logo

2.4 ބިލިއަން ރުފިޔާ އިންވެސްޓްކުރާނީ އެއްވެސް ގެއްލުމެއް ނުވާނެ ގޮތަށް: ޕެންޝަން އޮފީސް

އަޙްމަދު ސަދޫފް މޫސާ

އަޙްމަދު ސަދޫފް މޫސާ

3 ފެބްރުއަރީ 2026 - 12:41
2.4 ބިލިއަން ރުފިޔާ އިންވެސްޓްކުރާނީ އެއްވެސް ގެއްލުމެއް ނުވާނެ ގޮތަށް: ޕެންޝަން އޮފީސް

SHARE

ޤައުމީ ރިޓަޔަމަންޓް ޕެންޝަން ސްކީމުން އިންވެސްޓްކުރަން ނިންމާފައިވާ 2.4 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓަކީ، ޕެންޝަން ފަންޑަށް އެއްވެސް ގެއްލުމެއް ނުވާނެ ގޮތަށް ކުރިއަށްގެންދާ މުއާމަލާތެއް ކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

ފިނޭންސް މިނިސްޓްރީން ހުށަހެޅި 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ ޕްރޮޕޯސަލްއާ ގުޅިގެން ޕެންޝަން އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، މި އިންވެސްޓްމަންޓަކީ ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރުން ފައިދާ ލިބޭ 'ޑުއަލް ކަރަންސީ' ޓްރެޒަރީ ބޮންޑެއްގައި އިންވެސްޓް ކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމެކެވެ.

މި އިންވެސްޓްމަންޓަށް ބޭނުންވާ ފައިސާ ހޯދުމަށް ހަމަޖެހިފައިވަނީ މިހާތަނަށް އިންވެސްޓްކޮށްފައިވާ ޓްރެޒަރީ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކާލައިގެން ކަމަށް އެ އޮފީހުން މައުލޫމާތުދެއެވެ.

މި އިންވެސްޓްމަންޓް ކުރިއަށް ގެންދަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމީ އެ އޮފީހުން ބުނި ގޮތުގައި އިންވެސްޓްމަންޓްތައް ސިންދަފާތުކޮށް، ފަންޑުގެ ވިލުންވެރިކަން ހަރުދަނާކުރުމަށެވެ.

މީގެ ސަބަބުން އިންވެސްޓްމަންޓުގެ ފައިދާ ޑޮލަރުން ލިބި، އިންވެސްޓްކޮށްފައިވާ އެސެޓްތަކުގެ އެވަރެޖް މުއްދަތު ދިގުވެ، ޕޯޓްފޯލިއޯ އިން ލިބޭ ޖުމްލަ ފައިދާ ނުވަތަ ރިޓާން އިތުރުވެގެންދާނެ ކަމަށް ޕެންޝަން އޮފީހުން ފާހަގަކުރެއެވެ.

"މި މުޢާމަލާތުގެ ސަބަބުން ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދޭނެ" ޕެންޝަން އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، މިހާރު ހުރި ބައެއް ޓްރެޒަރީ ބިލުތައް ދިގު މުއްދަތުގެ ބޮންޑުތަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބި، ފަންޑުގެ މުސްތަގުބަލު އިތުރަށް ބަދަހިވާނެ ކަމަށްވެސް އެ އޮފީހުން ބުނެއެވެ.

ޕެންޝަން އޮފީހުން އިތުރަށް ބުނީ، މި ހުރިހާ ނިންމުންތަކެއްވެސް ނިންމާފައިވަނީ ޕެންޝަން ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން، މެންބަރުންގެ މަސްލަހަތަށް އިސްކަންދީގެން ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިންވެސްޓްމަންޓް ކޮންސަލްޓަންޓުންގެ ލަފަޔާ އެއްގޮތަށް، ފަންޑުގެ ދުރު ރާސްތާގެ އިސްތިރާޖީ އަމާޒުތަކަށް ވާސިލްވުމަށް ކަމަށްވެސް އެ އޮފީހުން ކަށަވަރުކޮށްދެއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d