ތ. އަތޮޅުގައި 175 މިލިއަން ޑޮލަރުގެ ޓައުންޝިޕެއް ތަރައްގީކުރަނީ
ސައިފުﷲ އަލީ

SHARE
ބްލޫ ސިނާޖީ އިންވެސްޓްމަންޓްސްއާއި އިނގިރޭސިވިލާތުގެ ލަންޑަނުގެ އެމެރަލްޑް ކޯޕަރޭޓްސް ގުޅިގެން، 175 މިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކޮށްގެން ތ. އަތޮޅުގައި "ތާ އައިލެންޑް ކްލަސްޓަރ ސަސްޓެއިނަބަލް ޓައުންޝިޕް" ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށް ނިންމައިފިއެވެ. މި މަޝްރޫޢުގެ ދަށުން ތިމާވެއްޓާ ރައްޓެހި އަދި އިއާދަކުރަނިވި ހަކަތައަށް ބިނާކޮށް، އެ ސަރަހައްދުގެ އިޤުތިޞާދު ފުޅާކުރުމަށް މަލްޓި-އައިލެންޑް ކޮންސެޕްޓަކަށް ޓައުންޝިޕެއް ބިނާކުރެވޭނެއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ދެ ކުންފުނީގެ ދެމެދުގައި ފަހުމުނާމާއެއްގައި މިހާރު ވަނީ ސޮއިކޮށްފައެވެ. ޒަމާނީ ވަސީލަތްތަކާއެކު ފަރުމާކުރެވޭ މި ޓައުންޝިޕުގައި ދިރިއުޅުމަށް ބޭނުންވާ އެންމެހައި ވަސީލަތްތަކުގެ އިތުރުން، ވިޔަފާރިއާއި މުނިފޫހިފިލުވުމުގެ ޚިދުމަތްތައް ވެސް ހިމެނޭނެއެވެ. މީގެ އިތުރުން، އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމަށާއި، ކަނޑުގެ ވަސީލަތްތައް ބޭނުންކޮށްގެން އާމްދަނީ ހޯދޭނެ ސިނާޢަތްތައް ތަރައްޤީކުރުމަށް މި މަޝްރޫޢުގައި ޚާއްސަ އިސްކަމެއް ދީފައިވެއެވެ.
ބްލޫ ސިނާޖީ އިންވެސްޓްމަންޓްސްއިން ހާމަކޮށްފައިވާ ގޮތުގައި، މިއީ ރާއްޖޭގެ އަތޮޅެއްގައި އަމިއްލަ ފަރާތަކުން މިހާތަނަށް ހިންގާ އެންމެ ބޮޑު އެއް އިންވެސްޓްމަންޓެވެ. މި މަޝްރޫޢުގެ ސަބަބުން ތ. އަތޮޅުގެ އިޤުތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ސަރަހައްދުގެ ރައްޔިތުންނަށް ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ. މި މަޝްރޫޢު އަމަލީގޮތުން ހިންގައި ތަންފީޒުކުރުމުގެ އެންމެހައި މަސައްކަތްތައް ކުރިއަށްގެންދާނީ ބްލޫ ސިނާޖީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފަޔާޒުގެ ބެއްލެވުމުގެ ދަށުންނެވެ.
މިފަދަ ބޮޑު މަޝްރޫޢެއް ތ. އަތޮޅުގައި ފެށުމަށް ތައްޔާރުވަމުންދާއިރު، ރާއްޖޭގެ އެހެން ސަރަހައްދެއްގައި ވެސް މިފަދަ ބިޔަ ޓައުންޝިޕެއްގެ މަސައްކަތް ދަނީ ކުރިއަށެވެ. އެގޮތުން، ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ނ. އަތޮޅުގައި ތަރައްޤީކުރާ "އައިލާ ސަސްޓެއިނަބަލް ޓައުންޝިޕް" މަޝްރޫޢުގެ މަސައްކަތް ވެސް ބާރުދުވެއްޔެއްގައި ކުރިއަށްދާ ކަމަށް އިންވެސްޓް މޯލްޑިވްސްއިން ބުނެފައިވެއެވެ. އެ މަޝްރޫޢަކީ ޖުމްލަ 790 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 12.2 ބިލިއަން ރުފިޔާގެ އިންވެސްޓްމަންޓެކެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމާއި އިޤުތިޞާދީ ތަރައްޤީއަށް އަންނަމުންދާ ބޮޑު ބަދަލެއްކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރެއެވެ.

.jpg&w=3840&q=75)
