ބޯފެން ހުސްކުރި ފުޅީގައި ކާބޯތަކެތި ބަންދުނުކުރަން އަންގައިފި

އަޙްމަދު ސަދޫފް މޫސާ

SHARE
ބޯފެނާއި ލުއިބުއިންތައް ހުސްކުރި ޕެޓް ފުޅިތައް ކާބޯތަކެތި ބަންދުކުރަން ބޭނުންކުރުމަކީ ސިއްހީ ގޮތުން ނުރައްކާތެރި ކަމެއް ކަމަށް ފާހަގަކޮށް، އެކަން އެގޮތަށް ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އަންގައިފިއެވެ.

އެމްއެފްޑީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބޯފެނާއި ލުއިބުއިން ބަންދުކުރުމަށް ބޭނުންކުރާ ޕްލާސްޓިކް ފުޅިތަކުގައި ތަފާތު އެކި ބާވަތްތަކުގެ ކާބޯތަކެތި ބަންދުކޮށްގެން ބޭނުންކުރަމުންދާކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ އާންމު ސިއްހަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި އެ އިދާރާއިން ވަނީ ސިފަކޮށްފައެވެ.
އެމްއެފްޑީއޭ އިން ތަފްސީލުކޮށްދީފައިވާ ގޮތުގައި، މި ފުޅިތަކަކީ އެއްފަހަރު ބޭނުންކުރުމަށްފަހު އުކައިލާ ގޮތަށް ވަކި ބާވަތެއްގެ ޕްލާސްޓިކެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ފުޅިތަކެކެވެ. އަދި މި ފުޅިތަކަކީ ހަމައެކަނި ވަކި ބާވަތެއްގެ އުފެއްދުންތަކެއް ބަންދުކުރުމަށް ހާއްސަކޮށްފައިވާ ތަކެތި ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
"މީގެ ޒަރިއްޔާއިން އިންސާނުންގެ ސިއްހަތަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތް ކަމެއް،" އެމްއެފްޑީއޭގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ނަމަވެސް، މި ފުޅިތަކުގައި އެހެނިހެން ބާވަތްތަކުގެ ކާބޯތަކެތި ބަންދުކޮށްގެން ވިއްކަމުންދާތީ، އޭގެ ސަބަބުން ފުޅިން ޕްލާސްޓިކްގެ އަސަރު ކާބޯތަކެއްޗަށް ކުރުމުގެ ފުރުސަތު ބޮޑުކަން ވެސް އެމްއެފްޑީއޭއިން ވަނީ ފާހަގަކޮށްފައެވެ.

މިކަމަށް ސަމާލުވުމަށް އިލްތިމާސްކުރަމުން، ބޯފެނާއި ލުއިބުއިންތަކަށް ހުސްކުރި ޕެޓް ފުޅިތައް އެއްވެސް ބާވަތެއްގެ ކާބޯތަކެތި ބަންދުކުރުމަށް ބޭނުން ނުކުރުމަށް އެމްއެފްޑީއޭ އިން ވަނީ އާންމުންނަށާއި ވިޔަފާރިވެރިންނަށް އަންގާފައެވެ.
އެމްއެފްޑީއޭއިން އެކަމުގެ ކަންބޮޑުވުން ފާޅުކުރިއިރު، ކުރުނބާ ފެން ފަދަ ތަކެތި، އެފަދަ ފުޅިތަކުގައި ބަންދުކުރާކަން ފާހަގަކުރެވެއެވެ.




