ތިން ރައީސުންނަކީ އަމިއްލަ އެދުމުގެ އިންތިހާ: އަބްދުއްރަހީމް

އަޙްމަދު ސަދޫފް މޫސާ
SHARE
ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް ނިންމަވައި، ކުރީގެ ތިން ރައީސުން ކަމަށްވާ ރައީސް މުހައްމަދު ނަޝީދާއި، ރައީސް އަބްދުﷲ ޔާމީން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުގައި ބޭއްވި ބައްދަލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ތިން ރައީސުން އެކުގައި ތިއްބެވި ފޮޓޯއެއް އެކްސްގައި ހިއްސާކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެ ބޭފުޅުންނަކީ އަމިއްލަ އެދުމުގެ އިންތިހާ ކަމަށެވެ.
އަދި މީގެ ކުރިން އެ ބޭފުޅުންގެ ވެރިކަންތަކުގައި ހިނގާފައިވާ ބޮޑެތި ކަންތައްތަކަށް އިޝާރާތް ކުރައްވައި، އެ ހުރިހާ ކަމެއް މިހާރު އެ ބޭފުޅުންނަށް "އޯކޭ" ވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ގައުމީ ވައިގެ ބަނދަރު ވިއްކާލުމާއި، ދިރާގާއި ފެންކުންފުނީގެ ހިއްސާ ވިއްކާލުން ހިމެނެއެވެ. އަދި ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމާއި، ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމާއި، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ އިތުރުން ސިޔާސީ ލީޑަރުން ހައްޔަރުކުރުމުގެ މައްސަލަތައް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލުމާއި، ކޮވިޑް-19 ގެ ތެރޭގައި ހިނގި ވެންޓިލޭޓަރުގެ ވައްކަމާއި، އެމްޑީއެންގެ ރިޕޯޓުގެ މައްސަލައަކީ ވެސް މި ތިން ރައީސުންނަށް މިހާރު މައްސަލައަކަށް ނުވާ ކަންތައްތައް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"މިހިރަ ހުރިހައި ކަމެއް ވެސް މިތިއްބެވި 3 ރައީސުންނަށް މިހާރު އޯކޭ. މީ އަދި ކުޑަ މިންވަރެއް،" އަބްދުއްރަހީމް ލިޔުއްވާފައިވެއެވެ.
އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ކުރިން އެ ބޭފުޅުން ދެއްކެވި ހުރިހާ ވާހަކަތަކެއް ނުވަތަ "ކީ ހުރިހާ ޅެމެއް" މިހާރު ފަރިއްސަށް ވެ ނިމިފައިވާ ކަމަށެވެ.
މިއީ ސިޔާސީ މަސްރަހުގައި ރައީސް ޔާމީން އަދި އެމްޑީޕީގެ ދެ ރައީސުން އެކުގައި ފެނުނު ރަތަމަ ފަހަރު ކަމަށްވާއިރު، މިކަމާ ގުޅިގެން ސަރުކާރުގެ އިސްވެރިން ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.



