ސޯލިހު ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވުމުން "ނަނާ ހުވަފެން ދުށީމޭ" ޅެމުން ނަޝީދު ފާޑުވިދާޅުވެއްޖެ
ސައިފުﷲ އަލީ

SHARE
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވުމާ ގުޅިގެން، އެ މަނިކުފާނުގެ ސިޔާސީ އުންމީދުތަކަށް ނުސީދާކޮށް ފާޑުވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު "ނަނާ ހުވަފެން ދުށީމޭ" ޅެންބައިތު އެކްސްގައި ހިއްސާކުރައްވައިފިއެވެ.

މި ޕޯސްޓަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް ރައީސް ސޯލިހު ކުރައްވާ މަސައްކަތްޕުޅަށް ނިސްބަތްކުރައްވައި، އެ މަނިކުފާނު ދެކެވަޑައިގަންނަވާ ސިޔާސީ އުންމީދުތަކަށް އިޝާރާތްކުރައްވައި ކުރެއްވި ޕޯސްޓެކެވެ. މިއީ އެމްޑީޕީގެ އެތެރޭގެ ސިޔާސީ ވާދަވެރިކަން އަނެއްކާވެސް ބޮޑުވެގެން ދިޔަ ދަނޑިވަޅެއްގައި ހިނގައިދިޔަ ކަމެކެވެ.
ހުސައިން ސަލާހުއްދީން ހައްދަވައި، ނައިފަރު ދޮހޮއްކޮ ކިޔުއްވާފައިވާ "ނަނާ ހުވަފެން ދުށީމޭ" މި ޅެމަކީ ދިވެހި އަދަބިއްޔާތުގައި މަޝްހޫރު ޅެމެކެވެ. ރައީސް ނަޝީދު ވަނީ މި ޅެމުގެ މުޅި ބައިތުތައް އެކީގައި އެކްސްގައި ނަކަލުކުރައްވައި ހިއްސާކުރައްވައިފައެވެ.
ރައީސް ނަޝީދު ވަނީ މީގެ ކުރިންވެސް ސިޔާސީ ތަފާތު ކަންކަމުގައި ދިވެހި އަދަބީ ޅެންތަކާއި ރައިވަރު ބޭނުންކުރައްވައިގެން ހިޔާލު ފާޅުކުރައްވައިފައެވެ. މި ޕޯސްޓާއެކު އެމްޑީޕީގެ އެތެރޭގެ ސިޔާސީ މަޝްރަހު ވަނީ އިތުރަށް ހޫނުވެފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާ އިރު، ޕާޓީގެ އެތެރޭގައި ދެ ބޭފުޅުންގެ މެދުގައި ވަނީ ސިޔާސީ ގޮތުން ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. ރައީސް ސޯލިހު ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމެވުމާ ގުޅިގެން ޕާޓީގެ އާންމު މެންބަރުންގެ މެދުގައިވެސް ވަނީ ތަފާތު ހިޔާލުތައް އުފެދިފައެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ރައީސް ސޯލިހު ނިންމެވީ އެ މަނިކުފާނުގެ ގާތް އެމްޑީޕީގެ ޓީމަކާއެކު ބޭއްވެވި ބައްދަލުވުމަކަށް ފަހުއެވެ. ނަމަވެސް އެކަން އަދި ރަސްމީކޮށް އިއުލާނުކުރައްވާފައެއް ނުވެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުރުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ހިމެނިވަޑައިގަންނަވައެވެ.


