ހަނގުރާމަ ފެށުނު ފަހުން 600 އަށް ވުރެ ގިނަ ފްލައިޓް ކެންސަލްވި: ވަޒީރު

އަޙްމަދު ސަދޫފް މޫސާ

SHARE
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް އަރައި، މިހާތަނަށް 626 ފްލައިޓް ކެންސަލްވެފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއިން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ހަނގުރާމަ ފެށުނީއްސުރެ މިއަދާ ހަމައަށް ބަލާއިރު ކުރީގެ ޝެޑިއުލް އޮޕަރޭޝަންތަކާ އަޅާބަލާއިރު މިއީ ވަރަށް ބޮޑު އަދަދެއް ކަމަށާއި، މީގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި އެންމެ ބޮޑު އިމްޕެކްޓެއް އައީ މެދުއިރުމަތިން ރާއްޖެއަށް ދަތުރުކުރާ މޭޖަރ އެއަރލައިންތަކުގެ އޮޕަރޭޝަންތައް ހުއްޓުމަކަށް އައުމުންނެވެ. އޭގެ ތެރޭގައި ފްލައިދުބާއީ، އެމިރޭޓްސް، ގަތަރު އެއާވޭސް، ގަލްފު އެއާ، އެއަރ އޭޝިއާ އަދި އިއްތިހާދު ހިމެނެއެވެ. މި އެއާލައިންތަކުގެ ޝެޑިއުލްތަކަށް ބަދަލު އައުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އޭގެ ނޭދެވޭ އަސަރު ކުރި ކަމެކެވެ.
އަޅުގަނޑުމެންނަށް މި ހަނގުރާމަ ފެށުނީއްސުރެ މިއަދާ ހަމައަށް ބަލާލާ ކަމަށް ވަންޏާމުން ހަމަ އެއަށް ޓްރާންސްޕޯޓުގެ ނިޒާމުގެ ތެރެއިން ހަމަ ވަރަށް ބޮޑެތި ގެއްލުންތައް ދިވެހިރާއްޖެއަށް ވެސް ވެފައި މިއޮތީ އޭގެ ޙަޤީޤަތަކީ. ނަންބަރު އޮފް ފްލައިޓުން ދަންނަވާ ކަމަށް ވަންޏާމުން ގާތްގަނޑަކަށް މިއަދާ ހަމައަށް ކުރީގެ ޝެޑިއުލް އޮޕަރޭޝަންސް އަޅާބަލާއިރު 626އެއްހާ ފްލައިޓް ކެންސަލްވެގެންދިޔާ އިނގޭތޯ. އެއީ ހަމަ ވަރަށް ބޮޑު އިމްޕެކްޓެއް، - ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު ކެޕްޓަން މުހައްމަދު އަމީން
މި ގެއްލުންތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ވައިގެ މަގުން ގެންނަ ކާގޯ ސަޕްލައިލައިން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

"މި ކާގޯ ރާއްޖެއަށް ގެނައުމުގައި ދަތިތަކެއް ނެތި ޝެޑިއުލް ފްލައިޓްގައި ކެބިންގައި ޖަހައިގެން ރާއްޖެއަށް ގެނައުމުން ދިޔައީ،" ވަޒީރު ވިދާޅުވިއެވެ.
މިހާރުގެ ހާލަތަށް ބަލާއިރު ބައެއް އެއާލައިންތަކުގެ އޮޕަރޭޝަންތައް އަލުން ފަށައި، ކުރިއެރުންތަކެއް ލިބެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ގަތަރު އެއާވޭސް އާއި އެމިރޭޓްސްއިން މިހާރު ދުވާލަކު އެއް ފްލައިޓް ނުވަތަ ދެ ފްލައިޓް އޮޕަރޭޓް ކުރަން ފަށާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.
މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅުގެ މަތިން ކެބިނެޓް ކޮމިޓީން ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ.






