އެމްޑީޕީގެ ޑިމާންޑަކީ ޑޮލަރުގެ އަގު 10 ދުވަސްތެރޭ 19 ރުފިޔާއަށް ތިރިކޮށް, މަސްދުވަސްތެރޭ 17 ރުފިޔާއަށް ތިރިކުރުން
އައިޝަތު ހިދާޔާ

SHARE
ކުރިއަށް އޮތް 10 ދުވަސްތެރޭ ޑޮލަރުގެ އަގު 19 ރުފިޔާއަށް ތިރިކޮށް, އެއްމަސް ދުވަސްތެރޭ އެ އަގު 17 ރުފިޔާއަށް ތިރިކުރުމަށް އިދިކޮޅު އެމްޑީޕީން ސަރުކާރަށް ޑިމާންޑް ކޮށްފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން, ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ ޑޮލަރުގެ އަގު މަސްދުވަސްތެރޭ 17 ރުފިޔާއަށް ކުޑަކުރަން ގޮވައިލަނީ, އެއީ މި ސަރުކާރުން ވެރިކަމާ ހަވާލުވީއިރު ޑޮލަރުގެ އަގު ހުރި މިންވަރު ކަމަށް ވާތީ ކަމަށެވެ. ނަޝީދު ވިދާޅުވީ މަސްދުވަސްތެރޭ 17 ރުފިޔާއަށް ޑޮލަރުގެ އަގު ކުޑަކުރުމަކީ އެމްޑީޕީގެ ވެރިކަމެއްގައި ކުރެވިދާނެ ކަމެއްކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށެވެ.
ޑޮލަރުގެ އަގު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކަކީ "އިގްތިސާދީ އިލްމުގައި" ވަރަށް ސާފުކޮށް އެނގެން އޮތް ކަމެއްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ, މިކަންކަން ނުކޮށް ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވާން ސަރުކާރުން ދޫކޮށްލާފައި ވާކަމީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
ނަޝީދު ވިދާޅުވީ ޑޮލަރުގެ އަގު ބޮޑުވުމުގެ ސަބަބުން ތަކެތީގެ އަގު ވެސް އިންތިހާއަށް ބޮޑުވާކަމަށެވެ. އަދި މާލޭ ވިޔަފާރި ބަނދަރުގެ މަސައްކަތް ރަނގަޅަށް ނުހިނގާކަމުގެ ކަންބޮޑުވުން ވެސް ނަޝީދު ވަނީ ފާޅުކުރައްވާފައެވެ.
"ޑޮލަރު ވަރަށް މަދު ރާއްޖޭގައި އެކަމަކާމެދު ޝައްކެއް ނެތް. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު މިހާރު ގޮސް 22 ރުފިޔާއަށް އަރާ ހަމަވަނީ. މިގޮތަށް ޑޮލަރުގެ އަގު އުފުލިގެން ދަނީނަމަ ރާއްޖޭގައި ހައިޕާ އިންފްލޭޝަން, އެއީ ކޮންމެ ހަފުތާއަކުން 50 ޕަސަންޓަށް ތަކެތީގެ އަގު އުފުލުނީމައި މާހިރުން މި ބުނަނީ އެއޮތީ ހައިޕާ އިންފްލޭޝަން އުފެދިފައޭ," ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މި ހާލަތަށް ވެއްޓިއްޖެނަމަ, ހައިޕާ އިންފްލޭޝަންއިން އަރައިގަންނަން އުނދަގޫ ވާނެކަމަށެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ, ޑޮލަރު މަދުވަނީ ގިނައިން ޚަރަދު ކުރާތީ ކަމަށާއި މި ސަރުކާރުގެ ޚަރަދުތައް ވެސް އިންތިހާއަށް ބޮޑު ކަމަށެވެ. އަދި ދަރަނި އަނބުރާ ދެއްކުމަށް ދަރަނި ރީސްޓްރަކްޗާ ކުރުމުގެ އެއްވެސް މަސައްކަތެއް ވެސް މި ސަރުކާރުން ނުކުރާކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން އެމނަިކުފާނު ފާޅުކުރެއްވިއެވެ.
އެމްޑީޕީން ވަނީ ޑޮލަރުގެ ދަތިކަމާއި ތަކެތީގެ އަގުބޮޑުވަމުންދާތީ "ދަތިވެއްޖެ"ގެ ނަމުގައި މާދަމާ ރޭ މާލޭގައި މުޒާހަރާއެއް ކުރަން ވެސް ނިންމާފައެވެ.


