ޑޮލަރު ހެއިސްޓް: އިތުރު މީހަކު ހައްޔަރުކޮށް 30 ދުވަހަށް ބަންދަށް

އަޙްމަދު ސަދޫފް މޫސާ

SHARE
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން (ވީއައިއޭ) އިން ޑޮލަރު ސޫޓް ކޭސްއެއް ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް 30 ދުވަސް ޖަހައިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިއީ މި މައްސަލައިގައި މިހާތަނަށް ހައްޔަރުކުރި އަށްވަނަ މީހާއެވެ.
ފުލުހުން ބުނި ގޮތުގައި، މި މައްސަލައިގައި އަންގާރަ ދުވަހު ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި، މީޒާން، އުމުރުން 30 އަހަރުގެ އިސްމާޢީލް ސިރްޙާން އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް 30 އަމުރުކޮށްފައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގެ ފަތިހު ވީއައިއޭއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު ހުރި ސޫޓުކޭހެއް ފޭރިގަތް މި ހާދިސާގައި، ރަސްމީކޮށް ފައިސާގެ އަދަދު ހާމަނުކުރި ނަމަވެސް، އެ ކޭހުގައި ގާތްގަނޑަކަށް 130,000 ޑޮލަރު ހުރި ކަމަށް މަޢުލޫމާތު ލިބެއެވެ. މި ފައިސާއަކީ ފުރާ މީހުންނަށް ދޫކުރުމަށް ބީއެމްއެލުން ގެންދިޔަ ފައިސާއެވެ.


މި މައްސަލައިގައި މީގެ ކުރިން ހައްޔަރުކޮށްފައިވާ ހަތް މީހުންނަކީ ލ. މާވަށް ރޭޝަމް، މާޒިން މޫސާ (25އ) އާއި، މާލޭ މ. ކޯރަސް، ޢަޙްމަދު ރައިހާން ނަޢީމް (20އ) އާއި، ކ. ގުރައިދޫ އަލިވިލާގެ، އިބްރާހިމް އަނޫފް (24އ) އާއި، ހަމަ އެ ގޭގެ ހުސެއިން ޝަހުދު (30އ) އާއި، ގއ. ވިލިނގިލި ބިނާ، އަބްދުލްއައްވަލް އިބްރާހިމް (27އ) އާއި، ތ. ވިލުފުށި އެހީވާގެ، އަޙްމަދު މާހިދު (44އ) ގެ އިތުރުން ސ. ހިތަދޫ ވަށަގުލިމާގެ، ޢަލީ އަފްޒަލް (21އ) އެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައިގެ ތަޙުޤީޤުގެ ތެރެއިން މިހާތަނަށް ޖުމްލަ 20 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. އޭގެ ތެރޭގައި މާލެއާއި ބައެއް ރަށްރަށުގެ އިތުރުން ފަސް އުޅަނދެއްވެސް ހިމެނެއެވެ. އަދި މި މައްސަލައާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ރާއްޖެއިން ފުރުން މަނާކޮށްފައިވާ ކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.





