ޓޫރިޒަމަށް ދޫކުރުމުން ތަރައްގީނުކޮށް އަށް އަހަރުވެ, ޖޫރިމަނާ ވަކި އަދަދަކަށްވުރެ އިތުރުވެފައިވާ ތަންތަން އަތުލަނީ
އައިޝަތު ހިދާޔާ

SHARE
ޓޫރިޒަމަށް ދޫކޮށްފައިވާ ތަންތަން ތަރައްގީނުކޮށް ގިނަދުވަސްވެފައިވާނަމަ އިތުރު ފުރުސަތަކާ ނުލައި އެތަންތަނުގެ ކުލީގެ އެއްބަސްވުންތައް ބާތިލުކުރެވޭ ގޮތަށް އާ ގަވާއިދެއް ޓޫރިޒަމް މިނިސްޓްރީން މިއަދު އެކުލަވައިލައިފިއެވެ.

މި ގަވާއިދުގައި ވަނީ, ފަތުރުވެރިކަމުގެ ބޭނުމަށް ކުައްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން, ތަރައްގީކުރަން ދީފައިވާ މުއްދަތުން އަށް އަހަރު ފާއިތުވެ ކުއްޔާއި ޖޫރިމަނާގެ ފައިސާގެ ގޮތުގައި ދިހަ މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ދައްކަންޖެހޭ ތަންތަން އިތުރު ފުރުސަތެއް ދިނުމަކާ ނުލައި ކުލީ އެއްބަްވުންތައް ބަތިލުކުރެވޭނެ ކަމަށެވެ.
މީގެއިތުރުން, ތަރައްގީކޮށް ނިމިފައިނުވާ ތަންތަނުގެ ތެރެއިން ގްރޭސް ޕީރިއަޑަށްފަހު ކޮންސްޓްރަކްޝަން ޕީރިއަޑު 60 މަސްދުވަހަސްވުރެ ގިނަދުވަހަށް އިތުރުކޮށްފައިވާ ތަންތަނާއި ކުލީގެ މުއްދަތުން އަށް އަހަރު ފާއިތުވެ, ތަރައްގީކުރުމުގެ 15 ޕަސަންޓަށްވުރެ ދަށް ތަންތަން އިތުރު ފުރުސަތެއް ދިނުމަކާ ނުލައި އެތަންތަނުގެ ކުލީގެ އެއްބަސްވުން ބާތިލު ކުރެވޭނެ ކަމަށް ވެސް މި ގަވާއިދުގައި ވެއެވެ.
ތަރައްގީކޮށް ނިމިފައިނުވާ ތަންތަނުގެ ތެރެއިން ގްރޭސް ޕީރިއަޑް ހަމަވެ, މުއްދަތު އިތުރުކޮށްފައިނުވާ އަދި ކުލީގެ މުއްދަތު އަށް އަހަރު ދުވަސް ހަމަނުވާ ތަންތަނަށް މި ގަވާއިދަށް އަމަލުކުރަން ފެށުމަށްފަހު ކޮންސްޓްރަކްބަން ޕީރިއަޑު އިތުރުކުރުމަށް އެއް ފުރުސަތު ފެވޭނެކަމަށްމި ގަވާއިދުގައި ވެއވެެ. އެ މުއްދަތުގައި ތަން ތަރައްގީކޮށް ޚިދުމަތްދޭން ނުފެށިއްޖެނަމަ, އެ ތަނެއްގެ ކުލީ އެއްބަސްވުން ބާތިލުވާނެކަމަށް މި ގަވާއިދުގައި ވެއެވެ.
މި ގަވާއިދުގައިވާގޮތުން, ކުލީ އެއްބަސްވުމަށް އަށް އަހަރުވެފައިވާ ތަންތަނުގެ ތެރެއިން ތަން ތަރައްގީކޮށް ނިމިފައި ނުވިނަމަވެސް, އިމާރާތް ކުރުމުގެ މުއްދަތު އޮތް އަދި މަސައްކަތް ކުރިއަށްދާ ތަންތަނުގެ މަސައްކަތް ހިނގާ މިންވަރު ބެލުމަށްފަހު އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ފުރުސަތު މިނިސްޓްރީއަށް ލިބިގެން ވާނެއެވެ.
މިފަދައިން ކުލީ އެއްބަސްވުން ބާތިލުކުރާނަމަ, އެތަނަކާ ގުޅިގެން އަރާފައިވާ ކުއްޔާއި ޖޫރިމަނާގެ ފައިސާ އެތަނެއް ކުއްޔަށް ހިފާފައިވާ ފަރަތުން ދައުލަތަށް ދައްކަންޖެހޭނެ ކަމަށް މި ގަވާއިދުގައި ބުނެއެވެ.


