ރާއްޖެއަށް 900 އަށް ވުރެ ގިނަ ވައްތަރުގެ ބޭސް އެތެރެކުރޭ: ވަޒީރު

ފާޠިމަތު ހިބާ

SHARE
ރާއްޖެ އަށް ބޭސް އެތެރެކުރާ އެސްޓީއޯ އިން އެތެރެކުރާ ބޭހުގެ ބާވަތްތައް އިތުރު ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެ އެވެ.

އިއްުޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޭސްފިހާރަތަކުން ބޭސް ނުލިބޭ މައްސަލަ ބޮޑުވެފައިވާތީ އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މި މައްސަލަ ހައްލު ކުރުމަށް މިހާރު ވަރަށްގިނަ ފިޔަވަޅުތައް އަޅާފައިވާކަމަށެވެ.
ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން މިހާރުވެސް ބޮޑެތި ލުއިތަކާއި ކުރިއެރުން ލިބެމުން އަންނަކަން ވަޒީރު ފާހަގަ ކުރައްވާފައިވެއެވެ. އަދި ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓު ވެސް އިތުރުކޮށް، ބޭނުންވާ ޒަރޫރީ ބޭހުގެ ލިސްޓު ވެސް ފުޅާވާނެ ކަމަށް ވިދާޅުވިއެވެ.
"ހިދުމަތްތައް ފުޅާވަމުންދާ ވަރަކަށް އެޕްރޫވް ޑްރަގް ލިސްޓު ވެސް ފުޅާވެގެން ދާނެ. އޭގެ ސަބަބުން އެސެސްޝަލް މެޑިސިން ލިސްޓު ވެސް ފުޅާވެގެން ދާނެ. އިތުރު ސަޕްލަޔަރުންނަށް ވެސް ބަރޯސާ ވާން ޖެހޭނެ،" ވަޒީރު ވިދާޅުވިއެވެ.
ބޭޙުގެ މައްސަލަ ހައްލުކުރުމުގެ ތެރޭގައި އެކިއެކި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ މިކަމާ ގުޅިގެން ރައްޔިތުންގެ ފަރާތުން އަންނަ ޝަކުވާތައް ވެސް ވަރަށް ގާތުން ބަލާ ކަމަށެވެ. އެގޮތުން ކުރިން ބޭސް އެތެރެކުރި މިންވަރާ އަޅާ ބަލާއިރު މިހާރު ވަރަށް ބޮޑުތަނުން އިތުރު ކޮށްފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ރާއްޖެ އަށް ބޭސް އެތެރެކުރުމަށް ސަރުކާރުން ވަނީ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިގެ ނަމުގައި މިދިޔަ އަހަރު ސެޕްޓެމްބަރު 9 ގައި ހާއްސަ ކުންފުންޏެއް އުފައްދައިފަ އެވެ.





