްރޫއުތަކުގެ ޑިޒައިންގެ މަސައްކަތް ނިންމާ ސްކޫލްތައް ތަރައްގީކުރާނެ ސަރަޙައްދުތައްވެސް މިހާރު ކަނޑައަޅާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އަންނަ ދިރާސީ އާ އަހަރަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ "ޝަހީދު އަލީ" ސްކޫލް ހުޅުވޭނެކަމަށާއި އަދި އެ ސްކޫލަށް ވެއްދުމަށްޓަކައި 1،800 ދަރިވަރުންނަށް ޖަގާ ހަމަޖެހިފައިވާކަންވެސް ވަޒީރު ފާހަގަ ކުރައްވާފައިވެއެވެ.






