
ޚާމަނާއީ އަވަހާރަވުމާއެކު އީރާން ހިންގަން ވަގުތީ ކައުންސިލެއް އެކުލަވާލައިފި

އަޙްމަދު ޝާބިން

SHARE
އީރާންގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން، އެ ގައުމުގެ ކަންކަން ހިންގުމަށް ވަގުތީ ކައުންސިލެއް އެކުލަވާލައިފިއެވެ.

މި ވަގުތީ ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިޔާން އާއި، ސުޕްރީމް ކޯޓުގެ ޗީފް އޮފް ޖަސްޓިސް ގޮލާމް ހޮސެއިން މޮސައިނީ އެޒޭއީގެ އިތުރުން ގާޑިއަން ކައުންސިލްގެ މެންބަރެކެވެ. އާ ރޫހާނީ ލީޑަރެއް ރަސްމީކޮށް އައްޔަން ކުރެވެންދެން، ގައުމީ އަދި އަސްކަރީ މުހިންމު ނިންމުންތައް ނިންމުމުގެ ޒިންމާ އުފުލާނީ މި ކައުންސިލުންނެވެ.
އީރާންގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ކައުންސިލް އެކުލަވާލާފައިވަނީ ގައުމުގެ ހިންގުން މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ މަގުސަދުގައެވެ.
ޚާމަނާއީ އަވަހާރަވުމާއެކު އީރާނުގެ ސިޔާސީ މަސްރަހު މިވަގުތު އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ބައެއް ފަރާތްތަކުން މިކަމާ ގުޅިގެން އުފާފާޅުކުރަމުންދާއިރު، ސިޔާސީ އެނަލިސްޓެއް ކަމަށްވާ އައްބާސް އަސްލަނީ ފާހަގަކުރެއްވި ގޮތުގައި ގިނަ ބަޔަކު އަދިވެސް ތިބީ ގައުމީ ދިދައިގެ ފަހަތުގައި ސާބިތުކަމާއެކުގައެވެ.
އަސްލަނީ އިތުރަށް ވިދާޅުވީ، މި ހާލަތުގެ ސަބަބުން މިހާރު އޮތް ސިޔާސީ ބާރުތަކާ ދެކޮޅަށް ރައްޔިތުން ނުކުމެ ބަގާވާތް ކުރުމަކީ ނާދިރު ކަމެއް ކަމަށެވެ. އަދި އީރާނުގެ ގިނަ ވުޒާރާތަކާއި ސަރުކާރުގެ މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު އަދިވެސް އެބައޮތް ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

މެދުއިރުމަތީގެ ހާލަތު ބަދަލުވެގެންދާނެ ގޮތެއް އަންދާޒާކުރަން ދަތިވެފައިވާ މި ދަނޑިވަޅުގައި، އީރާނުން ދަނީ އަސްކަރީ ގޮތުން ތައްޔާރުވަމުންނެވެ.




