ބޭރުގެ އިންވެސްޓަރުންނަށް ދާއިމީ ވިސާ ދިނުމަކީ އިގްތިސާދު ފުޅާކުރުމަށް މުހިންމުކަމެއް، ކުރީގެ ރައީސުންވެސް ތާއީދުކުރައްވާ ކަމެއް: ޝުޖާއު
މިންހާ އަބްދުالله
.jpg&w=3840&q=75)
މެމްބަރު ޝުޖާއު މަޖިލީހުގެ ޖަލްސާގައި/ ފޮޓޯ: މަޖިލިސް އިދާރާ
SHARE
ބިދޭސީންނަށް ރާއްޖޭގައި އުޅުމަށް ދާއިމީ ވިސާ ދިނުމަކީ ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށް މުހިންމު ކަމެއް ކަމަށާއި މިއީ ކުރީގެ ރައީސުންވެސް ތާއީދު ކުރައްވާކަމެއް ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ "މޯލްޑިވްސް ޕާލް ރެޒިޑެންސް" ޕްރޮގްރާމާއި ދެކޮޅަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ޝުޖާއު ވިދާޅުވީ މިއީ މީގެ ކުރީގެ ރައީސުން ވެސް ތާއީދުކުރައްވާ އަދި ކުރީގެ ސަރުކާރުން ވެސް ކުރައްވާފައިވާ ކަމެއް ކަމަށެވެ. މި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމްގެ ހަމައެކަނި ތަފާތަކީ ވަކި ގާނޫނަކުން މިކަން ކުރިއަށް ގެންދިޔުން ކަމަށެވެ.
ވަކި ގާނޫނެއްގެ ދަށުން މިކަން ކުރުމުގެ ބޭނުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް ހާމަކަން ބޮޑު ގޮތެއްގައި މިކަން ކުރިއަށް ގެންދިޔުން ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވިގޮތުގައި މިއީ ކުރީގެ ތިން ރައީސުންކަމަށްވާ އަބްދުﷲ ޔާމީން، މުހައްމަދު ނަޝީދު އަދި އިބްރާހިމް މުހައްމަދު ސޯލިހު ވެސް ތާއީދުކުރައްވާ ޕްރޮގްރާމެކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި މިހާރުގެ އިގްތިސާދީ ވަޒީރު، މުހައްމަދު ސައީދު އޭރުވެސް މި ޕްރޮގްރާމް ކުރިއަށް ގެންދެވިކަމަށް ވިދާޅުވި އެވެ. އޭރު މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ " ކޯޕަރޭޓް ރެޒިޑެންސް" ޕްރޮގްރާމްގެ ނަމުގައި ކަމަށާއި މިހާރުވެސް ރައީސް ޔާމީން މި ޕްރޮގްރާމާއި ދެކޮޅު ހައްދަވާފައިނުވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ގަރާރު ހުށަހެޅުއްވި ޑރ. ޝަމްހީދުގެ ޕާޓީ، އިދިކޮޅު އެމްޑީޕީގެ ލީޑަރު މުހައްމަދު ނަޝީދުވެސް މި ސަރުކާރުގެ "ޕާލް ރެޒިޑެންސް" ޕްރޮގްރާމާއި ދެކޮޅު ނުހައްދަވާކަމަށް ޝުޖާއު ވިދާޅުވި އެވެ.
"މިއީ އެ ބޭފުޅުންގެ ޕާޓީގެ ލީޑަރުންގެ ވިސްނުމާއިވެސް މުޅިން ހިލާފު ގަރާރެއް، އެއީ ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް ނަޝީދު ވެސް ތާއީދު ކުރައްވާ ޕްރޮގްރާމަކާއި ސިޔާސަތެއް، ޗެއާޕާސަންއަކީ އެ ޕާޓީގެ ލީޑަރު، އެހެންވީމަ ލީޑަރުގެ ވިސްނުމާ ދެކޮޅަށް (ޑރ ޝަމްހީދުގެ) އަމިއްލަ މަސްލަހަތެއް އިސްކުރައްވަން އުޅޭހެން ހީވަނީ، އިންވެސްޓްމަންޓްތައް ފުޅާކޮށް ބޭރުގެ އިންވެސްޓަރުން ގެނައުމަށާއި ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ރައީސް ޔާމީން ވެސް ދެކިލައްވާ،" ޝުޖާއު ވިދާޅުވި އެވެ.
އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ނުވަތަ ރައީސް ސޯލިހުގެ ވެރިކަމުގައިބޭރުގެ ރައްޔިތުންނަށް ދާއިމީ ވިސާ ނުވަތަ ރެޒިޑެންސީ ވިސާ ދެމުންދިޔައީ އިތުރު ޑިސްކައުންޓްތަކަކާ އެކީ ކަމަށާއި އެކަން އެ ސަރުޚާރުގައި ތައާރަފްކުރީ އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނެސްގެންކަމަށް ޝުޖާއު ވިދާޅުވި އެވެ.
"ރެޒިޑެންސީ ޕްރޮގްރާމްތައް ކުރީގެ ސަރުކާރުތަކަށް ހިންގިފައި ނެތީ އެންމެ ރަނގަޅަށް މާކެޓުކުރެވިފައި ނެތުމުގެ ސަބަބުން، މިހާރުވެސް އެކްޓިވްކޮށް 150އަށް ވުރެ ގިނަ ވިސާގައި މިގޮތަށް ބޭރުގެ ރައްޔިތުން އެބަ އުޅޭ" ޝުޖާއު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި މިކަން ކުރާއިރު ފެންނަ އޮތްހަމައެކަނި ތަފާތަކީ މިކަން ކުރާކަން ރައްޔިތުންނަށް ހާމަކަން ބޮޑު ގޮތެއްގައި އަންގައިގެން ކުރުން ކަމަށާއި ބޭރުގެ ބަޔަކަށް ރާއްޖެއިން ރެޒިޑެންސީ ވިސާ ދޫކުރާއިރު ދިވެހިންނަށް އެކަން އެނގެންވާނެކަމަށް ރައީސް މުއިއްޒު ދެކިލައްވާކަމަށް ޝުޖާއު ވިދާޅުވި އެވެ.
"ދިވެހި އެއްވެސް ރައްޔިތަކު ކަންބޮޑުވާން ޖެހޭކަމެއް ނޫން މިއީ، އިގްތިސާދު ސިންދަފާތު ކުރުމަކީ ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތެއް، ފަތުރުވެރިކަމަށް ބިނާބވެފައި އޮތް އިގްތިސާދެއްގައި އެހެން ދިމާތަކުން ނަފާ ހޯދުމަކީ ކުރަން ޖެހޭނެ ކަމެއްކަން މި ހުރިހާ މެމްބަރުންވެސް ގަބޫލުކުރޭ،"
މިކަން ހަވާލުކޮށްފައިވާ ކުންފުނި، ހެންލީ އެންޑް ޕާޓްނާޒް އަކީ ޔޫރަޕިއަން ޔޫނިއަން ކޯޓް އޮފް ޖަސްޓިސްއިން 2025 ވަނަ އަހަރު ގާނޫނާ ހިލާފުކަމަށް ނިންމާފައިވާ ކުންފުންޏެއް ކަމަށާއި 2014 ވަނަ އަހަރު އެމެރިކަގެ ފިނޭންޝަލް ކްރައިމްސްއެންފޯސްމަންޓް ނެޓްވޯކުން ޣައިރު ގާނޫނީ މުއާމަލާތް ހިންގާފައިވާ ކުންފުންޏެއްކަމަށް ޑރ. ޝަމްހީދުގެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ޝުޖާއު ވިދާޅުވީ ޕްރޮގްރާމްގެ ސިޔާސަތުތަކާއި ގުޅޭ ނިންމުންތަކާއި ޝަރުތުތަކާއި އިންވެސްޓްމަންޓްތައް ފާސްކުރުމާއި ރެޒިޑެންސީ ވިސާ ދޫކުރުމާއި ހިފެހެއްޓުމާއި ބާތިލްކުރުމުގެ އެންމެ ފަހުގެ ނިންމުން ނިންމުމުގެ އިހުތިޔާރު އޮންނާނީ ދިވެހި ސަރުކާރަށް ކަމަށެވެ.
ބޭރުގެ އެއްވެސް ބަޔަކަށް ދިވެހި ރަށްވެހިކަން ދިނުމަށް މި ސަރުކާރުން މަސައްކަތް ނުކުރާ ކަމަށާއި ރާއްޖެ ފަދަ ނާޒުކު އިގްތިސާދެއް އޮތް ގައުމަކަށް އިންވެސްޓަރުންގެ އިތުބާރު ލިބި ރާއްޖެއަށް އޭގެ މަންފާކުރާނީ ޕާލް ރެޒިޑެންސީ ފަދަ ޕްރޮގްރާމްތައް އިތުރުކޮށްގެންކަމަށް ޝުޖާއު ވިދާޅުވި އެވެ.



