ޖިންސީ ކަންކަމަށް ބޭނުންކުރާ ބޭސް ހުއްދަ ނުނަގައި ވިއްކާނަމަ ފިޔަވަޅުއަޅަނީ

އަޙްމަދު ސަދޫފް މޫސާ

SHARE
ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށާއި، މަސްތައް ވަރުގަދަ ކުރުމަށާއި، ހަންގަނޑު ރީތި ކުރުމުގެ އިތުރުން ޖިންސީ ކަންކަމުގައި ބޭނުން ކުރުމަށް އެކިއެކި ނަންނަމުގައި ހުއްދަ ނުނަގައި ބޭސް އެތެރެކޮށް ވިއްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ދީފިއެވެ.

އެމްއެފްޑީއޭ އިން ބުނީ މިފަދަ ބޭސްތައް އެކިއެކި ކްލެއިމްތައްކޮށް، އޮންލައިން މަސްދަރުތަކުގައާއި ބައެއް އާންމު ފިހާރަތަކުގައި އިޝްތިހާރުކޮށްގެން ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ޑޮކްޓަރެއްގެ އިރުޝާދާ ނުލައި ބައެއް އާންމުން މިފަދަ ތަކެތި ބައްލަވައިގަނެ ބޭނުން ކުރަމުންދާ ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
މިގޮތަށް ހުއްދަ ނުނަގައި ވިއްކާ ބޭސްތަކަކީ އެމްއެފްޑީއޭ އިން އޭގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކޮށްފައިވާ ބޭސްތަކެއް ނޫނެވެ. އެހެންކަމުން މިފަދަ ބޭސްތައް ބޭނުންކުރުމުގެ ސަބަބުން އާންމު ސިއްހަތަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް އެ އޮތޯރިޓީން އިންޒާރު ދެއެވެ.
"މިފަދަ ބޭސްތަކުގެ ސަބަބުން ހިތް ހުއްޓުމާއި ސްޓްރޯކް ޖެހުން ފަދަ ހިތާމަވެރި ހާދިސާތަކުގެ އިތުރުން ކުއްލި މަރަށް ހުށަހެޅުމުގެ ފުރުސަތު އޮވޭ،" އެމްއެފްޑީއޭ އިން ބުންޏެވެ.
އެމްއެފްޑީއޭ އިން އިތުރަށް ބުނީ މިފަދަ ބޭސްތަކަކީ ހަމައެކަނި ހުއްދަ ނަގައިގެން ހިންގާ ފާމަސީތަކުގައި ވިއްކޭނެ ތަކެތި ކަމަށެވެ. އަދި ހުއްދަ ނުނަގައި އިޝްތިހާރުކޮށް ވިއްކާ ޕްރޮޑަކްޓްތައް މާކެޓުން ނެގުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.

އެމްއެފްޑީއޭގެ ހުއްދަ ނެތި ބޭސް އިމްޕޯޓްކޮށް، ވިއްކާ އަދި އިޝްތިހާރުކުރާ ފަރާތްތަކާ މެދު ބޭހާބެހޭ ގަވާއިދާއި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް އެ އޮތޯރިޓީން ވަނީ އިއުލާނުކޮށްފައެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 7200321 އަށް ގުޅުމަށް އެމްއެފްޑީއޭ އިން ވަނީ އެދިފައެވެ.




