މިފްކޯއިން 10 ކިލޯއިން މަތީގެ ކަންނެލި ގަންނަން ފަށައިފި
.jpg&w=3840&q=75)
ހާއިމް އަހްމަދު ހާޝިމް

ކަަންނެލި ކިރަނީ-- ފޮޓޯ: ފިޝަރީސް މިނިސްޓްރީ
SHARE
އިއްޔެއިން ފެށިގެން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް 10 ކިލޯއާއި 15 ކިލޯއާ ދެމެދުގެ ކަންނެލި ގަންނަން ފަށާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިފްކޯއިން ބުނީ މި ސައިޒުގެ ކަންނެލި ގަތުމަށް ކަނޑައަޅާފައިވާނީ ކިލޯއެއް 20 ރުފިޔާގެ މަގުންކަމަށެވެ. އެގޮތުން، ކޫއްޑޫ ބަނދަރާއި އައްޑޫ ބަނދަރާއި އަދި ފުވައްމުލަކާއި ގދ. ގައްދޫއާއި ގދ. ތިނަދޫން މިފްކޯގެ ބޯޓުފަހަރަށް މި ސައިޒުގެ ކަންނެލި އިއްޔެ ގަނެފައިވާކަމަށް ބުންޏެވެ.
މީގެ އިތުރަށް، 15 ކިލޯއިން މަތީގެ ކަންނެލި 25 ރުފިޔާގެ މަގުން މިފްކޯގެ ސެންޓަރުތަކަށާއި ބޯޓުފަހަރަށް ގަންނަމުން އަންނަކަމަށް މިފްކޯއިން މައުލޫމާތި ދިނެވެ. އަދި ކަޅުބިލަމަހެކޭ އެއްފަދައިން މިފްކޯއަށް ކިރުވާ ކަންނެލި މަހަށްވެސް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރާކަމަށް އެ ކުންފުނިން ބުންޏެވެ.
މިފްކޯއިން ބުނީ، މިއީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ދަށުން، ކަންނެލި މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދިނުމަށް މިފްކޯއާ ގުޅިގެން ކުރާ މަސައްކަތުގެ ބައެއްކަމަށެވެ.
މި މުހިންމު ފިޔަވަޅުގެ ސަބަބުން ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ބޮޑު ހައްލެއް ލިބުމުގެ އިތުރުން ކަންނެލި މަސްވެރިކަމަށް ކުރިއެރުންތަކެއް ލިބޭނެކަމަށް މިފްކޯއިން ދެކޭކަމަށް ބުންޏެވެ.




