ޕީއެންސީ ހިންގަނީ ޑިމޮކްރެޓިކް އުސޫލުން، ވަކި ގޮތަކަށް ކަމެއް ނިންމަން ރައީސް ނާންގަވާނެ: އަބްދުއްރަހީމް

އަޙްމަދު ސަދޫފް މޫސާ

SHARE
ވެރިކަން ކުރާ ޕީއެންސީ ހިންގަނީ ޑިމޮކްރެޓިކް ރިވެތި އުސޫލުތަކުގެ މަތިން ކަމަށާއި، ވަކި ގޮތަކަށް ކަމެއް ނިންމުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެއްވެސް އިރަކު އަންގަވާފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ޕީއެންސީގެ ސެނެޓަށް ރައީސް މުޢިއްޒު ހުށަހެޅުއްވި ހުށަހެޅުމެއް ބަލައިނުގަތް ކަމަށް ބުނެ ނޫހެއްގައި ޝާއިއުކުރި ޚަބަރަކަށް ރައްދުދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޚަބަރުގައި ބުނެފައިވަނީ ކުރިއަށް އޮތް ޕާޓީގެ ކޮންގްރެސްގެ ހުރިހާ އިންތިޒާމުތަކެއް ލީޑަޝިޕުން ބޭނުންވާ ގޮތަކަށް ނިންމުމުގެ ބާރު ދިނުމަށް ރައީސް ހުށަހެޅުއްވި ނަމަވެސް، ސެނެޓުގެ އަގުލަބިއްޔަތުން އެކަމަށް ތާއީދު ނުލިބުނު ކަމަށެވެ.
މި ވާހަކަތައް ދޮގުކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ އެއީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށާއި، މެންބަރުންގެ މަޖިލީހުން ވަކި ގޮތަކަށް ކަމެއް ނިންމާކަށް ރިޔާސަތުން ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަނާޅުއްވާ ކަމަށެވެ.
އަދި ޕީއެންސީއަކީ ޑިމޮކްރަސީގެ ރިވެތި އުޞޫލުން ހިންގާ ޕާޓީއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އަދި އަބްދުއްރަހީމް ވިދާޅުވީ ފިތުނަ ފަސާދަ އުފައްދައިގެން ޕާޓީ ބައިބައި ނުކުރެވޭނެ ކަމަށާއި، ޕާޓީގެ މެންބަރުން ތިބީ ރައީސް ޑރ. މުޢިއްޒާއެކު ސާބިތުކަމާއެކީގައި ކަމަށެވެ.



