އަމިއްލަ އެއްވެސް ދަތުރެއް ސަރުކާރުގެ ޚަރަދުގައި ނުކުރަން: ރައީސް

އަޙްމަދު ސަދޫފް މޫސާ

SHARE
ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މިހާތަނަށް ކުރެއްވި އެއްވެސް އަމިއްލަ ދަތުރުފުޅަކަށް ދައުލަތުގެ ބަޖެޓުން އެންމެ ލާރިއެއްވެސް ބޭނުންކުރައްވާފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އަމިއްލަ ދަތުރުފުޅުތަކަށް ދައުލަތުގެ ފައިސާ ހަރަދުކުރާ ކަމަށް ބުނެ ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެފަދަ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ މަގާމުގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ އިނާޔަތްތަކާއި ހުއްދަތައް ހުރި ނަމަވެސް، ވެރިކަމާ ހަވާލުވެވަޑައިގަތީއްސުރެ އަމިއްލަ އެއްވެސް ދަތުރުފުޅަކަށް ނުވަތަ އާއިލީ ދަތުރުފުޅަކަށް ދައުލަތުގެ ނުވަތަ ރައްޔިތުންގެ ފައިސާ ބޭނުންކުރައްވާފައެއް ނުވެއެވެ.
"އަޅުގަނޑު މަޤާމާއި ހަވާލުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް އަމިއްލަ ދަތުރެއްކުރި އެއްވެސް ދަތުރެއްގައި އެއްވެސް ކަމަކަށް އަޅުގަނޑުގެ އަމިއްލަ ކަމެއްގައި އަދި ޢާއިލާ ކަމެއްގައި ސަރުކާރުގެ އެންމެ ފައިސާ ފޮއްޗެއްވެސް ރައްޔިތުންގެ އެންމެ ފައިސާ ފޮއްޗެއްވެސް ބޭނުންކޮށްފައެއް ނުހުންނާނެ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ކުރީގެ ބައެއް ރައީސުން މިހާރުވެސް ދައުލަތުގެ ހަރަދުގައި ދަތުރުފުޅުތައް ކުރައްވަމުން ގެންދަވާ ކަމަށާއި، އެ ދަތުރުފުޅުތަކުގެ ބިލްތައް އަދިވެސް ރައީސް އޮފީހަށް ލިބެމުންދާ ކަމަށެވެ.
ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ އަމިއްލަ ދަތުރުފުޅުތަކުގެ ހަރަދުތައް އަމިއްލައަށް ހަމަޖައްސަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ދައުލަތުގެ ރަސްމީ ދަތުރުފުޅުތަކުގެ ހަރަދު ކުޑަކުރުމުގެ ގޮތުން، ފަސްޓް ކްލާހުގެ ބަދަލުގައި ބިޒްނަސް ކްލާހުގައި ދަތުރުކުރެއްވުމަށްވެސް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.


