ރޯދަ މަހު ރާއްޖޭގައި އޮންނަ އިސްލާމީ އާދަކާދަ ފަތުރުވެރިންނަށް ކިޔައިދިނުމަށް އަންގައިފި

ފާޠިމަތު ހިބާ

ޓުއައިސްޓަކު ރަށެއްގައި--ފޮޓޯ/މިހާރު
SHARE
ރޯދަ މަހު ރާއްޖޭގައި އޮންނަ އިސްލާމީ އާދަކާދަ ފަތުރުވެރިންނަށް ކިޔައިދިނުމަށް ސިޓީތަކާ އިދާރީ ދާއިރާތަކާބެހޭ ވުޒާރާއިން އަންގައިފިއެވެ.

ރާއްޖެ އަކީ ސައްތަ އިން ސައްތަ މުސްލިމް ގައުމަކަށް ވުމުން ބަރަކާތްތެރި ރޯދަމަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކެއިންބުއިމުގެ ކަންކަން ހަމަޖައްސާއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިންވަނީ އެދިފައެވެ.
މިއީ އިސްލާމްދީނަށް ދިވެހިން ކުރާ އިހްތިރާމާއި ގަދަރާއި އިސްލާމީ ވަހުދަތު ދެމެހެއްޓުމުގެ ގޮތުންކުރާކަމެއްކަން އެ ވުުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންނަށް ކެއިންބުއިމުގެ ކަންކަން އާންމުންނަށް ނުފެންނާނެހެން އިންތިޒާމުކުރެވިގެން ކުރިއަށް ގެންދިޔުމަށްވަނީ އަންގާފައެވެ. އަދި ރޯދަމަހުގެ ހުރުމަތް ނުކެނޑޭނެހެން ފަތުރުވެރިންގެ އަމަލުތައް ބެހެއްޓުމަށް، އަމަލުތައް ބަހައްޓަންވީގޮތުގެ މައުލޫމާތު ފަތުރުވެރިންނަށް ހިއްސާކުރުމަށްވަނީ އެދިފައެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންނަށް ހިދުމަތްދޭ ފަރާތްތަކުން އެ އިދާރާއިން އެދިފައިވާ ގޮތަށް އަމަލުތައް ބެހެއްޓުމަށްވަނީ ބުނެފައެވެ. އަދި ކައުންސިލްތަކުން މިކަންކަމަށް ފަރުވާތެރިވުމަށްވަނީ އެދިފައެވެ.






