ޕެންޝަން ބޯޑުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާދެއްވައިފި

އަޙްމަދު ސަދޫފް މޫސާ

SHARE
ޕެންޝަން ބޯޑުގެ ޗެއާމަންކަމުން ޑރ. އަޙްމަދު އިނާޒް އިސްތިއުފާދެއްވައިފިއެވެ.

އެ މަގާމުން އިސްތިއުފާދެއްވިކަން ހާމަކުރައްވަމުން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި އިނާޒް ވިދާޅުވީ، ސަރުކާރުން ޕެންޝަން ބޯޑަށް ހުށަހަޅައިފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައި ގިނަ މަޝްވަރާތަކެއް ކުރެވުނު ނަމަވެސް އެދެވޭ ޙައްލެއް ހޯދިފައިވާ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
އެހެންކަމުން އެ މުއާމަލާތަކީ މިވަގުތު ރާއްޖޭގެ އިގްތިސާދީ ޙާލަތަށް ގެއްލުންބޮޑު ނިންމުމެއް ކަމަށް "ޓެކްނިކަލީ" ގަބޫލުފުޅުކުރައްވާތީ، އެ މަގާމުން އިސްތިއުފާ ދެއްވައިފައިވާ ކަމަށް އިނާޒް ވިދާޅުވެފައިވެއެވެ.
އެއާއެކު އިނާޒް ވަނީ ދައުލަތުގެ މާލީކަންކަން ހަރުދަނާވެ ދުރު ވިސްނުމުގެ ސިޔާސަތުތަކަކުން އިސްލާހުވުމަކީ ކުރައްވާ ދުއާ ކަމުގައި ވިދާޅުވެފައެވެ. އަދި ދަރަނީގެ އަނދަވަޅުން ރާއްޖެ އަރަައިގަނެ، ދެމެހެއްޓެނވި އުފެއްދުންތެރި މަގަކަށް ރާއްޖެ ރުޖޫއުވުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށް ވެސް އިނާޒް ވިދާޅުވެފައިވެއެވެ.
އިނާޒް އެފަދައިން ވިދާޅުވެ އިސްތިއުފާދެއްވިއިރު، ޕެންޝަން އޮފީސް މެދުވެރިކޮށް އެމްއެމްއޭއިން ސެކަަންޑްރީ މާކެޓުގައި 2.5 ބިލިއަނެއްހާ ރުފިޔާގެ ބޮންޑެއް ވިއްކާކަމަށް ބުނެ ވާހަކަތަކެއް ދަނީ ފެތުރެމުންނެވެ. އެކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީ، އެމްއެމްއޭ އަދި ޕެންޝަން އޮފީހުން ވެސް ރަސްމީ އެއްޗެއް ބުނެފައެއް ނުވެއެވެ.
ޕެންޝަން ބޯޑުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާދެއްވިއިރު، އެ ބޯޑުން ފިނޭންސް މިނިސްޓްގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްއަދި މީރާގެ ކުރީގެ ޗެއާމަން ސަރުވަޝް އާދަމް އާއި އެ އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.


