މިއަދަށް ތާވަލްކުރި މަޖިލީހުގެ ކުއްލި ޖަލްސާ ކެންސަލް ކޮށްލައިފި
އައިޝަތު ހިދާޔާ

ރައްޔިތުންގެ މަޖިލިސް --
SHARE
މިއަދަު ބާއްވަން ތާވަލްކުރި ރައްޔިތުންގެ މަޖިލީހުގެ ކުއްލި ޖަލްސާ ފަހު ވަގުތު ކެންސަލް ކޮށްލައިފިއެވެ.

އާންމުކޮށް މަޖިލީހުގެ ޖަލްސާތައް ބާއްވަނީ ހޯމަ, އަންގާރަ އަދި ބުދަ ދުވަހުއެވެ. މިއަދު ޖަލްސާއެއް ބާއްވަން ނިންމީ މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ހުރުމުންކަމަށް އިއްޔެގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވިއެވެ.
މިއަދު ޖަލްސާ ކެންސަލްކޮށްފައި ވާކަން ހާމަކުރައްވާ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ)ވަނީ އެކްސް ގައ ޕޯސްޓެއް ކުރައްވައިފައެވެ. މި ޕޯސްޓުގައި ވަނީ, މިއަދު ޖަލްސާ އޮންނަކަން މަޖިލީހުގެ އިދާރާއިން އަންގައި މެމްބަރުންނަށް މެސެޖު ފޮނުވީ ރޭ 1:30ގައި ކަމަށެވެ. ޖަލްސާ އޮންނާނެ ގަޑިއާއި ޖަލްސާގެ އެޖެންޑާ ފަހުން އަންގާނެކަމަށް އެ މެސެޖުގައި ވެއެވެ.
ނަމަވެސް މި ޖަލްސާ ކެންސަލްވިކަން އެންގީ, މިއަދު ހެނދުނު 9:58ގައި މަޖިލީހުގެ އިދާރާއިން މެމްބަރުންނަށް ފޮނުވި މެސެޖެއްގައެވެ.
"އަދި ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ތާރީޚެއް މެމްބަރުންނަށް ފަހުން އަންގާނެ ވާހަކަ ދަންނަވަން," އެ މެސެޖުގައި ވެއެވެ.
ކުޑޫ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓުގައި ވަނީ, ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނިޒާމީ ހަމަތަކުގެ މަތިން ކުރިއަށް ނުގެންދެވޭނަމަ، އެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރާއި ޔަގީންކަން މުޅިން ގެއްލިގެން ދިއުމުގެ ބިރު އެބައޮތް ކަމަށެވެ.
މަޖިލީހުގައި މިވަގުތު އެންމެ ބާރުމިނުގައި ކުރިއަށް ގެންދަނީ ކައުންސިލްތަކުން ބަލަހައްޓާ ބިންތައް ސަރުކާރަށް ނެގޭގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތެވެ. މި އިސްލާހަކީ ކައުންސިލްތަކުގެ ބާރުވެރިކަން ކުޑަވާގިތަށް ހުށަހަޅާފައިވާ ދެކޮޅު ނުޖެހޭ ބިލެއްކަމަށް ބުނެ އިދިކޮޅުން ދަނީ ނުރުހުން ވެސް ފާޅުކުރަމުންނެވެ.


