އެމްޑީޕީގެ ދޮގު، ނުބައި ވާހަކަތަކާމެދު ދިވެހި ރައްޔިތުން ހޭލުންތެރިވާންޖެހޭ: ފަލާހު
މިންހާ އަބްދުالله

މެމްބަރު ފަލާހު މަޖިލީހުގައި ވާހަކަ ދައްކަވަނީ
SHARE
އިދިކޮޅު ޕާޓީ، އެމްޑީޕީއިން ދައްކަމުންދާ ދޮގު ނުބައި ވާހަކަތަކާ މެދު ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރިވާން ޖެހޭ ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ޕާލް ރެޒިޑެންސް ޕްރޮގްރާމް ނުވަތަ އިންވެސްޓަރުންނަށް ދާއިމީ ވިސާ ދިނުމުގެ ޕްރޮގްރާމާއި ދެކޮޅަށް އެމްޑީޕީއިން ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ ފަހަކަށް އައިސް ކަންކަމުގެ ހަގީގަތް އޮޅުވާލަން އެމްޑީޕީގެ މެމްބަރުން މަސައްކަތް ކުރައްވާ ކަމަށެވެ.
ސަރުކާރުގް ޕާލް ރެޒިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ މި ސަރުކާރުން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ގާނޫނު ފާސްކުރީ ބޮޑެތި އިންވެސްޓަރުން ރާއްޖެ ގެނައުމަށް ކަމަށެވެ. އަދި އިންވެސްޓަރުން ގެނައުމަށްޓަކައި އެ މީހުންނަށް ރާއްޖެއިން ފަހި ފުރުސަތުތަކެއް ހޯދައިދޭން ޖެހޭ ކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ ނ އަތޮޅުގައި ހިންގަން ނިންމާފައިވާ ޕްރޮގްރާމްގެ ސަބަބުން އެއްވެސް ބޭރު ރައްޔިތަކަށް ދިވެހި ރައްޔިތުންނަށް ލިބޭ ހުރިހާ ފުރުސަތުތަކެއް ލިބިގެން ނުދާނެ ކަމަށެވެ. އެ މީހުންނަށް ލިބިގެން ދަނީ ހަމައެކަނި ރާއްޖޭގައި އުޅުމުގެ ދާއިމީ ހުއްދަކަމަށް ވިދާޅުވި އެވެ.
"ނ އަތޮޅުގައި މި ހިންގާ ޕްރޮޖެކްޓާއި ރިސޯޓުތައް ތަރައްގީކުރުން ފަދަ ޕްރޮޖެކްޓުތަކާ އެއްވެސް ތަފާތެއް ނޯންނާނެ، ދައްކަން ޖެހޭ ހުރިހާ ޓެކްސެއް ދައްކަން ޖެހޭނެ، މި ގަރާރުގައި އެކަންވެސް އޮޅުވާލުމަށް މަސައްކަތް އެބަ ކުރޭ، ގަރާރުގައި ބުނަނީ އެއްވެސް ވަރަކަށް ޓެކްސް ދައްކަން ނުޖެހެޔޭ، އެތަނަށް އަންނަ މީހުން ބޭނުން ގޮތަކަށް އުޅެންވީއޭ، އެތާ ފައްޅިވެސް އަޅަންވީއޭ، ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރިވާން ޖެހޭ އެމްޑީޕީއިން މި ދައްކާ ދޮގު ނުބައި ވާހަކަތަކާ ދޭތެރޭ،" ފަލާހު ވިދާޅުވި އެވެ.
މީގެ ކުރިން ދޫކޮށްފައިވާ މިފަދަ ވިސާތަކަށް އަލިއަޅުވާލައި ފަލާހު ވިދާޅުވީ 2015 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޯޕަރޭޓް ރެޒިޑެންސް ވިސާ ދޫކުރަން ފެށި ކަމަށާއި އަދި މިދިޔަ ސަރުކާރުގައި، 2021 ވަނަ އަހަރު ވެސް ދާއިމީ ވިސާ ދޫކޮށްފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ.
އެގޮތުން 2021 ވަނަ އަހަރު 168 މީހުންނަށް ދާއިމީ ވިސާ ދޫކޮށްފައިވާއިރު އޭގެތެރެއިން 150 އަށްވުރެ ގިނަ މީހުން މިހާރުވެސް ރާއްޖޭގައި އުޅެމުންދާކަމަށް ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ މިކަމުގައި ތަފާތަކީ އެމްޑީޕީއިން ފުރުސަތު ދިނީ ކުދި ކުދި ބައިވަރު އިންވެސްޓަރުންނަށް ކަމަށްވާއިރު މި ސަރުކާރުން މި ފުރުސަތު ދެނީ 500 މިލިއަން ޑޮލަރު އިންވެސްޓްކުރާ ފަރާތްތަކަށް އެކަނި ކަމަށެވެ.
" މިދިޔަ ސަރުކާރުގައި އިންވެސްޓަރުން ނުލިބިގެން ދެ ލައްކަ ފަންސާސް ހާސް ޑޮލަރު އިންވެސްޓު ކުރީމަ ދާއިމީ ވިސާ ދީފައި އެބަހުރި، މިއީ އެމްޑީޕީއަށް ވީ ވަރު،" ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ 500 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ގެނައުމުން ރާއްޖޭގައި ދިރިއުޅުމަށް ވިސާ ދިނުމަކީ ރާއްޖޭގެ ރައްޔިތުކަން ދިނުން ނޫން ކަމަށެވެ. އެވަރު ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ ބޭފުޅުންނަށް މަހަކު އެއްފަހަރު ރާއްޖެއިން ބޭރަށް ގޮސް އަލުން ރާއްޖެ އައުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށް ވިދާޅުވި އެވެ. އަދި ދުބާއީގެ ސްޕެޝަލް އިކޮނޮމިކް ޒޯނުގައި ކަންކަންވާ ގޮތް ގަރާރު ހުށަހެޅުއްވި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދަށް އެނގިނުލައްވަނީތޯ ނޫނީ އެނގިވަޑައިގަންނަވާއިރުވެސް ރައްޔިތުންނަށް އޮޅުވާލަން ބޭނުންފުޅު ވަނީތޯ ފަލާހު ސުވާލު އުފެއްދެވި އެވެ.


