logo
World Cup 2026

މިއަހަރުގެ ފަހު ދެ ކުއާޓާގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރާނެ: އަމީން

މިރާޝް މޫސާ

20 ޖޫން 2026 - 15:45
މިއަހަރުގެ ފަހު ދެ ކުއާޓާގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރާނެ: އަމީން

ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން --- ފޮޓޯ: ޕީއެސްއެމް

SHARE

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިއަހަރުގެ ތިންވަނަ އަދި ހަތަރުވަނަ ކުއާޓާގައި މިހާރަށްވުރެ ރަނގަޅުވާނެކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

https://www.facebook.com/profile.php?id=100068970763489&mibextid=ZbWKwL

މިއަހަރު ރާއްޖެއަށް އައި 1 މިލިޔަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށް ބޭއްވި ހަރަކާތައްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާއަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ފުރިހަމައަށް މަސައްކަތް ކުރަމުންދާކަމަށެވެ. މިއަހަރުގެ ފެށުމުގައި 2.5 މިލިޔަން ފަތުރުވެރިން ގެނައުމުގެ އަމާޒެއް ކަނޑައެޅި ނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ދަތުރުފަތުރުގެ ދާއިރާއަށް އައި ބަދަލުތަކާއެކު ބައެއް ގޮންޖެހުންތަކާ ކުރިމަތިވިކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް މިދިޔަ އަހަރެކޭ އެއްގޮތަށް މިމަހުގެ ތެރޭގައި އެއް މިލިޔަން ފަތުރުވެރިންގެ އަމާޒު ހާސިލުވުމަކީ ފަތުރުވެރިކަމުގެ މިސްރާބު ރަނގަޅުކަމުގެ ހެއްކެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ރާއްޖެއަށް އަންނަ އެއަލައިންތަކުގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން ޖެނުއަރީ އަދި ފެބްރުއަރީ މަހުން ފެށިގެން އެއަލައިންތަކާ ގުޅިގެން ރާއްޖެއަށް އަންނަ ރޫޓުތައް އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. މީގެ އިތުރުން މިއަދުވެސް އައު އެއަލައިންއެއް ރާއްޖެއަށް ދަތުރުތައް ފަށާފައިވާއިރު، ކުރިއަށް އޮތްތަނުގައި ފްރެންޗް އެއަލައިންއަކުން ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު މައުލޫމާތު ދެއްވިއެވެ. ކުރިއަށް އޮތް މަހުގެ ތެރޭގައި ޗައިނާ އަދި ރަޝިޔާގެ މާކެޓުތަކަށް އަމާޒުކޮށް ފަތުރުވެރިކަން އިތުރުކުރުމަށް ހާއްސަ ހަރަކާތްތަކެއް ރޭވިފައިވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މިއަހަރުގެ 3 ވަނަ އަދި 4 ވަނަ ކުއާޓާގައި ފަތުރުވެރިން އަންނަ މިންވަރު މިހާރަށްވުރެ ރަނގަޅުވާނެކަމަށް އަންދާޒާތަކުން ދައްކާކަމަށް ވަޒީރު ވިދާޅުވިއެވެ. 2.5 މިލިޔަން ފަތުރުވެރިންގެ އަމާޒަށް ފުރިހަމައަށް ނުދެވުނު ނަމަވެސް، މިދިޔަ އަހަރުގެ ޓާގެޓް ކަމަށްވާ 2.24 މިލިޔަނާ ހަމައަށް ވާސިލުވުމަކީ ވެސް ބޮޑު ކާމިޔާބީއެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިހާރު ދުވާލަކަށް އެވްރެޖްކޮށް ރާއްޖެއަށް 5000 އިން މަތީގެ ފަތުރުވެރިން އަންނަމުންދާކަމަށާއި، މި ރޭޓުގައި މަސައްކަތްތައް ކުރިއަށް ގެންދެވޭނަމަ މިއަހަރުގެ 4 ވަނަ ކުއާޓާ ނިމޭއިރު ސަރުކާރުގެ އަމާޒަށް ވަރަށް ބޮޑަށް ކައިރިވެވޭނެކަމަށް ވަޒީރު ޔަގީންކަން ދެއްވިއެވެ.

ކޮމެންޓް
https://www.facebook.com/KOTHTHUHUTMALE?mibextid=LQQJ4d