
މަސްކިރަނީ--ފޮޓޯ/މަސްވެރިން
SHARE
މި އަހަރުގެ މިހާތަނަށް މަސްވެރިން ކިރުވި މަހަށް މިފްކޯއިން 8.2 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

މަސް ދޯނިފަހަރުތަކުން މިފްކޯއަށް ކިރުވި މަހުގެ ރިޕޯޓްގައިވާގޮތުން މިއަހަރުގެ މިހާތަނަށް ކިރުވި މަހަށް 8.2 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
އެގޮތުން މިދިޔަ އަހަރު ނިމުނު ދުވަހު 49 ދޯންޏެއްގެ މަސް ކިރުވައިފައިވާއިރު، އެ ދޯނިތަކަށް މި އަހަރުގެ ފުރަތަމަ ދުވަހު 1.6 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
މީގެ އިތުރުން މި އަހަރުގެ ފުރަތަމަ ދުވަހު 25 ދޯންޏެއްގެ މަސް ކިރުވާފައިވާއިރު އެ ދޯނިތަކަށް މި އަހަރުގެ ދެވަނަ ދުވަހު، 1.5 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ވެސް ރިޕޯޓުން ދައްކައެވެ.
އެ ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އެއް ދުވަހަކު އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ މި މަހުގެ ތިން ވަނަ ދުވަހުއެވެ. އެ ދުވަހު 45 ދޯންޏަކުން ކިރުވި މަހަށް، 2.1 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ހިސާބުތަކުން ދައްކައެވެ.

މިފްކޯއިން ބުނާ ގޮތުގައި މި މަހުގެ ފަސްވަނަ ދުވަހާ ހަމައަށް މިފްކޯއިން ކިރުވި މަހުގެ ފައިސާ މިހާރުވަނީ ދީފައެވެ. އަދި ފަސްވަނަ ދުވަހުގެ ފައިސާ ޖަމާކޮށްފައިވަނީ މި މަހުގެ ހަތްވަނަ ދުވަހުކަމަށަވެސް މިފްކޯއިން ބުނެއެވެ.
މިފްކޯ އިން މަސްވެރިންނަށް ފައިސާ ބަރާބަރަށް ދޭން ފެށީ 2024 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެންނެވެ. އެދުވަހުން ފެށިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް 48 ގަޑިއިރުގެ ތެރޭގައި ބަރާބަރަށް މަސްވެރިންނަށް އަންނަނީ ފައިސާދެމުންނެވެ.





