
މައި ދެ އިންތިހާބު އެއްކޮށްލުމަށް ޚިޔާލު ހޯދާ ވޯޓުގެ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

އަޙްމަދު ސަދޫފް މޫސާ

SHARE
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާހާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ރައީސްގެ ޤަރާރުން ނިންމެވި އިންތިހާބު، އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކޮށްފިއެވެ.

މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލުތަކުގެ އިންތިހާބުތަކާއި އެއްކޮށެވެ. އެހެންކަމުން މި ދެ އިންތިހާބުގެ ވޯޓުލުން ވެސް ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
މި ވޯޓާ ގުޅިގެން، ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓަރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ފުރުސަތު އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ވޯޓު ނެގުމަށް ގަރާރެއް ނެރުއްވީ، ދެ އިންތިހާބު އެއްކޮށްލުމަށް މަޖިލީހުން ފާސްކުރި އިސްލާހު ތަސްދީގުކުރެވޭނީ ގާނޫނުއަސާސީގައިވާ ގޮތުން ރައްޔިތުންގެ އަޣުލަބިއްޔަތު ލިބިގެން ކަމަށްވާތީއެވެ.
މި ވޯޓުގައި ރައްޔިތުން މި އިސްލާހަށް ތާއީދުކޮށްފި ނަމަ، ނަތީޖާ އިއުލާންކުރާތާ 15 ދުވަހުގެ ތެރޭގައި ރައީސް އެ ބިލު ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. ނަމަވެސް އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ އެ ބިލު ބާތިލްވާނެއެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލުމަށްޓަކައި ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު ވެސް ރައީސްގެ ގަރާރުގައި ވަނީ ހިމަނުއްވައިފަ އެވެ. އެ ސުވާލަކީ: "ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިގާބު އެކުގައި ބޭއްުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟" އެވެ.




