އިހުގެ ސަގާފަތް ނުގެއްލޭނެހެން ޑިޖިޓަލް ރޭޑިއޯ ޕްލެޓްފޯމެއް ދެކެން ބޭނުންވާކަމަށް ނައިބު ވިދާޅުވެއްޖެ

ފާޠިމަތު ހިބާ

ނައިބުގެ ދެކަނބަލުން--ފޮޓޯ/ރައީސް އޮފީސް
SHARE
ޒަމާންވީ ސަގާފަތް ނުގެއްލޭނެހެން ޑިޖިޓަލް ޒަމާނެއްގައި ރޭޑިއޯ ޕްލެޓްފޯމެއް ކުރިއަރައިގެން އަންނަތަން ދެކެން ބޭނުންފުޅުވާކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ދިވެހިރާއްޖޭގެ އަޑުގެ 63 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން "ބާއްޖަވެރި ހެނދުނެއް" ގެ ޚާއްޞަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރޮގްރާމުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ނައިބު ވިދާޅުވީ މިހާރުގެ ޖެނެރޭޝަނަށްވެސް ބޭނުން ހިފޭނެ ކަހަލަ ޝޯތަކެއް ރޭޑިއޯ މެދުވެރިކޮށް ގެނެސްދެވެން ޖެހޭނެކަމަށެވެ. އަދި ރޭޑިއޯއަކީ މިހާރުގެ ޖެނެރޭޝަނާ ގުޅިފައިވާ އެމީހުންގެ އިތުބާރު ލިބިފައިވާ ތަނަކަށް އަބަދުވެސްވާން ޖެހޭކަމަށެވެ.
ރޭޑިއޯއަކީ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ބޭނުންކުރެވޭނެ އަދި ރައްޔިތުންނާ ގުޅިފައިވާ ތަނެއްގެ ގޮތުގައި ވެގެންދާ ދުވަސް ދެކެން ބޭނުންވާކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.ޤައުމު ބިނާކުރުމާއި މިތަން ހަމަޖެހޭތަނެއްގެ ގޮތުގައި ދެމިއޮތުމުގައި ދިވެހިރާއްޖޭގެ އަޑަކީ ވަރަށް މުހިންމު ރޯލެއް އަދާކުރެވޭނެ ތަނެއްކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ރާއްޖޭގެ އަޑުން ކުރައްވަމުން ގެންދަވާ މަސައްކަތާއި ރާއްޖޭގައި އިޖުތިމާޢީ އަދި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރެއްވުމަށް ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ ވެރިންނާއި، މިހާރުގެ ވެރިން އަދި މުވައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ދެކަނބަލުން ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ރޭޑިއޯއިން ގެނެސްދޭ އެކި މަޢުލޫމާތުތައް ހެޔޮގޮތުގައި ބޭނުންކުރެއްވުމަށް އެމަނިކުފާނު ވަނީ ރައްޔިތުންނާއި ޚާއްޞަކޮށް ޤައުމުގެ ޒުވާނުންގެ ފަރާތުން އެދިވަޑައިގެންފައެވެ.





