އިތުރު ދަރަންޏެއް ނުނަގައި ސުކޫކް ދެއްކުމުން ނަޝީދުގެ ތައުރީފު ސަރުކާރަށް

އަޙްމަދު ސަދޫފް މޫސާ

SHARE
ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ބައިނަލްއަގުވާމީ ބާޒާރަށް ދޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު، އިތުރު ދަރަންޏެއް ނުނަގައި ދައްކައި ހަލާސްކުރުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ތައުރީފު ކުރައްވައިފިއެވެ.

"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، އިތުރު ދަރަންޏެއް ނުނަގައި ސުކޫކް ބޮންޑު އެއްކޮށް ދައްކައި ހަލާސްކުރުމަކީ ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދިޔަ ކަމެއް ކަމަށެވެ.
މިކަމަށްޓަކައި އެމަނިކުފާނު ވަނީ ސަރުކާރަށް މަރުހަބާ ދަންނަވާފައެވެ.
ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ސުކޫކަށް ދައްކަންޖެހޭ އަސްލު އަދަދު ކަމަށްވާ 500 މިލިއަން ޑޮލަރާއި، އޭގެ ފައިދާގެ ރޭޓަށްވާ 24.68 މިލިއަން ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން މިހާރު ވަނީ ދައްކައި ޚަލާސްކޮށްފައެވެ.
2021 ވަނަ އަހަރު އޭރުގެ ސަރުކާރުން މި ސުކޫކު ވިއްކާފައިވަނީ އޭގެ ކުރީގެ ސަރުކާރުން ނަގާފައިވާ 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު އަދާކުރުމަށެވެ.
ފިނޭންސް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ދުނިޔެއާއި ރާއްޖޭގެ އިގުތިސާދަށް ހީނަރުކަން ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގައި، އޭރުގެ މާލީ ބާޒާރުގެ އަގުތަކާއި އަޅާބަލާއިރު ބޮޑު އަގެއްގައި މި ސުކޫކު ވިއްކާފައިވަނީ އަނބުރާ ދެއްކުމުގެ ހަރުދަނާ ސިޔާސަތެއް ނެތި އެވެ.
ނަމަވެސް 2023 ވަނަ އަހަރުން ފެށިގެން މި ސަރުކާރުން ވަނީ ދަރަނި އަދާކުރުމުގެ ހަރުދަނާ މަސައްކަތްތަކެއް ފަށާފައެވެ. އެގޮތުން، ދައުލަތުގެ ދަރަނި އަދާކުރުމަށް ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) ބޭރު ފައިސާއިން ޖަމާކުރަން ފެށުމަކީ އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ބަދަލާއެކު އެސްޑީއެފްގެ ބޭރު ފައިސާގެ ބެލެންސް ވަނީ ތާރީހުގައި ފުރަތަމަ ފަހަރަށް 350 މިލިއަން ޑޮލަރަށްވުރެ އިތުރުވެފައެވެ.
މިއީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުން ފާހަގަކުރެއެވެ.


