ތެލާއި ކާޑުގެ ބާވަތްތައް ހުސްނުވެ ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް: ވަޒީރު

އަޙްމަދު ސަދޫފް މޫސާ

އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
SHARE
މެދުއިރުމަތީގެ މަސްރަޙު ގޯސްވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދިޔަ ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑުގެ ބާވަތްތައް މެދުނުކެނޑި ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައިވާ ކަމުގެ ޔަގީންކަން އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ދެއްވައިފިއެވެ.

ވަޒީރު ސަޢީދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބައިނަލްއަގުވާމީ މާކެޓުގައި ތެޔޮ ސަޕްލައި ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ދިވެހި ރައްޔިތުންނަށް ކުރާނެ އަސަރު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިސްކަމެއް ދެއްވައިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ.
އެއްވެސް ދަތިކަމެއް ނެތި، ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތަކާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ރާއްޖެއަށް ގެނެސް ރަައްޔިތުންނަށް ލިބެން ހުންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަމެވެ، - އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު
އެގޮތުން އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނޭ ގޮތަށް ބެލެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ތެޔޮ ގެންނަނީ ސަޕްލަޔަރުންނާއެކު ދުރާލާ އެއްބަސްވެފައިވާ އުސޫލުގެ ދަށުން ކަމަށެވެ.

އަދި އެ މަސައްކަތުގެ ތެރެއިން މި ހަފުތާގެ ތެރޭގައިވެސް ތެލުގެ އައު ދެ ޝިޕްމެންޓް ރާއްޖެ ގެނެސްފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ތާވަލާ އެއްގޮތަށް ތެލުގެ އިތުރު ޝިޕްމެންޓްތައް އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.





