
އިޒްރޭލުގެ ޙަމަލާގައި އީރާނުގެ ޑިފެންސް މިނިސްޓަރާއި އިތުރު އިސް ވެރިންތަކެއް އަވަހާރަކޮށްލައިފި

އަޙްމަދު ސަދޫފް މޫސާ

އީރާނުގެ ދިފާއީ ވަޒީރާއި، ކޮމާންޑާ އިން ޗީފްގެ އިތުރުން އިތުރު ކޮމާންޑަރުން --
SHARE
އިޒްރޭލާއި އެމެރިކާއިން ގުޅިގެން އިއްޔެ އީރާނަށް ދިން ވަރުގަދަ ޙަމަލާތަކެއްގައި، އެ ޤައުމުގެ ދިފާޢީ ވަޒީރުގެ އިތުރުން ދައުލަތުގެ އެންމެ މަތީ ފަންތީގެ ބައެއް ވެރިން އަވަހާރަކޮށްލާފައިވާކަން އީރާނުގެ ދައުލަތުގެ މީޑިއާއިން ކަށަވަރުކޮށްދީފިއެވެ.

އީރާނުގެ ރަސްމީ ނިއުސް އެޖެންސީ (އައިއާރުއެންއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޙަމަލާތަކުގައި އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވެފައިވާކަން ރޭ އީރާނުގެ ސަރުކާރުން ވަނީ ކަށަވަރުކޮށްދީފައެވެ.
ޚާމަނައީ އާއެކު، އެމަނިކުފާނުގެ ސެކިއުރިޓީ އެޑްވައިޒަރު އަލީ ޝަމްޚާނީ، އީރާނުގެ އަސްކަރިއްޔާގެ އެންމެ އިސްވެރިންގެ ތެރޭގައި ހިމެނޭ ޗީފް އޮފް ސްޓާފް ޖެނެރަލް އަބްދުއްރަހީމް މޫސަވީ، އީރާނުގެ ދިފާޢީ ވަޒީރު އަޒީޒް ނާސިރުޒާދާ އާއި، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ކޮމާންޑަރު އިން ޗީފް މުޙައްމަދު ޕަކްޕޫރު ވެސް އަވަހާރަވެފައިވާކަން އީރާނުން މިހާރު ވަނީ ރަސްމީކޮށް އިޢުލާންކޮށްފައެވެ.
މިއީ ފަހުގެ ތާރީޚެއްގައި އީރާނުގެ ލީޑާޝިޕަށް އަމާޒުކޮށް ދެވުނު އެންމެ ނުރައްކާތެރި އަދި އެންމެ ބޮޑު ގެއްލުމެއް ލިބުނު ޙަމަލާއެވެ.
އައިއާރުއެންއޭ އިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ޙަމަލާތަކުގައި އީރާނުގެ ހަތިޔާރު އެޅި ފައުޖުތަކުގެ އިތުރު ކޮމާންޑަރުންތަކެއް ވެސް ވަނީ އަވަހާރަވެފައެވެ. އެ މީހުންގެ ވަކިވަކި މަޢުލޫމާތުތައް ކުރިއަށް އޮތް ވަގުތުތަކުގައި ހާމަކުރާނެ ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު ނުހަނު ބޮޑަށް ގޯސްވެ، ސަރަޙައްދީ ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އަދި އީރާނުގެ އެންމެ މަތީ ލީޑާޝިޕަށް ދިން މި ޙަމަލާއަށް އެ ޤައުމުން ވަރުގަދަ ރައްދެއް ދޭނެކަމަށް އީރާނުގެ ސަރުކާރުން ވަނީ ވައުދުވެފައެވެ.




